ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވުނު "ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" އިފްތިތާޙް ކޮށްފިއެވެ.
މިކަމަށްޓަކައި ހޮޓެލްޖެން މިއަދު ހެނދުނު ބޭއްވި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި، ސްޓްރެޓަޖީ އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަބުދުﷲ އަމީންއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޔުނިސެފް ގުޅިގެން އިފްތިތާޙްކުރެވޭ ސްޓްރެޓަޖީ ގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަން ޙާލަތު ރަގަޅު ކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އެހީތެރިވެދިނުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

"މި ސްޓްރެޓެޖީ ތައްޔާރުކުރެވިފައިވަނީ ލިބެންހުރި ތަފާސް ހިސާބުތަކަށާއި ކަމާ ގުޅުންހުރި ފަރާތަކާއި އަދި މުޖުތަމައުގެ ގިނަފަރާތެއްގެ ހާއްސަގޮތެއްގައި އާއިލާގެ ކުދިންބެލުމުގެ ޒިންމާ އުފުލާ ފަރާތްތަކާއި މަޝްވަރާކޮށް އަދި މުޖުތަމައުގައި ގެންގުޅޭ ކެއުންބުއިމުގެ އާދަތަށް ބަލައި ސިޓްއޭޝަން އެސެސްމެންޓެއް ހެދި މީގެ ނަތީޖާޔަށް ބަލާފައި." ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން މިރަސްމިއްޔާތުގައި މަންމައާއި ކުޑަދަރިފުޅުގެ ކާނާ ހަޔާތުގެ ރަން 1000 ދުވަހުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކުރެވިފައިވާ މޯބައިލް އެޕްލިކޭޝަންއެއް ތައާރަފުކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މި އެޕްލިކޭޝަނުގައި ބެލެނިވެރިންނަށް ރާއްޖެއިން ލިބެންހުންނަ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ފައިދާހުރި ކާނާ ތައްޔާރުކުރާނެ ގޮތާއި ފައިދާހުރި ކަނާ ކާންދިނުމުގެ މުހިންމުކަން އަދި ކުއްޖާ ފުރިހަމަ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މަޢުލޫމާތު އެކުލެވިގެން ވާނެ ކަމަށެވެ.
ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކުރަން މުހިއްމު ވަނީ މައިމީހާއާޢި ދަރިފުޅުގެ ނިއުޓްރިޝަން ހާލަތު ދައްވުމަށް ދިމާވާ މައްސަލަތައް ދެނެގަނެ މިކަންކަން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ފުރިހަމަ ނަތިޖާ ނެރެވޭ ކަމަކަށްވާތީ ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޔުނިސެފްގެ ދެކުނު އޭޝިއާޔަށް ކަނޑައަޅުއްވައިފައިވާ މަންދޫބް ޖީން ގޯ އަދި މިކަމާގުޅުންހުރި ބައެއްވުޒާރަތްތަކާއި ޞިއްޙީ ޚިދުމަތްތެރިންނާއި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުގެބޭފުޅުން އަދިވެސް ގުޅުންހުރި އެހެނިހެން އިދާއިރާތަކުގެ ބޭފުޅުން މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.



