ބިލަންބޮން ހައި އިންޓަނޭޝަނަލް ސުކޫލުން އަންނަ އަހަރުން ފެށިގެން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުން ހުއްޓާލާ ކަމުގެ އަޑުތަކެއް މީސްމީއާގައި ފެންމަތިވެއްޖެއެވެ.
ބިލަންބޮން ހައި އިންޓަނޭޝަނަލް ސުކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން މިކަމާއި ގުޅިގެންދަނީ އެ ބެލެނިވެރިންގެ ޝުއޫރު މީސްމީޑިއާގައި ހާމަކޮށް ނުރުހުން ފާޅުކުރަމުންނެވެ.
"މިއަހަރު ފެށުނުއިރުވެސް އެބޭފުޅުން ބުނި އަޅުގަނޑުމެންގެ ކުދިންނަށް ރަނގަޅުގޮތް ހަމަޖައްސައިދެއްވާނެ ވާހަކަ، އެހެންނަމަވެސް ޓަސްލާފައި ކުއްލިއަކަށް އިއްޔެގައި އަޅުގަނޑުމެންގެ ޕޭރެންޓުންނާއި ވަކިވަކިން ބައްދަލުކޮށް ސުކޫލުގެ ޕްރިންސިޕަލް މި ބުނަނީ ނެތޭ އަޅުގަނޑުމެންނަކަށް ކުރިއަށް އޮތް އަހަރުން ފެށިގެންނެއް ހާއްސަ އެހީއަށް ބޭނުންވާ އެއްވެސް ކުއްޖަކަށް ކިޔަވައިދެވޭކަށް" ބެލެނިވެރިޔަކު ކަންބޮޑުވުމާއެކު ބުންޏެވެ.
އެސްކޫލުގެ ބެލެނިވެރިޔަކު ބުނީ، އެ ސްކޫލުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެނީ އެންމެ ކްލާސްރޫމެއްގައި ކަމަށާއި، އެކަމަށް ބޭނުންކުރަމުން އަންނަނީ މިވަގުތު ހަތަރު މުދައްރިސުން ކަމަށެވެ. ރިސޯސް ނެތްކަމަށް ބުނެ ސަރުކާރު ސްކޫލްތަކުން ޖާގަ ހޯދަން އެދިފައިވާއިރު، ރިސޯސް ނެތަކަމަށް ޤަބޫލުނުކުރާ އެބެލެނިވެރިޔާވެސް ކަންބޮޑުވުން ފާޅުކުރިއެވެ.
"އަޅުގަނޑުމެންގެ ކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން، ޕްރީ ސުކޫލުންސުރެ ގިނަ ކުދިން ހަމަ މިސުކޫލުގައި ކިޔަވަމުން މިދަނީ، އޭރުގަ އެމީހުން އަޅުގަނޑުމެންނަށް ޔަގީންކަންދީފައި އޮތީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ހުރިހާ ތެރަޕީތަކާއި، ހުރިހާއި ފެސިލިޓީ ލިބޭނެ ތަނަކަށް މިސުކޫލު ވާނޭ، މި ސުކޫލަށް ވަރަށް ބޮޑު ފީއެއް ދައްކައިގެން މިދަނީ، ރާއްޖޭގެ ހުރިހާ ސުކޫލެއްވެސް ހިލޭ އޮއްވައި" ބެލެނިވެރިޔަކު ބުންޏެވެ.
ކަންބޮޑުވުން ފާޅުކުރި އެއް ބެލެނިވެރިޔަކު ބުނީ، ގިނަ ކުދިންނަކީ ވަރަށް ތުއްތު އިރުންސުރެ އެ ސްކޫލަށް ގެންދާ ކުދިންކަމުން އެތަނަށް ވަރަށް ބޮޑަށް އެޓޭޗްވެފައިވާ ކަމަށެވެ. އަދި އެހެން ތަނަކަށް ބަދަލުކޮށް ހޭނެން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި، އެފަދަ ގޮތަކަށް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުން ހުއްޓާލުމަކީ އެދަރިވަރުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް ބެލެނިވެރިން ބުންޏެވެ.
"އަޅުގަނޑުމެން މިއަދު މިނިސްޓަރާއި ވެސް ބައްދަލުކުރިން. މިނިސްޓަރ ވިދާޅުވި ސަރުކާރުގެ ހުރިހާ ސުކޫލުތަކުންވެސް އެކުދިންނަށް ޖާގަ ދެވޭނެވާހަކަ. އެހެންނަމަވެސް އަޅުގަނޑުމެން އަސްލުގައި ބޭނުމެއްނުވޭ ސުކޫލެއް ރާއްޖޭގައި ހިންގާބަޔަކު އެކަހަލަ ޕޮލިސީއެއް ގެންގުޅޭކަށެއް. އެހެންކުދިންނަށްވެސް އެ ފުރުސަތު ލިބެންޖެހޭނެ. އަޅުގަނޑުމެންގެ ކުދިން އެތަނަށް ނުފޮނުވިކަމުގައިވިޔަސް އަދިވެސް ރާއްޖޭގެ ތިބޭނެ ދެއްތޮ ހާއްސަ އެހީއަށް ބޭނުންވާ ކުދިން. އެހެންވީމަ ސުކޫލެއް ހިންގަންނާ އެބޭފުޅުންޖެހޭނެ އެ ފުރުސަތުދޭން." ބެލެނިވެރިން މިކަމުގައި ކުރި މަސައްކަތް ހިއްސާކުރަމުން ބުންޏެވެ.
ދިވެހިންގެ ތެރޭގައި މަޤްބޫލު ބިލެބޮންގ އިންޓަނޭޝަނަލް ހައިސްކޫލުން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުން ހުއްޓާލަން ބޭނުންވަނީ، އެކުދިންނަށް ކިޔަވައިދޭން ބޭނުންކުރާ ކްލާސްރޫމުންވެސް ގިނަ ލާރި ހޯދޭނެ ގޮތްތަކަށް ބޭނުންކުރުމުގެ މަޤްޞަދުގައި ކަމަށް ބައެއް ބެލެނިވެރިން ވަނީ ތުހުމަތު ކޮށްފައެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަކީ އާދައިގެ ކުދިންނެކޭވެސް އެއްކްލާހެއްގައި ކިޔަވައިދެވޭ ދަރިވަރުންނަށް ހެދުމަށް އިލްމީ ފަރާތްތަކުން ބާރުއަޅުއްވައެވެ. ނަމަވެސް އެފުރުޞަތު ނުދެވުނު ނަމަވެސް އެފަދަ ދަރިވަރުންނަށް ކިޔަވައިދިނުން ބިލެބޮންގ އިންޓަނޭޝަލުން މާލޭގައި ހިންގާ ސްކޫލުން މުޅިން ހުއްޓާލުމަކީ ބެލެނިވެރިންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.




ހިޔާލު
އަޅުގަނޑުގެ ދަރިފުޅަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. ކިޔަވަމުންދަނީ ބިލަބޮންގ ހައި ގްރޭޑް 3 މެއިންސްޓްރީމް ކްލާހެއްގަ އެހެންކުދިނާއެކު. އަޅުގަނޑަށް އެނގިގެން މިފަދައެހެންކުދިން އެހެން ކްލާސްތަކުގަ ކިޔަވަމުންދަނީ. ވީމާ މިހަބަރުގެ ސުރުހީ މުޅިން ތެދެއްނޫން.
އަލީ ވިސާމް ގެ މަސައްކަތް ޕްރޮފެޝަނަލް ކޮށް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން