ސިނަމާލެ ބުރިޖާއި ހުޅުމާލެ ގުޅުވާލަދޭ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ރޭ މެންދަމު، ހިނގި އެކްސިޑެންޓެއްގައި ކާރު ފުނޑުފުނޑު ވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގިއިރު ކާރުގައި ދެ ފިރިހެނުން ތިބި ކަމަށާއި، ކާރު ދުއްވަން އިން 24 އަހަރުގެ ޒުވާނާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެން ކާރުގައި ހުރީ 20 އަހަރުގެ ޒުވާނެކެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި އެ ޒުވާނުން ދުއްވި ކާރު ފުރަތަމަ ޖެހިފައިވަނީ ހައިވޭގެ އިރުމަތީ ފަރާތުގެ ހޮޅިދނޑިއެއްގައި ކަމަށް ބެލެވޭއިރު ކާރު ހައިވޭގެ ފެންސްގައި ޖެހި ފެންސަށްވެސް ގެއްލުންވެފައިވާއިރު ކާރު ކޮންޓްރޯލްވެފައިވަނީ ފެންސްގެ ބޭރުގައި އޮންނަ ޕޭވްމަންޓުގެ ބޭރަށް އިންނަ ތޮށިގަނޑުގައި ޖެހިގެނެވެ.
ސިނަމާލެ ބުރިޖުގެ އިތުރުން ހައިވޭގައި ހިނގާ އެކްސިޓެންޓްގައް ގިނަވަމުން އަންނައިރު، ބާރު ސްޕީޑްގައި ދުއްވާފައި އަންނަ އުޅަނދުތައް ކޮންޓްރޯލް ނުކުރެވި ހިނގާ އެކްސިޑެންޓްތައްވެސް އަންނަނީ އިތުރުވަމުންނެވެ.