ޔާސިރު ޔަޙްޔާ ޞޯލިޙް

އެމަޖެންސީގައި ފަރުވާދެމުންދާ ޔާސިރު ޔަހްޔާ ޑީޕޯޓު ކޮށްލަން އުޅޭކަމުގެ ތުހުމަތެއް!

ހާލު ސީރިއަސްވެގެން އިމަޖެންސީ ފަރުވާދެމުންދާ ޔާސިރު ޔަހްހާ ސާލިހް ޑީޕޯޓު ކޮށްލަން އުޅޭކަމަށް އޭނާގެ އަންހެނުން ބުނެފި އެވެ.

ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާގެ އަންހެނުން ބުނެފައިވަނީ ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ޔާސިރުގެ ޕާސްޕޯޓު ހެއްދުމަށްޓަކައި ޔަމަންގެ އެމްބަސީގައި އެދިފައިވާ ކަމަށެވެ.

ހައްޔަރުކުރިތާ 3 އަހަރާއި 4 މަސް ވެފައިވާ ޔާސިރު ޔަހްޔާގެ ޕާސްޕޯޓަށް ފޮރިންގ މިނިސްޓްރީން އެދިފައި މިވަނީ ޔާސިރަށް އެމަޖެންސީގައި ފަރުވާ ދޭން ފެށުމުން ކަމަށާއި މިހާރުވެސް މިނިސްޓްރީގެ މައިގަނޑު އަމާޒަކީ އޭނާގެ ސިއްޚީ ހާލަތާއި ގުޅޭ މައުލުމާތު ޔަމަން ސަރުކާރާއި ހިއްސާ ކުރުމުގެ ބަދަލުގައި ޔާސިރު ޔަހްޔާ ޑީޕޯޓުކޮށްލުން ކަމަށް އޭނާގެ އަންހެނުން ވަނީ ބުނެފައެވެ. އެގޮތަށް އެކަން ވިޔަ ނުދޭނެ ކަމަށްވެސް ޔާސިރުގެ އަންހެނުން ވަނީ ބުނެފައެވެ.

އޭނާގެ އަންހެނުން އިތުރަށް ބުނެފައިވަނީ އޭނާ އަކީ ދުސްމަނެއް ކަމަށް ހީވެދާނެ ކަމަށާއި ނަމަވެސް އޭނާގެ ފިރިމީހާގެ ހައްޤުތަށް ހޯދުމަށް މަސައްކަތް ކުރުން ހުއްޓާ ނުލާނެ ކަމަށެވެ. އޭނާ ވަފާތެރިވާނީ އޭނާ ހެއްދިވަ ފަރާތަށާއި އިސްލާމް ދީނަށާއި އެޔަށްފަހު އޭނާގެ ފިރިމީހާ އަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ބަހެއް ނުބެނެ މަޑުން ނުހުންނާނެ ކަމަށް ތަކުރާރުކޮށް އޭނާ ވަނީ ބުނެފައެވެ.

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް 2017 ވަނަ އަހަރު ހައްޔަރުކުރި ޔާސިރު ޔަހްޔާ ސާލިހް، އަކީ އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ކުރިން އުޅުނު މީހެއްވެސް މެއެވެ. އެ ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވެއެވެ.

ޔާސިރު ޔަހްޔާ އާއި ބެހޭ ގޮތުން މިނިސްޓަރު އިމްރާން މީގެ ކުރިން ވިދާޅުވީ، ޔާސިރު ޔަހުޔާއާ ޓެރަރިޒަމާ ގުޅުން ހުރިކަން ބައިނަލްއަގުވާމީ މީޑިއާގައި ވެސް ފެންނަން އެބަހުރި ކަމަށާއި އޭނާއާ ބެހޭ މައުލޫމާތު ފުލުހުންނަށް ލިބި އިމިގްރޭޝަނަން އެންގުމުން ކޮންޓްރޯލާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ޔާސިރު ރާއްޖެ ދޫކޮށް ދާން އެންގުމުން ޕާސްޕޯޓް ފޮރުވައި، ފުރައިގެން ދޭން އިންކާރުކުރީ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، 2017 ވަނަ އަހަރުގެ މާރޗްމަހުގެ 03 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެ ހުންނަނީ އަމިއްލަ އިހްތިޔާރުގައި ކަމަށާއި ފުރައިގެން ދާން ބޭނުންވާ ނަމަ މިހާރުވެސް އެކަން ފަހިކޮށްދޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އޭނާގެ ފުރުވާލުމަށް ކުރަމުންދާ މަސައްކަތް އެއްބާރުލުން ދީފައި ނުވާއިރު، ޕާސްޕޯޓް ވީތަންވެސް ސާފުކޮށްދީފައި ނުވާ ކަމަށެވެ.

ސީޕީ ވިދާޅުވީ، ޔާސިރު ޔަޙްޔާ ޞޯލިޙް އަކީ ޓެރަރިޒަމްގެ ބެކްރައުންޑް އޮތް މީހެއް ކަމަށާއި، ޔަމަނުގެ އިތުރުން އޮމާން އަދި ޕާކިސްތާނުގައި ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ މުޖުތަމައަށް ދޫވެފައި ހުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ފުލުހުން އޭރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ