މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް" ގެ މި އަހަރުގެ ހަތަރު ވަނަ ބުރު ފަށައިފިއެވެ.
މި ޕްރޮގްރާމުގައި 315 ޓެކްސީ ޑްރައިވަރުން ބައިވެރިވެއެވެ. މި ޕްރޮގްރާމް ކުރިޔަށް ދާނީ އޮގަސްޓް މަހުގެ 4 ން 8 އަށް ހެންވޭރު ބޯޅަގޭގެ ސެމިނަރ ރޫމްގައެވެ. މިއީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާނެއެވެ. އަދި މަގުމަތީގެ އަދަބުތަކާއި ޓެކްސީ ކުރުމުގެ ޤަވާއިދާއި ޓެކްސީ ކުރުމުގައި ޑްރައިވަރުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކަމާގުޅުންހުރި ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.