ދިވެހި ބަހުގެ އެކަޑަމީ - ފޮޓޯ: ޗެނަލް 13

ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

2019 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ މި ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުލުވާލާ ދިވެހި ބަހުގެ އެކަޑަމީއިން ކޮށްފައިވާ އިޢުލާނުގައި ވަނީ، މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އިސްކޫލުތަކަށާއި، ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ މެދުގައި ކަމަށެވެ.

ޤައުމީ ތާރީޚު ސުވާލު މުބާރާތް 2019 ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، ސްކޫލްތަކުގެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާތަކަކީ، 13 އަހަރުން ދަށާއި، 13 އަހަރާއި 16 އަހަރާ ދެމެދު، އަދި 16 އަހަރާއި 21 އަހަރުން ދަށުގެ އުމުރުފުރާތަކަށެވެ.

ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވީ، 13 އަހަރުން ދަށް ކަމުގައި ބަލާނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ   1 ވަނަ ދުވަހަށް 13 އަހަރު ނުފުރޭ ދަރިވަރުންކަމަށާއި، 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ ކަމުގައި ބަލާނީ  2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހަށް 13 އަހަރު ފުރި، 16 އަހަރު ނުފުރޭ ދަރިވަރުންކަމަށާއި، އަދި  16އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ ކަމުގައި ބަލާނީ  2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހަށް 16 އަހަރު ފުރި، 21 އަހަރު ނުފުރޭ ދަރިވަރުންކަމަށެވެ.

މީގެ އިތުރުން އެކަޑަމީން ވިދާޅުވީ، ކޮލެޖް އަދި ޔުނިވަރސިޓީތަކުން މުބާރާތުގައި ބައިވެރިވާއިރު، ޔުނިވަރސިޓީ، ކޮލެޖް، އިންސްޓިޓިއުޓް އަދި އެކެޑަމީގެ ނުވަތަ އެ ތަނެއްގައި ހިމެނޭ ފެކަލްޓީގެ ބައެއްގެ ގޮތުގައި ބައިވެރި ވެވޭނެކަމަށެވެ.

ތާރީޚު ސުވާލު މުބާރާތުގައި އިދާރާތަކުން ބައިވެރިވާއިރު، ސްކޫލްތަކުން ކޮންމެ އުމުރުފުރާއަކުން 3 ދަރިވަރުން އަދި ކޮލެޖް ނުވަތަ ޔުނިވާސިޓީންވެސް ބައިވެރިވެވޭނީ 3 ފަރާތަކަށް ކަމަށް އެކަޑަމީން ވިދާޅުވިއެވެ. ނަމަވެސް ބަދަލުގައި ކޮންމެ ތަނަކުންވެސް 2 ބައިވެރިއެއްގެ ނަން ހުށައެޅިދާނެއެވެ.

ސްކޫލް، ކޮލެޖް އަދި ޔުނިވާސިޓީ މެދުވެރިކޮށް ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ ދަރިވަރުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ އާއެކު 2019 މާރިޗު މަހުގެ 3 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން ހުށައެޅުމަށް އެކަޑަމީން އެދިފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް