ދިވެހި ފުލުހުން އަދީބު ހައްޔަރުކޮށް، ރާއްޖެ ގެންނަނީ

ދިވެހި ފުލުހުން، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެންނަ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ޓަގްބޯޓެއްގައި ފިލައިގެން ގޮސް، އިންޑިއާގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް އިންޑިއާއިން ހިފެހެއްޓި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ހުރީ ދިވެހި ފުލުހުން ހައްޔަރުކޮށްފައެވެ.

އަދީބު ދިވެހި ސިފައިންގެ ކޯސްޓްގާޑާ ހަވާލުކުރި ކަމަށް، އިންޑިއާގެ ނޫސްތަކުން ހަބަރުތައް އާންމުވުމާ އެކު ދިވެހި ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އަދީބު މިހާރު ވަނީ ދިވެހި ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. އަދި ހައްޔަރުގައި ބަހައްޓައިގެން އަދީބު މާލެ ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ޓްވީޓްގައިވެ އެވެ.

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ރާއްޖެ ދޫކުރައްވާ އިންޑިއާއަށް ވަޑައިގަންނަން އުޅުއްވަނިކޮށް، އޭނާ ހިފަހައްޓާފައި ވަނީ ޓަމިލް ނާޑޫގެ ތޫތުކުޑީ ޕޯޓުންނެވެ. އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އިންޑިއާއިން ހިމާޔަތް ދީފައެއް ނުވެއެވެ. ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައެވެ. އެ ބޯޓުގެ ފަޅުވެރިއެއް ގޮތުގައެވެ.

އަދީބުގެ ބައިނަލްއަގުވާމީ ގާނޫނީ ވާކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދީބު އިންޑިއާގެ ހިމާޔަތަށް އެދުނީ، ކުރީގެ ސަރުކާރުގެ ބައެއް ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމަށް އަދީބަށް މަޖުބޫރުކޮށް އެއްބަސްވުމެއްގައި ސޮއިކުރުވަން ދިވެހި ސަރުކާރުގެ ފަރާތުން މަސައްކަތް ކުރާތީ ކަމަށެވެ. އަދި އިންޑިއާއިން އަދީބު އަނބުރާ ފޮނުވާލައިފި ނަމަ، އެއީ އިންޑިއާއިން ހިންގާނެ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ