ނ. މާފަރު އެއާޕޯޓްގައި ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމުކޮށް ނިންމައިފިއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ބުނީ، ނ. މާފަރުގައި ތަރައްގީކުރެވުނު އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޯޑާ ކޮންޓްރޯލް ނިޒާމުގެ މަސައްކަތް އެ މިނިސްޓްރީއާއި އެންސީއައިޓީގެ މުވައްޒަފުން ގުޅިގެން ނިންމާލައިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މާފަރުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމުކުރެވުމާއިއެކު ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ހިދުމަތް ފުރިހަމައަށް ލިބެން ހުންނާނެ ކަމަށެވެ.
މި ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްގީ އާއި އެކުގައި މަސައްކަތްކުރާ ނިޒާމެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި ނިޒާމް ގާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ގޮތް ވުމަކީ ރާއްޖޭގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަ ކަމަށާއި އަދި މި ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެންސީއައިޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. ބޮޑެތި ބޯޓުތަކަށްވެސް ޖެއްސޭ ގޮތަށް ފަރުމާކޮށްފައިވާ މާފަރު އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.



