އަދީބު ރާއްޖެ ގެނައުން - ފޮޓޯ: އަވަސް

ފިލަންޖެހުނީ ޕީޖީއަށް ހިއްސާކުރި މަޢުލޫމާތު ލީކުވެ އިންޒާރު ލިބޭތީ - އަދީބު

ރާއްޖެ ދޫކޮށް ޓަގް ބޯޓެއްގައި ފިލައިގެން ދާންޖެހުނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިއްސާކުރި މައުލޫމާތު އެހެން ބައެއް ފަރާތްތަކަށް ލީކުވެ އެފަރާތްތަކުން ދެމުންދިޔަ އިންޒާރުތަކާ ގުޅިގެން ފުރާނައަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ

ޤާނޫނީ އިމުގެ ބޭރުން ފުލުހުން ހައްޔަރުކޮށް ރޭ އަދީބު ރާއްޖެއަށް ގެނެސް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީޢަތުގައި އަދީބު ވިދާޅުވީ، ޕީޖީ އާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރިޔަށްގެންދާ ތަހުޤީޤަށް މައުލޫމާތު ޙިއްސާކުރަމުން ގެންދަވާތާ ދެމަސްވެފައިވާ ކަމަށެވެ.

އަދީބު ވިދާޅުވީ، ޕީޖީއަށް ހިއްސާކުރި މަޢުލޫމާތު އެހެން ފަރާތްތަކަށް ލިބެމުންދާ ކަމަށާއި، އެކަމާއި ގުޅިގެން ދައުލަތުގެ އިސްބޭފުޅުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާއި ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން އިންޒާރު ލިބެމުންދިޔަ ކަމަށެވެ.

"މައުލޫމަތުތައް ޕީޖީއާ ހިއްސާކުރުމުން އަޅުގަނޑަށް އެކި ގޮތްގޮތުން އިންޒާރު އައި. ފުރާނައަށް ނުރައްކާވުމުން އަޅުގަނޑަށް އެ ޑެސިޝަން ނެނގުނީ،" ރާއްޖެއިން ފުރައިގެންދާން ޖެހުނު ސަބަބު ހާމަކުރައްވާ، ޝަރީޢަތުގައި އަދީބު ވިދާޅުވިއެވެ.

ބަޔަކު އިންޒާރު ދޭކަމަށް އަދީބު ވިދާޅުވި ނަމަވެސް، އެއީ ކޮން ބައެއްކަން ސީދާ އަދީބު ވިދާޅެއް ނުވެއެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ޤާނޫނުތަކާއި ޚިލާފަށް ހައްޔަރުކޮށްގެން، ބަންދުގެ މުއްދަތު ޖެހުމަށް ރޭ ދަންވަރު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާ މިނިވަންކޮށްފައިވާއިރު، މިއަދު ހެނދުނު 6:30 ހާއިރު އޭނާ ވަނީ އަލުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ