ހާލުބޮޑުވެގެން ފަރުވާދެމުންދަނިކޮށް އަނެއްކާވެސް ތެލެސީމިއާ ކުއްޖަކު ނިޔާވެއްޖެއެވެ.
އދ. މާމިގިލީއަށް ނިސްބަތްވާ އެކުއްޖާ ނިޔާވެފައިވަނީ ފަރުވާދެމުންދަނިކޮށް ހާލު ސީރިއަސްވެގެން ދާދި ދެންމެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ނިޔާވި 17 އަހަރުގެ ފިރިހެން ކުއްޖަކީ ހާލު ސީރިއަސްވެގެން މާލޭގައި ފަރުވާދެމުްނދިޔަ ކުއްޖެކެވެ. އެކުއްޖާއަށް ފާރުވާދެމުންދާތާ ދެތިން މަސް ވެދާނެކަމަށް މަޢުލޫމާތު އެނގޭ ފަރާތްތަކުން ބުނެފައިވެއެވެ.
މިރޭ ނިޔާވެފައި މިވަނީ ޞިއްޙީ ޚާލަތު ސިރިއަސްވެގެން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ނިޔާވި ފަސްވަނަ ތެލަސީމިއާ ކުއްޖާއެވެ.
އެންމެ ފަހުން ޖުލައި 23 ވަނަ ދުވަހު 9 އަހަރުގެ ތެލަސީމިއާ ކުއްޖަކު ނިޔާވެފައިވަނީ ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭގެ ކުރިން ޖުލައި މަހުގެ 22 ވަނަ ދުވަހު ބޯންމެރޯ ހެދުމަށް ފަހު ފަރުވާދެމުން އަންނަނިކޮށް ފަސް އަހަރުގެ ކުއްޖަކު ނިޔާވެފައިވެއެވެ.
މީގެ އިތުރުން ނިމުނު ޖުލައި މަހުގެ 14 ވަނަ ދުވަހު ތެލަސީމިއާ ދެކުއްޖަކު ވަނީ ހާލު ސީރިއަސްވެގެން ނިޔާވެފައެވެ.