ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 15 ދުވަހަށް ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އަދީބުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ، އޭނާއަށް ކުރެވޭ ތުހުމަތުތަކުގައި އެކަށީގެންވާ ހެކި ހުރުމުންނާއި އޭނާ ފިލާފާނެ ކަމުގެ އިހްތިމާލް އޮތުމުންންނެވެ.
އަދީބުގެ މައްޗަށް ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީގެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، އެ ފައިސާ ލޯންޑަރ ކުރިކަމުގެ ތުހުމަތެވެ.
ރޭ ފަތިހު ފުލުހުން އަދީބު ހައްޔަރުކުރީ، ޖިނާއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަކަމަށް ބުނެއެވެ.
ޞައްހަ އެއްވެސް ޓްރެވެލް ޑޮކިއުމެންޓެއް ނެތި އަދީ ވަނީ ޓަގް ބޯޓެއްގައި އިންޑިއާއަށް އެތެރެވާން މަސައްކަތްކޮށްފައެވެ. ނަމަވެސް އިންޑިއާއަށް އެތެރެވުމުގެ ކުރިން އިންޑިއާގެ ބަނދަރެއް ކައިރިން އަދީބު ވަނީ ދިވެހި ފުލުހުން ހައްޔަރުކޮށް ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސްފައެވެ.
އަދީބު ހައްޔަރުކޮށްގެން ގެނައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ފުލުހުންވެސް ރޭ ދަންވަރު ވަނީ ކްރިމިނަލް ކޯޓުގައި އިއުތިރާފްވެފައެވެ.
ރާއްޖޭގައި ރައްކާތެރިކަން ނެތްކަމަށްބުނެ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިވަޑައިގަތް ނަމަވެސް އިންޑިއާއިން އަދީބުއަށް ހިމާޔަތް ދީފައެއް ނުވެއެވެ.
އަދީބުގެ ބަންދަށް 15 ދުވަސް ޖަހާފައި މިވަނީ، ޅ.މާބިންހުރާގެ މައްސަލައިގައި އަދީބު ބަންދުގައި ބަހައްޓާފައި ހުއްޓައި ހައިކޯޓުން އަދީބު މިނިވަންކުރަން ޙުކުމް ކުރުމުން ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނިކޮށެވެ.