މާފަރު އެއާޕޯޓް: ފޮޓޯ: ވަގުތު

މާވާރުލު އެއާޕޯޓް މިއަހަރު ނުނިމުނަސް މާފަރު އެއާޕޯޓު ސެޕްޓެމްބަރަށް ނިމޭނެ - މިނިސްޓަރ

ގދ. މާވާރުލުގައި ތަރައްގީކުރާ އެއާޕޯޓު މިއަހަރުގެ ނިޔަލަށް ނުނިމިދާނެ ކަމަށާއި، އެހެންނަމަވެސް ނ.މާފަރު އެއާޕޯޓް މިއަހަރުގެ ސެޕްޓެމްބަރަށް ނިންމާލެވޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށްދާ މާވަރުލު އެއާޕޯޓް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް މީގެ ކުރިން އެމްޓީސީސީން ކުރިން ބުނެފައިވެއެވެ.

ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރ ނަހުލާ ވިދާޅުވީ، މިއަހަރުގެ ނިޔަލަށް މާވާރުލު އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށެވެ.

"މިއަހަރު ނުނިމުނު ކަމުގައިވިޔަސް އަންނަ އަހަރުގެ ކުރީކޮޅަށް އެ އެއާޕޯޓުގެ މަސައްކަތް ނިންމައި، އިއްޒަތްތެރި މެންބަރުގެ ދާއިރާއަށް އޭގެ ފައިދާ ލިބެން ފަށާނެ ކަމުގައި ދަންނަވަން،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ޓެސްޓު ފްލައިޓު ޖެއްސި މާފަރު އެއާޕޯޓާއި ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ޝެޑިއުލް ދަތުރުތައް ނުފެށި ލަސްވަނީ ނިންމަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ކަމަށާއި، ސަރުކާރު ބަދަލުވުމުން މަސައްކަތްތައް މަޑުޖެހުނު ނަމަވެސް މިހާރު މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ބައެއް ކަންތައް ނުނިމި ހުރީމާ މާފަރު އެއާޕޯޓު ހުޅުވުން ލަސްވެގެން ދިޔައީ. ނަމަވެސް މިހާރު މަސައްކަތް ދާގޮތުން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މާފަރު އެއާޕޯޓަށް ދަތުރުތައް ފެށޭނެ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މާފަރު އެއާޕޯޓަކީ، އަބޫދާބީ ފަންޑުގެ އެހީގައި އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ