އަދީބު މާލެ ގެނައިކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު މާލެ ގެނައިކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިހެން ވިދާޅުވެފައި ވަނީ ފިލަން މަސައްކަތް ކުރަނިކޮށް ރާއްޖެއިން ބޭރުން އަތުލައިގަންފައިވާ ކުރީގެ ނައިބުރައީސް އަދި އެމްޓީޑީގެ ލީޑަރ އަޙްމަދު އަދީބު ރާއްޖެ ގެނެސްފި ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި ވިދިގެންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ އަދީބު އަދި ރާއްޖެ ނުގެނެވޭ ކަމަށާއި އޭނާ ރާއްޖެ ގެނައުމުން އެކަން އަންގާނެކަމަށެވެ.

ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނު ހިފައިގެން ރާއްޖެއައި “ވާގޯ 9″ ނަމަކަށްކިޔާ ޓަގުބޯޓެއްގައި ރާއްޖެއިން ބޭރަށްގޮސް ފިލަން އުޅެނިކޮށް މީގެ ތިން ދުވަސް ކުރިން އިންޑިއާ ސިފައިން ވަނީ އަދީބު ހައްޔަރުކޮށްފައެވެ. އަދީބު ހައްޔަރުކޮށްފައިވަނީ އެ ބޯޓް އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް މަޑުކުރުމުން އެ ބޯޓްގައި މަސައްކަތް ކުރާ އިންޑިއާ ފަޅުވެރިއެއް އަދީބު އެބޯޓްގައި ހުރިކަން ފަޅާ އަރުވާލުމުންނެވެ.

އަދީބު އިންޑިއާ އެތެރެވާން މަސައްކަތްކޮށްފައިވަނީ ޤަވާއިދާއިދާއި ޚިލާފަށެވެ. މި މައްސަލާގައި އިންޑިއާ ސިފައިން ވަނީ އަދީބުއާއި ސުވާލުކޮށްފައެވެ.

ޖަލު ބަންދުން އަދީބު މިނިވަން ވެފައި ވީނަމަވެސް ކޯޓްގައި ކުރިޔަށް މައްސަލައަކާއި ގުޅިގެން ކޯޓުން ވަނީ ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އަދީބުގެ ފާސްޕޯޓް ހިފަހައްޓާފައެވެ. އަދީބު ރާއްޖެއިން ބޭރުވެފައިވަނީ ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ނޭންގިއެވެ.

އަދީބު އިންޑިއާއިން ހައްޔަރު ކުރި ޚަބަރު ލިބުމާއި އެކު ދިވެހި ފުލުހުން ވަނީ އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން އިއްޔެ އަދީބު ވަނީ ދިވެހި ސިފައިންގެ ކޯސްޓްގާޑާ ހަވާލުކޮށްފައެވެ. އަދި ފުލުހުން ވަނީ އަދީބު ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ޔަގީން ކޮށްދީފައެވެ. އަދި ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެން އަދީބު މާލެ ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ