ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އަނބިކަނބަލުން ދިރިއުޅުއްވާ ގ. ހުމަށިއަށް ފުލުހުން ވަދެއްޖެއެވެ.
ފުލުހުންގެ ޓީމެއް އެގޭގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެގެޔަށް ފުލުހުން ވަތް ސަބަބެއް އަދި ވަނީ ފާސުވާގޮތް ނުވެފައެވެ.
Breaking: Adeeb ge Apartment fuluhun dhanee check kuramun dhanee @sunbrk pic.twitter.com/Laf9Mu7urr
— Muzayyin Nazim (@tedmaldives) August 3, 2019
އަދީބުގެ އަނބިކަނބަލުން މިހާރުވެސް ދިރިއުޅުއްވާ ގެޔަށް ފުލުހުން ވަދެ ބަލާ ފާސްކުރަން ފަށާފައި މިވަނީ، ޓަގް ބޯޓެއްގައި ފިލައިގެން ގޮސް އިންޑިއާއަށް އެތެރެވާން އުޅުމުގެ ތެރޭގައި އަދީބު އެޤައުމުން ހިފަހައްޓައި ދިވެހި ފުލުހުން މިރޭ އޭނާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުމަގުން އަދީބު މިރޭ ރާއްޖެ ގެނެސް ގެންދިއުމަށް ހަމަޖެހިފައިވަނީ ދޫނިދޫއަށެވެ.
ޕާސްޕޯޓުގެ އިތުރުން އެއްވެސް ސައްހަ ލިޔުމެއް ނެތި އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރިއިރު، އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ހިލަޔާ ހިލަވެލި އުފުލާ ޓަގް ބޯޓެއްގައި، އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައެވެ.
އަދީބުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ޝަރީޢަތްތައް ކުރިއަށް ގެންގޮސް އަދީބު ޖަލަށްލާ އަދި ފަހުން މިނިވަން ކުރި މައުލޫމާތުތައް ހިމެނުމަށް ފަހު އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދީބުގެ އަނބިކަނބަލުންގެ ގެ ބަލާ ފާސްކުރަމުންދާއިރު، ފުލުހުން މިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި މިއަދު ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި މީޑިއާއަށް މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.




