ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން މާދަމާއަށް ތާވަލް ކޮށްފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މާދަމާ ހެނދުނު 10:15 އަށް ތާވަލުކޮށްފައިވަނީ، ޅ.މާބިންހުރާގެ މައްސަލައިގައި އަދީބު ބަންދުގައި ބަހައްޓާފައި ހުއްޓައި ހައިކޯޓުން އަދީބު މިނިވަންކުރަން ޙުކުމް ކުރުމުން ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެވެ.
ޅ.މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ނުލިބުނު މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލި ޚިޔާނާތުގެ ކުށް ސާބިތުވެ 2016 ވަނަ އަހަރު އަދީބުގެ މައްޗަށް ހުކުމް އިއްވިއެވެ. ނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލްކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ހައި ކޯޓުުން އަލުން ބަލަން އެންގި އެ މައްސަލަ ނުބަލަން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލާފައެވެ.
ޚިޔާނާތްތެރިވުމުގެ މި މައްސަލައިގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވުމަށް ހަމަޖެހިފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ އިތުރުން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.