މާލެ ސިޓީ (މާލެ، ވިލިމާލެ، ހުޅުމާލޭ) ގައި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވޭނެ ދުވަސްތަކަކީ ހަމައެކަނި ޝަޢުބާން މަސް ތެރޭގައި ނުވަތަ ސްކޫލް ބޮޑު ބަންދު ކަމުގައި މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މި ގޮތަށް ނިނާމާފައި ވަނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 14 ވަނަ ކުއްލި ބައްދަލުވުމުގައެވެ.
އެ ކައުންސިލުން ވަނީ މިގޮތަށް ނިންމިކަން އާންމުކޮށް އަންގާފައެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ގެޒެޓްކޮށްފައިވާ ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މާލެ ސިޓީ (މާލޭ، ވިލިމާލޭ، ހުޅުމާލޭ) ގައި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަންވާނީ ކޮންމެ އަހަރެއްގައި 2 މުނާސަބަތާއި ގުޅިގެން ކަމަށް މާލެ ސިޓީކައުންސިލުން ނިންމާފައި ވާކަމަށެވެ.
އަދި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ މާލެ ސިޓީ ކައުންސިލުން އެކަމަށް އެދި ހުޅުވާލުމުން ކަމުގައިވެސް އެކައުންސިލުން ވަނީ ބުނެފައެވެ.



