ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުކޮށް ޖާބިރު ސާފުކުރައްވަން ބޭނުންފުޅުވަނީ ދެކަމެކެވެ. އެއީ ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު ފާއިތުވެދިޔަ މުއްދަތުގައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓް ކަމާއި، އެޕްރޮޖެކްޓްތަކުގެ ތެރެއިން ފައިސާދައްކައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓަށް ކަމެވެ.
މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައިވާއިރު ސަރުކާރުން ދަނީ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުކުރުމަށް ޖާބިރު ހުށަހަޅުއްވާފައިވާއިރު، އިއްޔެ މަޖިލީހުގެ ޖަލްސާއަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންވެސް ވަނީ ހާޒިރުކޮށްފައެވެ. އަދި ބުދަދުވަހު ޓްރާސްޕޯޓް މިނިސްޓަރ ފާތިމަތުނަހުލާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.