ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ކުރައްވަމުންދާ، ކްރިމިނަލް ކޯޓުގެ އިސްގާޟީ އަޙްމަދު ހައިލަމްގެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާކަން އެނގިވަޑައި ނުގަންނަވާކަމަށް ހައިލަމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު އަޙްމަދު ހައިލަމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިޖުރާއީ ދިފާއަކާ ގުޅިގެން ޖަވާބުދެއްވަމުންނެވެ.
ހައިލަމް މިހެން ވިދާޅުވިއިރު، ނިމިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އެކޮމިޝަންގެ 50 ވަނަ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައިލަމްގެ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ހައިލަމްގެ މައްސަލައެއް ޖޭއެސްސީ އިން ބަލަމުންދާތީވެ ހައިލަމް މި މައްސަލަ ބެލުމުން ނުފޫޒު ފޯރުމުގެ ފުރުޞަތު އެބައޮތް ކަމަށާއި އެހެންކަމުން ތިން ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބެއްލުވުން އެދޭ ކަމަށެވެ.
މިވާހަކަތަކާ ގުޅިގެން ހައިލަމް ވިދާޅުވީ، އެމަނިކުފާނުގެ މައްސަލައެއް ޖޭއެސްސީ އިން ބަލަމުންދާކަން އަންގާފައި ނެތް ކަމަށާއި، ޖޭއެސްސީ އިން މައްސަލައެއް ބެލި ނަމަވެސް ޝަރީއަތަށް ނުފޫރު ފޯރާނެކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ ޝަރިއަތުގެ އަޑުއެހުމަކީ ހެކިން ހުށަހެޅުމަށް ބާއްވާ އަޑުއެހުމެކެވެ.