މިއަހަރު ރަސްފަންނުގައި ބާއްވާ "މާލެ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއަހަރުވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ސްކައި ލައިޓް އެޑްވަޓައިޒިން އިން ބާއްވާ މި ނައިޓް މާކެޓް އޮންނާނީ ޖެނުއަރީ 3-10 އަށެވެ. ޖުމްލަ 230 ސްޓޯލް މި ނައިޓް މާރކެޓުގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މީގެއިތުރުން ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތައް ވެސް މި ނައިޓް މާކެޓުގައި ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު 12:00 އިން ފެށިގެން މި ނައިޓް މާކެޓުގެ ސްޓޯލްތައް ދޫކުރަން ހަމަޖެހިފައިވާއިރު މި ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސްޓޯލަށް އެދި ހުށަހަޅާ ތަރުތީބުންނެވެ.
ސްކައި ލައިޓުން ބުނެފައިވަނީ މި ނައިޓް މާކެޓް ވެގެންދާނީ މާލޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމް މަޖާ މާހައުލެއްގައި ކުރިއަށްގެންދާ ނައިޓް މާރކެޓަށް ކަމަށެވެ. އަދި ނައިޓް މާކެޓް ކުރިއަށްދާ ދުވަސްތަކުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް އެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށްވެސް ސްކައި ލައިޓް އިން ވަނީ ބުނެފައެވެ.
ނައިޓް މާރކެޓަކީ ކޮންމެ އަހަރަކުވެސް ބޮޑު ބަންދާ ދިމާކޮށް މާލޭގައި ކުރިޔަށްގެންދާ ވަރަށް ކާމިޔަބު މާކެޓެއްކަން ފާހަގަކުރެވެއެވެ. އަދި މިއީ ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ކޮންމެ އަހަރަކު ވެސް ލިބިގެން ކުރިއަށް ގެންދާ ކަމެކެވެ.