ރެހެންދި ސްކޫލުން މީގެ ކުރިން ބޭއްވި ނައިޓްމާކެޓެއް / ފޮޓޯ: ޕީއެސްއެމް

ރެހެންދި ނައިޓް މާރކެޓް މިއަހަރުވެސް ބާއްވަނީ

ރެހެންދި ސުކޫލުގެ ފަރާތުން ބާއްވަމުން އަންނަ "ރެހެންދި ނައިޓް މާކެޓް" މިއަހަރުވެސް ބާއްވަން ނިންމައިފިއެވެ.

ސުކޫލުގެ ޕީޓީއޭގެ އިސްނަގައިގެން ބާއްވާ މި ނައިޓް މާކެޓަކީ ސްކޫލުގެ އެކި ހަރަކާތްތައް ހިންގުމަށްޓަކައި ފަންޑްރައިޒް ކުރުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށް ސްކޫލުގެ ޕީޓީއޭ އިން މައުލޫމާތު ދެއެވެ.

ރެހެންދި ނައިޓް މާކެޓް ބާއްވަމުން އަންނަތާ މިއަހަރު މިވަނީ 5 އަހަރު ކަމަށާއި، މި ނައިޓް މާކެޓްގެ މަޤުސަދަކީ ސުކޫލުގައި ހިންގޭ އެކިއެކި އިތުރު ހަރަކާތްތަކަށް ފަންޑްރައިޒް ކުރުން ކަމަށާއި، މިގޮތުން މިދިޔަ އަހަރު ތަކުގައި ބޭއްވި ނައިޓް މާކެޓް އިން ލިބުނު ފައިސާ، ކުދިންގެ އިތުރު ހަރަކާތް ތަކަށާއި، ސްކޫލުން ފާހަގަކުރި ދުވަސްތަކަށް ހަރަދު ކޮށްފައި ވާނެކަމަށް ޕީޓީއޭ އިން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރުގެ ނައިޓް މާކެޓް ލިބުނު ފައިސާ އިން މިއަހަރު ސްކޫލު ހުޅުވެން ވާއިރަށް ސްކޫލު ގޯތިތެރޭ ވާނީ ޓާފު އަޅައިފައި ކަމަށާއި، 2017 ވަނަ އަހަރު ސްކޫލުގެ ކްލާސް ރޫމު ތަކުގައި ޕްރޮޖެކްޓަރު ހަރުކުރީވެސް ނައިޓު މާކެޓުން ލިބުނު ފައިސާ ކަމަށް ޕީޓީއޭ އިން މައުލޫމާތު ދެއެވެ.

10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިއަހަރުގެ ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދު 2 ގައި ކަމަށާއި، ނައިޓް މާކެޓް އޮންނާނީ މިމަހުގެ ހަތަކުން 16 އަށް ކަމަށް ޕީޓީއޭ އިން މައުލޫމާތު ދެއެވެ.

ރެހެންދި ސްކޫލުގެ ޕީޓީއޭ އެކްސްކޯގެ ހަޒާންދާރު އުސްމާން އާމިރު "ފެށުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ނައިޓު މާކެޓުގައި 200 މޭޒު ބަހައްޓާނެ ކަމަށާއި، މިހާރު 75 ޕަސެންޓު މޭޒު ވިކިއްޖެ ކަމަށާއި، އަދި މާދަމާގެ ނިޔަލަށް މޭޒު ވިއްކުން ކުރިއަށް ދާނެކަމަށެވެ.

މީގެ ކުރިން ރެހެންދި ސްކޫލުން ބޭއްވި ނައިޓު މާކެޓު ތަކަށްވެސް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަ ކުރަށްވަމުން އުސްމާން ވިދާޅުވީ މިއަހަރުގެ ނައިޓު މާކެޓު ތަފާތު ވާނެ ކަމަށާއި، މިފަހަރު ސްޓޯލް ދޫކުރަނީ އަޅުގަނޑުމެން އަމިއްލައަށް ތައްޔާރުކޮށްފައި ކަމަށާއި، ސްޓޯލް ހިޔާކޮށް ކަރަންޓު ސޮކެޓުވެސް ލައިދޭނެކަމަށެވެ.

މިއަހަރުގެ ނައިޓް މާކެޓްގެ މޭޒުތަކުގެ އަދަދު ކުރީ އަހަރުތަކަށް ވުރެން އިތުރުވާނެ ކަމަށާއި، މިއަހަރުގެ ނައިޓް މާކެޓް ގައި 200 މޭޒު ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މޭޒެއްގެ އަގަކީ 6،500 ރުފިޔާ ކަމަށް އުސްމާނު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މިއަހަރު ނައިޓް މާކެޓުން ލިބޭ ފައިސާ އިން އެންމެ އިސްކަމެއް ދޭނީ ސްކޫލު ލައިބްރަރީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ