ގއ.ވިލިނގިލި

ވިލިނގިލި ކައުންސިލަރުންގެ މައްސަލައެއް އެލްޖީއޭ އަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ)ގެ އެންގުމާ ހިލާފަށް، ޢަމަލުކުރި މައްސަލައަކާއި ގުޅިގެން ގއ.ވިލިނގިލި ކައުންސިލަރުންގެ މައްސަލައެއް އެ ކޮމިޝަނުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ހުށަހަޅައިފިއެވެ.

ޒަލްދާން އޮއިލް ސަޕްލައިސްއަށް ވިލިނގިލި ކައުންސިލުން ޤަވާއިދާއި ޚިލާފަށް ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިމުގެ މައްސަލާގައި އެ ކައުންސިލަށް ތަކުރާރުކޮށް އެންގުމުންވެސް އޭސީސީގެ އެންގުމާއި ޚިލާފުވެފައިވާތީ، އެކައުންސިލްގެ ބައެއް ކައުންސިލަރުންނަށް ފިޔަވަޅުއެޅުމަށް ވަނީ ފޮނުވާފައެވެ.

'ޒަލްދާން އޮއިލް ސަޕްލައިސް' އާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް މިއަދު ވަނީ އޭސީސީން ފުލުހަށްވެސް ވަނީ މައްސަލަ ހުށައަޅާފައެވެ. އެގޮތުން އެކުންފުނިން ގާނޫނާ ހިލާފަށް ވިލިނގިލީގައި ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށާއި، ބިމުކުލި ކައުންސިލަށް ދައްކާފައިނުވާތީއާއި، އަދި އެ ކުންފުންޏަކީ އެރަށުގެ ބައެއް ކައުންސިލަރުންނާއި އާއިލީ ގޮތުން ގުޅުން އޮތް ފަރާތެއް ކަމަށް އޭސީސީން ހުށައެޅި މައްސަލާގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުން މި މައްސަލާގައި ބައެއް ކައުންސިލަރުން އެކުންފުނިން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާ ކަމަށާއި އަދި އެ ކައުންސިލަރުންގެ އަމިއްލަ މަސްލަހަތާއި ފައިދާއަށް، އިއުލާން ކުރުމެއް ނެތި އެބިމުގެ މުއްދަތު އިތުރުކުރަން މަސައްކަތް ކުރަމުން ދާންވެސް ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލާގައި އޭސީސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ބިން ޒަލްދާން އޮއިލް އިން ބޭނުންކުރަމުންދަނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އަދި އެކުންފުންޏަކީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ތެލުގެ ވިޔަފާރި ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހުއްދަ ދީފައިވާ ފަރާތެއް ނޫންކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އޭސީސިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޒަލްދާން އޮއިލް ސަޕްލައިސްއަށް 15 އަހަރު ދުވަހަށް 8 މެއި 2002 ގައި ކުއްޔަށް ދީފައިވާ މުއްދަތު 7 މެއި 2017 ގައި ހަމަވުމުން “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގެ ދަށުން އެބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަ ނުދެވޭނެތީ، އެބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން 24 މެއި 2017 ގައި ގއ.ވިލިނގިލި ކައުންސިލުން ނިންމާފައިވާކަމަށެވެ.

އެބިން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވިތާ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، އަދި އެބިން ޒަލްދާން އޮއިލް ސަޕްލައިސްއިން ބޭނުންކުރަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމުގައިވާއިރުވެސް، އެބިން ގއ.ވިލިނގިލި ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް މިހާތަނަށް ގެނެސްފައި ނުވާކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.

ކައުންސިލުގެ އެ ނިންމުމާ ގުޅިގެން ޒަލްދާން އޮއިލް ސަޕްލައިސްއިން ގއ.ވިލިނގިލި ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، އެމައްސަލަ އެފަރާތުން އަނބުރާ ނަގާފައިވާތީ އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް 30 އޮކްޓޯބަރ 2017 ގައި ގއ.ވިލިނގިލި ކޯޓުން ވަނީ ހުކުމް ކޮށްފައިއެވެ.

އޭސީސީ އިން އެ މައްސަލަ ބެލުމުން އެ ބިން ޒަލްދާން އޮއިލް އިން ބޭނުންކުރަމުންދަނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި، ޒަލްދާން އޮއިލް އަކީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ތެލުގެ ވިޔަފާރި ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހުއްދަ ދީފައިވާ ފަރާތެއް ނޫންކަން ވަނީ ފާހަގަވެފަ އެވެ.

އެހެންކަމުން އެ ބިން ޒަލްދާން އޮއިލްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދިއުމަށާއި، ބިމުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެ ކުންފުނީގެ އަތުން ހޯދުމަށް ތަކުރާރުކޮށް ކައުންސިލަށް އަންގާފައިވާނެ ކަމަށް އޭސީސީ އިން ބުނެ އެވެ.

ނަމަވެސް އެ ކޮމިޝަނުގެ އެންގުމާ ހިލާފަށް އެ ބިން އިތުރު 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ވިލިނގިލި ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މި މައްސަލައާއި ގުޅިގެން އޭސީސީން އެކައުންސިލަށް އަންގައިފައިވާ އެންގުންތަކާއި އަމަލުކޮށްފައި ނުވާތީ އެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އަދި މި މައްސަލާގައި ޝާމިލުވާ ކައުންސިލަރުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެލްޖީއޭ އަށް އަދި ޒަލްދާން އޮއިލް ސަޕްލައިސްގެ މައްސަލަ ބަލަން ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް