ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލުންގެ ފަރާތުން އައްޔަންކުރާ މެންބަރުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ނަންބަރު 1 އަލްއުސްތާޛް ޢަލީ ރަޝީދަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯއިން އެލް.އެލް.ބީ ވިތް އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އުމުރުފުޅުން 30 އަހަރުގެ ޢަލީ ރަޝީދު ޤައުމީ ޚިދުމަތާ ގުޅިވަޑައިގަތީ އޭނާގެ އުފަން ރަށް ދ.ރިނބުދޫގެ ކައުންސިލަރެއްގެ ގޮތުގައި އުމުރުން އެންމެ 21 އަހަރުގައެވެ. އެ ދައުރު ދ.ރިނބުދޫ ކައުންސިލްގެ ނާއިބް ރައީސްކަން ޢަލީ ރަޝީދު ކުރެއްވިއެވެ. އެއަށްފަހު ޢަލީ ރަޝީދުގެ ޚިދުމަތް ފެނިގެންދިޔައީ ޝަރުއީ ދާއިރާގައެވެ. މިވަގުތު ޢަލީ ރަޝީދަކީ އިދާރީ ތަހުޤީގުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ޤާނޫނީ ވަކީލެކެވެ.
ޢަލީ ރަޝީދު ފާހަގަކުރެވިފައިވަނީ ކުޅަދާނަ ބަހުސްކުރުންތެރިއެއްގެ ގޮތުގައެވެ. ޤައުމީފެންވަރުގެ ތަފާތު މުބާރާތްތަކުގައި އޭނާބައިވެރިވެ ރަންވަނަތައް ހޯއްދަވާފައި ވެއެވެ. އޭނާއަކީ ވާހަކަ ދެއްކުމުގެ ޤައުމީމުބާރާތުގެ ފަނޑިޔާރެއްވެސް މެއެވެ. މީގެ އިތުރުން، ލިޔުންތެރިކަމުގެ ހުނަރު ބޭނުން ކުރައްވައި، ތަފާތު ލިޔުއްވުންތައް ވެސް ވަނީ ޢަލީ ރަޝީދުގެ ޚިދުމަތެއްގެ ގޮތުން ދޫކުރައްވާފައެވެ. އޭގެ ތެރޭގައި، ޤާނޫނީ ދާއިރާގެ ދިރާސީ މަޒުމޫނުތައް ފާހަގަ ކޮށްލެވެއެވެ.
ޢަލީ ރަޝީދުގެ ޤައުމީ ޚިދުމަތް ނުހަނު ހަގު އުމުރުގައި ފެއްޓެވިނަމަވެސް އޭނާ ފާހަގަކުރެއްވިފައިވަނީ ހަރުދަނާ، ހިކުމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ހަރަކާތްތެރި ޒުވާނެއްގެ ގޮތުގައެވެ. ހުރިހާ އުމުރެއްގެ ބޭފުޅުންނާ ގުޅޭ އެކުވެރި ބޭފުޅެއްގެ ގޮތުގައެވެ. ހަމަހަމަކަމާއި އިންސާފަށް އޭނާ އަބަދުވެސް ވަކާލާތު ކުރައްވައެވެ. ވަކިން ޚާއްޞަކޮށް އޭނާގެ ނަޒާހާތްތެރިކަމާމެދު އެއްވެސް ސުވާލެއް އުފެދޭނެ ޖާގައެއް ނުދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢަލީ ރަޝީދު ކުރިމަތި ލައްވަނީ ވަރަށް ފޮނި އުންމީދެއްގައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ %65 އަކީ ޒުވާނުންނެވެ. އެހެންކަމުން ޖުޑީޝަލްސަރިވިސް ކޮމިޝަނުގައި ޒުވާނުންގެ ބައިވެރިވުން ތަމްސީލުވާންޖެހޭކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ޖުޑީޝަލްސަރވިސް ކޮމިޝަންގައި ހިމެނޭ މެންބަރުންގެ ހައިސިއްޔަތުން އެމެންބަރުންގެ އުމުރުގެ ތަފާތެއް ނެތި ހަމަހަމަކަމާއެކު ޒުވާނުންނަށް އެފުރުޞަތު ހޯއްދަވާ ދެއްވުމަށް ޢަލީ ރަޝީދު ވަކާލާތުކުރައްވައެވެ.
މިއަދު ޖުޑީޝަލް ސަރިވިސް ކޮމިޝަނަކީ ތަހުޤިޤީ އިދާރާއެއްގެ ގޮތުގައި މީހުންނަށް ފެނިފައިވިއަސް ކޮމިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ތަމްރީނާއި ރައްކާތެރި މާހައުލު ލިއްބައިދީ ސުލޫކީ މައްސަލަތައް މަދު ތަނަކަށް ޖުޑިޝަރީ ހެއްދެވުމުގެ ތަސައްވަރު ގެންގުޅުއްވާ އަލީ ރަޝީދަކީ އަބަދުވެސް ސިލެކްޓިވް ޖަސްޓިސްއާއި ދެކޮޅު ބޭފުޅެކެވެ. އޭނާ ދެކެވަޑައިގަންނަވާގޮތުގައި ނަޒާހާތްތެރި ފަނޑިޔާރުގެއެއް އުފައްދާ ރައްޔިތުންގެ އިތުބާރު އާލާކުރެވޭނީ ނިޒާމުތައް ފުރިހަމަ ކުރެވިގެންނެވެ.
މި އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ ޢަލީ ރަޝީދުގެ ހުރިހާ ވަގުތެއް މިކަމަށް ހުސްކުރެއްވުމަށް އޭނާވަނީ ނިންމަވާފައެވެ. ޕްރެކްޓިސްކުރުން ހުއްޓާލެއްވުމާއެކު، މަޤާމުގެ މުއްދަތުގައި ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއަކަށްވިއަސް ވަޑައިނުގަންނަވާނެކަމާއި ޤާނޫނީ އެއްވެސް ކަމަކަށް އެއްވެސް ކުންފުންޏަކަށް ނުވަތަ ފަރުދަކަށްވެސް ލަފާނުދެއްވާނެކަމާއި މަސްލަހަތު ފުށުއަރާ އެއްވެސް ކަމަކުން އޭނާ ފެނިވަޑައިނުގަންނަވާނެކަމުގެ ކަށަވަރުކަން އޭނާ ދެއްވައެވެ.
ސިޔާސީ ވަކި ފިކުރަކާ ހަސަދަވެރިވެ ވަކި ފިކުރެއްގައި ބަނދެވިގެން އަމިއްލަފުޅު މަޝްހޫރުކަން ހޯއްދެވުމަށް ނޫޅުއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކޮމެޓީގެ ސިއްރުތައް ހިފަހައްޓަވާނެކަމުގެ ޔަޤީންކަންވެސް ދެއްވައެވެ. ނަމަވެސް ހާމަކުރަންޖެހޭ ކަންކަން ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.