މި މަހުގެ އޯގަސްޓް ދެވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވި، ޔަމަނު މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ ސާލިހ، 45 ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރުފަހު 13:00 ގައި މަސްޖިދު ތަޢާވުން (އާސަހަރާ) މިސްކިތުގައި އޮންނާނެއެވެ.
މާލޭގައި ދިވެއްސަކާ ކައިވެނި ކޮށްގެން ދިރިއުޅެމުން ދިޔަ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ސޯލިހުއަކީ، ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައިހުރި މީހެކެވެ.

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް 2017 ވަނަ އަހަރު ހައްޔަރުކުރި ޔާސިރު ޔަހްޔާ ސާލިހް، އަކީ އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ކުރިން އުޅުނު މީހެއްވެސް މެއެވެ. އެ ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވެއެވެ.
ޔާސިރު ޔަހުޔާ ސޯލިހު އަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިންވަނީ ވިދާޅުވެފައެވެ.
ޔާސިރު ޙައްޔަރުކޮށްފައިވަނީ ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތުގައެވެ. އަދި އެމައްސަލައިގައި ޔާސިރުގެ ކައިވެނީގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކޮށްލަންވެސް ވަނީ ނިންމައިފައެވެެ. އަދި ޑީޕޯޓްކޮށްލެވެންދެން އޭނާ ހުރީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައެވެ.
ޔާސިރު ނިޔާވެފައިވަނީ ސީރިއަސް ހާލަތުގައި އައިޖީއެމް ހޮސްޕިޓަލްގައި އޮތުމަށް ފަހުގައެވެ. ޔާސިރު ޔަހްޔާގެ ވަކީލުންގެ ޓީމުން ބުނިގޮތުގައި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔައީ ހާޓް އެޓޭކެއް ޖެހިގެންނެވެ.



