ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ކުރާ ޚިޔާނާތުގެ ދައުވާއާއި ގުޅިގެން ސްޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް ވަކީލަކު އައްޔަން ކުރަން ހަތް ދުވަހުގެ ފުރުޞަތެއް އަޙްމަދު އަދީބަށް ދީފިއެވެ.
ވަކީލަކު އައްޔަންކުރަން ހަތް ދުވަހުގެ ފުރުޞަތެއް ދީފައިވަނީ، ޅ.މާބިންހުރާގެ މައްސަލައިގައި އަދީބު ބަންދުގައި ބަހައްޓާފައި ހުއްޓައި ހައިކޯޓުން އަދީބު މިނިވަންކުރަން ޙުކުމް ކުރުމުން ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ސުޕްރީމް ކޯޓޫގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައެވެ.
މިއަދުގެ އަޑުއެހުމުގައި އަދީބުގެ ބަންދާމެދު ގޮތެއް ނިންމައިދޭން ދައުލަތުން އެދުނު ނަމަވެސް، ސުޕްރީމް ކޯޓުގެ ބެންޗުން ވިދާޅުވީ، ބަންދާއިމެދު ގޮތެއް ނިންމުމަށްފަހު މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އަންގާނެ ކަމަށެވެ.
ޅ.މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ނުލިބުނު މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލި ޚިޔާނާތުގެ ކުށް ސާބިތުވެ 2016 ވަނަ އަހަރު އަދީބުގެ މައްޗަށް ހުކުމް އިއްވިއެވެ. ނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލްކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ހައި ކޯޓުުން އަލުން ބަލަން އެންގި އެ މައްސަލަ ނުބަލަން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލާފައެވެ.
ޚިޔާނާތްތެރިވުމުގެ މި މައްސަލައިގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ އިތުރުން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.