އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ބާރަށް ދުވާ ރެއިލް، އޭގެ އެންމެ ފުރަތަމަ ދަތުރުވެސް ފުރިހަމަ ނުކުރެވި އުޅެނިކޮށް މައްސަލަތަކާއި ކުރިމަތިވެއްޖެއެވެ.
ރެއިލަށް މައްސަލަތަކެއް ދިމާވެފައިވަނީ ވަރަނަސީ ސިޓީއިން އިންޑިއާގެ ވެރިރަށް ދިއްލީ އަށް ދަތުރު ކުރަނިކޮށެވެ. މިގޮތުން ރެއިލްގެ ބުރެކި ސިސްޓަމަށްވަނީ މައްސަލަތަކެއް ދިމާވެފައެވެ. އަދި ރެއިލްގެ ހުރިހާ ހިސާބަކުންވަނީ ކަރަންޓު ގޮސްފައެވެ.
މީގެ ސަބަބުން އެވަގުތު ރެއިލްގައި ދަތުރުކުރަމުން ދިޔަ ފަރާތްތަކުން ދަތުރު ފުރިހަމަކޮށްފައިވަނީ އެހެން ރެއިލެއް ބޭނުން ކޮށްގެންނެވެ. މި ރެއިލް ނިންމައި ދަތުރަށް ނެރެފައިވަނީ އިއްޔެކަންވެސް ފާހަގަ ކޮށްލެވެ އެވެ.
ރެއިލްގެ ހިދުމަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު މޯޑީވެސް ބައިވެރިވެ ވަޑައި ގެންނެވިއެވެ. ޚަބަރުތައް ބުނާގޮތުން އަލަށް އުފެއްދި މި ރެއިލްގެ ސަބަބުން ވަރަނަސީ ސިޓީއާއި ދިއްލީ އާއި ދެމެދުކުރާ ދަތުރު ތަކުގެ ވަގުތުން ހަގަޑިއިރު ކުޑަކޮށްދޭނެ އެވެ.