އިންޑިއާގެ ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބިފައި ވަނީ ރ. އަލިފުށްޓަށް ނިސްބަތްވާ އެއް އާއިލާއެއްގެ ތިން އަންހެނުންނަށެވެ. އެއީ 50 އަހަރުގެ އަންހެނަކަށާއި އޭނާގެ 25 އަހަރުވީ އަންހެން ދަރިފުޅުގެ އިތުރުން 54 އަހަރުގެ ބޮޑުދައިތައަށެވެ.
މި އެކްސިޑެންޓު ހިނގައިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ކޮޗިންގެ ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދެއްކުމަށްފަހު، އަނބުރާ ޓްރިވެންޑްރަމްއަށް ދިއުމަށް ދިޔަ ދަތުރުމަތީގައި ކާރުގެ ޑްރައިވަރު ހައިވޭ މަތިން މަގުގެ އެއްފަޅީގައި މަޑުކޮށްލި ވަގުތު އަނެއް ފަޅިން އައި ކާރެއްގައި ޖެހިގެން އެވެ.
މި އެކްސިޑެންޓުގައި މި ތިން އަންހެނުންނަށްވެސް އެކިވަރުގެ ބޮޑެތި އަނިޔާތައް ވަނީވެފައެވެ. އެގޮތުން މައުލޫމާތު ލިބޭގޮތުގައި އުމުރުން 50 އަހަރުގެ އަންހެން މީހާގެ ފައި ވަނީ ބިނދިފައެވެ. އަދި އޭނަގެ ދަރިފުޅަށާއި، އެމީހުންގެ ބޮޑު ދައިތަގެ މޫނުމަތި ވަނީ ފަޅައިގެން ގޮސް ބޮޑެތި ޒަހަމްތަކެއް ވެފައެވެ.
މި ތިން މީހުންނަށްވެސް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.