ސްކޫލްތައް ހުޅުވުމުން މާލޭގެ ޓްރެފިކަށް ބަދަލުއަންނާނެކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދަޅުވީ ސްކޫލްތައް ހުޅުވުމުން މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތް ތަކަށްވެސް ބަދަލު އަންނާނެކަމަށާއި ޚާއްސަކޮށް ސްކޫލްތައް ހިމެނޭ ސަރަހައްދު ތަކުގައި ފުލުހުންގެ ދައުރު ފުޅާ ކުރެވޭނެކަމަށެވެ.
ފުލުހުން ވިދާޅުވީ މަގުމައްޗަކީ އެންމެނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންދަނީ 24 ގަޑިއިރު މަސައްކަތްކުރަމުންކަމަށެވެ. "ފުލުހުންގެ އެދުމަކީ މަގުމަތި ބޭނުން ކުރައްވާ އެންމެހައި ބޭފުޅުންވެސް، ހެދިފައިވާ އެންމެހައި ޤަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިއްތެވުން" ފުލުހުން ވިދާޅުވެފައިވެއެވެ.
މާލޭގެ މަގުތަކުގައި ޕާކު ކުރުމަށްހުރި ދަތިތަކާއި ޤަވާއިދާ ޚިލާފަށް ޕާކު ކުރުމުން، މަގުމަތި ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް އެކަމުގެ ހައްލު ހޯދުމަށްދަނީ މަސައްކަތްކުރަމުންކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.



