މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. މީދޫ ޕޮލިސް ސްޓޭޝަނާއި ފުލުުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެއޮޕަރޭޝަނެއްގައި ، މީދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން މީދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ ހެނދުނު ހިންގި މިއޮޕަރޭޝަންގައި، މީދުއަށް އައި އެބޯޓު ބަލައިފާސްކުރިއިރު، އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މާލެއިން ފުރައިގެން މީދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޖުލައި 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެބޯޓު ބަލައިފާސްކުރި އިރު އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި އޮތް ބެޓަރީ ހޯވަރބޯޑެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ވެސް ފުލުހުން ވަނީ ހޯދާފައެވެ.
މި ދެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ދެ މައްސަލަވެސް މީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.