އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކޮށް އެކަމުގައި މަންފާ ލިބުނު މީހުންގެ މައުލޫމާތު ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓުގައި އިއްޔެ އިއުތިރާފްވެވަޑައިގެންފިއެވެ.
އަދީބު ކުށަށް އިއުތިރާފްވެވަޑައިގަތީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނނަލް ކޯޓަށް ހާޒިރު ކުރުމުން ބޭއްވި އަޑުއެހުމުގައި އިއްޔެއެވެ.
އަދީބު ކުށަށް އިއުތިރާފު ވުމުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އިން އަދީބުގެ މައްޗަށް ދައުވާ ނުއުފުލުން ވެސް އެކަށީގެންވާއިރު، ދައުވާ އުފުލި ނަމަވެސް އަދަބު ކުޑަ ވެގެން ދާނެއެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި ނަމަ ދައުވާ ނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް އެއްބަސްވުމެއް ހެދުމުގެ ފުރުޞަތު އޮންނައިރު، ކުށްތަކަށް އިއުތިރާފްވެވަޑައިގަތުމާ އެކު ތަހުގީގަށް އެއްބާރުލުން ދެއްވުމަށް އަދީބު ވަނީ އެއްބަސްވެ ޕީޖީއާއެކު އެއްބަސްބުމުގައި ސޮއިކޮށްފައެވެ.
ބަންދުގެ މަޖިލީހުގައި އަދީބު ކުށަށް އިއުތިރާފުވުމާއި ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ އަދީބުގެ އިއުތިރާފް، ގާޒީގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
އަދީބުގެ ވަކީލް ވެސް ވަނީ ކޯޓުގައި އަދީބު ދެއްކެވި ވާހަކަތަކުގެ ބަޔާނުގައި އަދީބު ސޮއިކުރައްވާނެ ކަމަށް ރޭގެ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.
ބަންދުގެ މަޖިލީހުގައި އަދީބު ވަނީ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ފިއްލެވި ކަމަށް ވެސް އިއުތިރާފްވެވަޑައިގެންފައެވެ.