ދިވެއްސަކާ ކައިވެނިކޮށްގެން އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި އުޅެނިކޮށް ހައްޔަރުކުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަޙްޔާ ޞާލިޙް ކުރަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލަށް 43 ދުވަސް ވެފައިވާއިރު، އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޔާސިރުގެ އާއިލާއިން ވިދާޅުވެފައި ވާގޮތުގައި ޔާސިރު ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އެއްވެސް ހުކުމެއްނެތި، ޖަލަށްލާފައިވާތާ ދެ އަހަރާއި 4 މަސް ވެފައިވާއިރު، ޖަލުގައި ތަހައްމަލު ކުރަމުންދާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް އެއްވެސް ގޮތަކަށްއައިސްފައި ނުވާކަމަށެވެ.
ސަރުކާރުގެ އެއްވެސް އިދާރާއަކުން މިމައްސަލައަށް ޙައްލެއް ލިބޭގޮތް ނުވުމާއި ޙައްލެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާފައި ނުވުމުގެ ސަބަބުން، އެކަމުގެ ޙައްލު ހޯދުމުގެ ގޮތުން 2019 ޖޫން 26 ވަނަ ދުވަހުން ފެށިގެން ޔާސިރު ދަނީ ބަނދުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންނެވެ.
ޔާސިރުގެ އާއިލާއިން އިއްޔެ ބުނެފައިވާ ގޮތުގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލަށް 43 ދުވަސްވެފައިވާއިރު ޔާޞިރުގެ ސިއްޙީ ހާލަތު ދައްވެ އޮގަސްޓް ދެ ވަނަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކޮށްފައެވެ.
ސަރުކާރުގެ އިދާރާތަކުން އަދިވެސް މި މައްސަލައަށް ޙައްލެއް ހޯއްދަވަން ނޫޅުއްވާކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނަތާ 5 ދުވަސް ވެފައިވާއިރު އެޗްއާރުސީއެމް ފިޔަވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން އަހަންމިއްޔަތުކަމެއް ދީފައެއް ނުވާކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެޗްއާރުސީއެމްގެ ޓީމަށްވެސް ޔާޞިރާއި ބައްދަލުކުރެއްވުމަށްވެސް ދަތިކަން އާއިލާއިން ފާހަގަ ކޮށްފައިވެއެވެ.
ޔާސިރު އެޑްމިޓް ކުރިފަހުން، 5 ދުވަސް ތެރޭގައި ޖަވާބެއް ދޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވީނަމަވެސް އަދިވެސް އެފަރާތުގެ އެއްވެސް ޚަބަރެއްވެފައެއް ނުވެއެވެ. އަދި މިރެއިންފެށިގެން އައިވީ ގުޅަން ނުރުހޭކަމަށް ޔާސިރު ވަނީ ޑޮކްޓަރުން ކައިރީ ބުނެފައި ކަމަށާއި، އާއިލާއަށް ޔާސިރުގެ އެއްވެސް ކަމެއްގައި އެއްވެސް ބާރެއް ދީފައި ނުވާ ވަގުތެއްގައި މިފަދަ ނިންމުމެއް ޔާސިރު ނިންމުމާއި ގުޅިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށް އަދި ހަދާނެގޮތެއްވެސް ނޭންގި ގޮތްހުސްވެއްޖެ ކަމުގައި އާއިލާއިން ވަނީ ބުނެފައެވެ.
ކާތަކެތީގެ ޒަރީއާއިން ހަށިގަނޑަށް ލިބެންޖެހޭ މާއްދާތަށް ނުލިބުމުގެ ސަބަބުން، މަސްލް ދަށްވެ ޔާސިރުގެ ފުރާނައަށް ނުރައްކާވާކަން ޑޮކްޓަރުން ތަކުރާރުކޮށް ވަނީ ކަށަވަރު ކޮށްދެއްވާފައިކަމަށާއި، މި މަޢުލޫމާތު ވާނީ ހޯމް މިނިސްޓްރީއަށާއި، އިމިގްރޭޝަނަށާއި، ރައީސް އޮފީހަށްވެސް އަންގާފައި ކަމަށް އާއިލާއިން ބުނެއެވެ.
ޔާސިރަށް ދެމުންގެންދާ އަނިޔާއާއި ލާއިންސާނީ އަމަލުތަކުގެ ސަބަބަކީ ސަރުކާރުގެ އިދާރާތަކުން ނިކަމެތި ރައްޔިތުންނަށް ޤާނޫނީ ގޮތުންނާއި، އިންސާނީ ހަމަތަކުގެ މަތިން ލިބިދޭންޖެހޭ ޙައްޤުތައް ނިގުޅައިގަތުންކަމަށާއި އަދި އިންސާފާއި ހަމަހަމަކަމަކީ ހަމައެކަނި ވަކި ލެވެލް އެއްގެ ބަޔަކަށް މި ޤައުމުގައި ލިބޭ އެއްޗެއްކަން ސާބިތު ކޮށްދޭ ކަމުގައި އާއިލާއިން ވަނީ ބުނެފައެވެ.