ދިރާގާ ދެކޮޅަށް ކުރާ މުޒާހަރާ އެ ކުންފުނީގެ ހެޑް އޮފީސް ކުރިމަތީގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މުޒާހަރާގެ ބައިވެރިން ތިބީ ދިރާގާ ދެކޮޅަށް ލިޔެފައިވާ ޕޯސްޓަރުތައްވެސް ހިފައިގެނެވެ. އަދި އެބޭފުޅުންގެ ޝޫއޫރުތައް ދިޔައީ ފާޅުކުރަމުންނެވެ.
މި މުޒާހަރާގެ ބޭނުމަކީ ދިރާގުގެ ހިދުމަތްތަައް ރަނގަޅުކޮށް އިންޓަނެޓުގެ އަގު ހެޔޮކުރުން ކަމަށް މުޒާހަރާ ކުރާ މީހުން ބުނެއެވެ.

މި މުޒާހަރާ އަކީ ސުލްހަވެރިކަމާއެކު ކުރެވޭ 'ސައިލެންޓް ޕްރޮޓެސްޓް' އެއް ކަމަށް މުޒާހަރާ ކުރާ މީހުން މައުލޫމާތު ދެއެވެ. އަދި މިއީ ފެށުމެއް ކަމަށާއި މި މުޒާހަރާ ސިލްސިލާކޮއް ކުރިއަށް ދާނެ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ބުނެއެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ ސިމް ފައިވް ޖީ ކަމަށާއި، ލައްވާލީމަ 4 ޖީ ކަމަށާއި، އޮންވާއިރު 3 ޖީ ކަމަށާއި ޑާޓާ ޖެއްސީމަ 2 ޖީ ކަމަށާއި، ބޭނުން ކުރަންވީމަ ލިބެނީ ނޯ ޖީ ކަމަށެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނީ ހަދާ ޕެކޭޖް ތިން ދުވަހުން ހުލި ކޮއްލާ ކަމަށާއި، ރާއްޖޭގައި އިންޓަރނެޓްގެ އެންމެ އަގު ބޮޑީ ދިރާގުގައި ކަމަށެވެ.
ގިނަބަޔަކު އަންނަނީ ދިރާގުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، އަގު ބޮޑުކަމުގެ ޝަކުވާކުރަމުންނެވެ.