ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކާ ޚިލާފުވާ ފަރާތައް ބަލައި އެފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޓްރެފިކް ޕޮލިހުން ނުކުމެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ޓެކްސީ ޤަވާއިދަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ޤަވާއިދުގެ ދަށުން ބާރުލިބިގެން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީގެ ޚިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ގިނައިން ފައިސާ ނަގާ ޓެކްސީ ތަކާމެދު ފިޔަވަޅު އެޅުމަށާއި، ޓެކްސީ ޤަވާއިދުގެ ބާރަ ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކަންތައްތައް ފުރިހަމަވޭތޯ ބެލާ ޗެކް ކުރުމަށް ޓްރެފިކް ޕޮލިސްއިން އޮޕަރޭޝަނެއް ފަށައިފައިވާކަމަށެވެ.
ޓެކްސީ ޤަވާއިދުގެ ބާރަ ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޓެކްސީގެ ލައިސެންސަށް އަލަށް ނުވަތަ އާ ކުރުމަށް އެދި ހުށައަޅާ އެއްގަމު އުޅަނދަކީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ، ރޯޑްވާދިނަސްގެ މިންގަނޑަށް ފެތޭ، އުޅަނދު އުފެއްދި ތާރީޚުން ފެށިގެ ވިހި އަހަރު ނުފުރޭ އެއްގަމު އުޅަނދަކަށް ވާންވާނެކަމަށެވެ.
މާދަމާ އަމަލު ކުރުން ފެށުމަށް ހަމަޖެހިފައިވާ ޓޭކްސީ ޚިދުމަތުން ނެގޭ އަގުތައް ކަނޑައެޅިފައިވާ އުޞޫލާއި ގުޅިގެން ގިނަ ޓެކްސީ ޑްރައިވަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިކަމުގައި އެބޭފުޅުންގެ ކަންބޮޑުވުންތައް ދަނީ ހިއްސާކުރެވެމުންނެވެ.