ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ މެންބަރުންނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމަކީ، ބާ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރުމާއެކު ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޝަރުޢީ ދާއިރާއާއި ބާ ކައުންސިލް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮތް މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފް އިބްރާހީމް، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު އަލްއުސްތާޛު ހަސަން ޢަލީ ގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާ އަލްއުސްތާޛާ މަރްޔަމް ޚޫރުޝީދާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ބާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކައުންސިލްގެ ރައީސް އަލްއުސްތާޛް މަޢުމޫން ޙަމީދު އާއި ނާއިބު ރައީސް އަލްއުސްތާޛް ޢަބްދުﷲ މުޢިއްޒު އާއި ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްއަތު އާއި ބާ ކައުންސިލްގެ މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް އަދި އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލް އުފައްދަވާފައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. ބާކައުންސިލަކީ ގާނޫނީ ވަކީލުންގެ ކަންކަން މޮނީޓާ ކުރުމާއި ގާނޫނީ ފަންނު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ހުރިހާ ޒިންމާއެއް ޤާނޫނުން މަތިކޮށްފައިވާ ފަރާތެވެ.