(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ނީލްއާއި އިހްސާން އެކުއެކީގައި ބަލާލިއެވެ. ފުރަތަމަ ނުކުތީ ރައިނާއެވެ. ރައިނާގެ ފަހަތުން ނުކުތީ ނޫރީންއެވެ. ނީލްއަށް ބޭއިހްތިޔާރުގައި ސޯފާއިން ތެދުވެވުނެވެ. ހުއްޓުމެއް ނެތި އެސްފިޔަ ނުޖަހާ ނީލްއަށް ބެލެނީ ނޫރީންއަށެވެ. ރަތްކުލައިގެ ކުރުތާއަކާއި ކަޅު ޖިންސެކެވެ. ބޮލުގައި ހުޅިއެއް ޖަހާފައެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާތޮށިކުލައިން ނޫރީންގެ ރީތި ކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
"އަނގަ ހުޅުވިފައި ތި ވައްތަރަށް ހުއްޓާ އަނގަޔަށް ވަންނާނީ މެއްސެއް ތޯއްޗެއް." އިހްސާން ނީލްގެ ގައިގާ ޖެހިލަމުން ދިމާކޮއްލިއެވެ.
ނީލް ހިނިގަނޑެއް ޖަހާލަމުން މޫނު އަނބުރާލަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަންވީ ނާކާމިޔާބެވެ. ނީލްގެ ދެލޯ އެހެން ދިމާލަކަށް ބަލަން ބޭނުން ނުވާފަދައެވެ. ނީލްގެ ހިތުގެ ތެރޭގައި ބުނެދޭން ނޭނގޭ ފަދަ އިހްސާސްތަކެއް އުފެދެމުން ދިޔައެވެ.
ނީލް ހިނިގަނޑެއް ޖަހާލަމުން މޫނު އަނބުރާލަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަންވީ ނާކާމިޔާބެވެ. ނީލްގެ ދެލޯ އެހެން ދިމާލަކަށް ބަލަން ބޭނުން ނުވާފަދައެވެ. ނީލްގެ ހިތުގެ ތެރޭގައި ބުނެދޭން ނޭނގޭ ފަދަ އިހްސާސްތަކެއް އުފެދެމުން ދިޔައެވެ.
"ނީލް އަހަރެން ރީތިތަ؟" ނޫރީން ދުވެފައި އައިސް ނީލްގެ ކުރިމައްޗަށް ހުއްޓެމުން އެހިއެވެ.
"ނޭނގޭ އަހަންނަކަށް" ނީލް ދުރަށް ދާން ހިނގައިގަތެވެ. ނޫރީންއާއި އެހާ ގާތުގައި ހުންނާކަށް ނީލްއަށް ކުޅަދާނައެއް ނުވިއެވެ.
"އާނ. ނޫރީން ވަރަށް ލޯބި. ހިތަށް އަރާ މިހާރުވެސް ބައްދައިގަނެފާނަމޭ. މަންޖެ އަހަރެންގެ ހިތަށް ކިހިނެއްތަ ތިހަދަނީ؟ މިވަރުން މިހިތް އަހަރެން މަތަކުރާނީ ކިހިނެއް؟" ނީލް ހިތާހިތުން ކިޔާލިއެވެ.
"ކީއްވެ ނޭނގެންވީ. އެނގޭނެ. ބުނެބަލަ" ނީލްގެ ފަހަތުން ނޫރީންވެސް ހިނގައިގަތެވެ.
ނޫރީންއާއި ނީލްގެ ހަރަކާތްތަކަށް ބަލަން އިހްސާންއާއި ރައިނާ ދުރުގައި ތިއްބެވެ. އެކަކު އަނެކަކުގެ އަތުގައި ހިފައިގެންނެވެ. ވާންއުޅޭ ހުރިހާ ކަމެއް އެދެމީހުންނަށް އެނގޭ ފަދައެވެ.
"ލޯބި ދޯ އެދެމީހުން އުޅޭގޮތް. އަހަރުމެންވެސް އުޅުނީ އެހެންތަ؟" ރައިނާ އިހްސާންއަށް ބަލާލަމުން ބުންޏެވެ.
"އަހަންނެއް ގައިމުވެސް ބޭބީ ސުވާލެއް ކުރީމަ ޖަވާބު ނުދީނުއެއް ދަން. މިދެމީހުންގެ ގޮތެއް ނޭނގޭދޯ އަދި ބުނާކަށް. އެކަމަކު ނީލް އަންހެން ކުއްޖެއް ގެއަށް ގެނައި މީ ފުރަތަމަ ފަހަރު. ގައިމުވެސް ނީލްގެ ހިތުގައި ކޮންމެވެސް އެއްޗެއް އޮތީމަ ކަމަށް އަހަންނަށް ލަފާކުރެވެނީ." އިހްސާން ހިނިތުންވެލަމުން ރައިނާ ގައިގާ ބައްދާލިއެވެ.
މެންދުރުގެ ކެއުމަށްފަހު އެންމެން އެކުގައި ނުކުތީ ނޫރީންއަށް ހެދުން ގަންނާށެވެ. އެންމެ އުފާވެފައިހުރީ ނޫރީންއެވެ. އިންސާނުން ލާ ކަހަލަ ހެދުންލެވެން އުޅޭތީއެވެ. ގެއިން ނުކުތީއްސުރެ ނޫރީން ހުރީ ނީލްގެ އަތުގައި ހިފައިގެންނެވެ. ރައިނާ އިހްސާންގެ އަތުގައި ހިފައިގެން ހުރީމައެވެ. އެކަމާ ނީލްވެސް އެއްޗެކޭ ނުއެއް ބުނެއެވެ. މަގުމަތިން އެންމެންގެ ނަޒަރުތަށް ހުއްޓެމުން ދިޔައީ ނޫރީންއާއި ނީލްއަށެވެ. ނޫރީން ފެނުމުން މޫނު ކުނިކޮށް ތުންއަނބުރާ އަންހެން ކުދިން ގިނައެވެ. ހަމައެހެންމެ ނޫރީން ފެނުމުން ހިނިތުންވެ ނިއް އަރުވާލާ ފިރިހެން ކުދިންވެސް މަދެއް ނޫނެވެ.
"އެހެރީ ނު ދޯ އަންހެނެއް؟ އެނގޭތަ އެ އަންހެންމީހާއަކީ ވަރަށް ގޯސް މީހެއް. އެނގޭތަ ކީއްވެގެންކަން؟ އޭނަގެ ފިރިމީހާ ރަށުގައި ނުހުންނަ ދުވަސްތަށް ބަލާފައި އެހެން ފިރިހެނުން ކައިރިއަށް އޭނަ ދާނެ. އަނެއްކާ އެނގޭތަ އޭނަ ފިރިމީހާވެސް ވަރަށް މޮޅު ވާނެ. އެ އަންހެން މީހާއަށް ވަގަށް ޖެހިގެން ހުރިގޭ އަންހެން މީހާއާއި ގުޅުން ބާއްވާނެ." ނޫރީން ވަރަށް ސިއްރުން ނީލްގާތުގައި ބުންޏެވެ.
"ނޫރީންއަށް ކިހިނެއް އެނގެނީ؟" ހިނިގަނޑެއް ޖަހާލަމުން ނީލްއަހާލިއެވެ.
"އަހަންނަށް ވަރަށް ގިނަ ކަންކަން އެނގޭނެ. ނީލްއޭ ހީކުރަނީ އަހަންނަށް އެއްވެސް ކަމެއް ނޭނގޭނެ ކަމަށް" ނޫރީން ފަހުރުވެރިވެލަމުން ބުންޏެވެ.
"އެހެންތަ؟ ދެން ކޮން ކަމެއް އެނގެނީ؟" ނީލް ޝައުގުވެރިކަން ފާޅުކުރަމުން ނޫރީންގެ ލޮލަށް ބަލާލިއެވެ. ނީލްގެ ހިތުގައި ނޫރީންއަށް ހާއްސަ މަގާމެއް ދެވިއްޖެކަން ގައިމެވެ.
"އަހަންނަށް އެނގޭ އެހެން ވާހަކައެއްދޯ؟ އަހަންނަށް އެނގޭ އިހްސާންމެންގޭގައި ހައްދާފައި ހުންނަ ބޯގަންވިލާ ގަސްކައިރިން ރޭގަނޑު ހިޔަންޏެއް ފެންނަކަންވެސް" ނޫރީން ހެމުން ބުނެލިއެވެ.
"ތެދެއް އިހްސާން. ތިގޭ ބޯގަންވިލާ މާގަސް ކައިރިން ހިޔަނި ފެނޭ؟" ޔަގީން ކޮއްލުމައްޓަކައި ނީލް އަހާލީ އިހްސާންގާތުގައެވެ.
"އާނ. އެކަހަލަކަމެއް އުޅޭ އެބަ. އެކަމަކު އަހަރުމެން އެހާ ވަރަކަށް އަޅައެއް ނުލަން. ހިޔަންޏެއް ފެނޭ. އެކަމަކު އަހަރުމެންނަށް އެއްވެސް އުނދަގުލެއް ނުވޭ ދޯ ރައިނާ" އިހްސާން ބުނެލިއެވެ.
"އާނ. އެގަސް ކައިރީގައި ކުޅެން އުޅެނީ ހަންޑި ކުއްޖެއް. އެ ގަހަކީ ވަރަށް ގިނަ ދުވަސް ވެފައި ހުރި ގަހެއް. އެ ކުއްޖާ އެއްވެސް މީހަކަށް އުނދަގުލެއް ނުކުރާނެ." ނޫރީން ހުރިހާ ކަމެއް އެނގޭ މުސްކުޅި މާމަގަނޑެއްހެން އަނގަ ތަޅުވަމުންދިއެވެ.
"ނޫރީންއަށް ކިހިނެއް ތި ހުރިހާ ކަމެއް އެނގެނީ؟" ނީލް ހައިރާންވިއެވެ.
"ހަނދާންނެތުނީތަ؟ އަހަންނަކީ ހަންޑިއެކޭ. ހަހަހަ. ކަންމަތިތަކުގައި އަންހެންވެރިން ދައްކާ ވާހަކަތަކެއް ނީލްމެން އަޑެއް ނާހަންތަ؟ އެމީހުންނަށް ހުރިހާ ކަމެއް އެނގޭނެ. އެމީހުންނަށް ނޭނގި މިރަށުގައި އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެ." ނޫރީން ނީލްގެ އަތުގައި ހިފައިގެން ހިނގަމުން ވާހަކަ ދައްކަމުންދިޔައެވެ. ނީލްވެސް އެ އަތުން ދޫކޮއްލުމަކަށް ބޭނުމެއް ނުވެއެވެ.
ލޯތްބަކީ ވަރަށް ފާޑެއްގެ ޖަޒުބާތެކެވެ. އެންމެ ފެނިލުމަކުން ހިތްދެވޭ އިރު އެތަށް ދުވަހެއް އެކުގައި އުޅުމުންވެސް ހިތުގައި ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނުޖެހި ބައެއް ފަހަރުދެއެވެ. އަނެއްބައިފަހަރު އިންތިހާއަށް ރުޅި އަންނަމީހުންދެކެ ވެސް ލޯބިވެވެއެވެ. ބައެއް ފަހަރު އިންސާނުންގެ ދިރިއުޅުން އުފާވެރިކޮށްދޭ އިހްސާސެކެވެ. ނަސީބު ދެރަ އެތައް ބަޔަކު ލޯތްބެއް ނުލިބިގެން ހަޔާތް ބަރުބާދުކޮއްލާ ފަހަރުވެސް މަދެއް ނޫނެވެ.
އައު ހެދުންތަށް ގަނެގެން އެންމެން އެއްކޮށް ދިޔައީ އިހްސާންމެން ގެއަށެވެ. އެގޭގައި މަޑުކޮއްލުމައްފަހު ރޭގަނޑަށް ގެއަށް ދިޔުމަށެވެ. ރައިނާ ހާއްސަކޮށް ނޫރީންއަށް މީރު ކާއެއްޗެއް ދިނުމަށް ނޫޑްލްސް ކެއްކިއެވެ. ނޫޑުލްސްއަކީ ނީލްއަށްވެސް އެންމެ ކަމުދާ ކެއުމެވެ. ކެއްކުމަށް އެހީވުމަށް ނޫރީން އުޅެމުން ދިޔައީ ރައިނާއާއިއެކު ބަދިގޭގައެވެ. ކޮންމެ ކަމެއްވެސް ކުރަންވާ ގޮތް އެންމެ ފަހަރަކު ދައްކާލުމުން ނޫރީން ފުރިހަމައަށް އެކަމެއް ކޮށް ނިންމާލަނީ ނިކަން އަވަހަށެވެ. ރައިނާއާއި ނޫރީން އެކުގައި މަސައްކަތްކުރަމުން ދިޔައިރު ހީވީ ގިނަ ދުވަސްވެފައިވާ ދެ ރަހުމަތްތެރިން އެކުގައި މަސައްކަތްކުރަނީ ހެންނެވެ.
ނީލްއާއި އިހްސާންތިބީ ޓީވީ ހުޅުވައިގެން ގޭމް ކުޅޭށެވެ. ޕީއެސް ކުޅުމަކީ އެ ދެފިރިހެނުން ޖެހުމުން އަބަދުގެވެސް އާދައެވެ. ކުޅެން އިނެއްކަމަކު ނީލްއަށް އިރުއިރުކޮޅުން ބަދިގެއަށް ކަޅިއެއްލެއެވެ. ނޫރީން ދެކިލުމަށެވެ. ނީލްގެ މިހަރަކާތް ނިކަން ގާތުން އިހްސާން ބަލަން އިނެވެ.
"ދެން ބުނެބަލަ ކޮން ގޮތަކުން ދިމާވި މަންޖެއެއްކަން" އިހްސާން ބޭނުންވީ އޮޅުންފިލުވާށެވެ. އެހެން ކަމުން އެއްވެސް ދޮގެއްނެތި ނޫރީން ދިމާވި ގޮތާއި މިހާތަނަށް ކަންތައްތައް ދިމާވި ގޮތް ކިޔާދިނެވެ. އެންމެ ގާތް ރަހުމަތްތެރިޔާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ނީލް ބޭނުމެއް ނުވެއެވެ.
"އެއް ގޮތަކަށްވެސް ނޫރީން ކުރިއަކުން ނޭނގޭ. އަހަރެން ހަމަ އަޖައިބު ވެއްޖެ. އަހަރެން ދަންނަ ނީލްއަކީ އަންހެން ކުދިން އެތަށް ދުވަހަކު ހުއްޓާނުލާ މަސައްކަތް ކޮށްގެންވެސް ކާމިޔާބު ނުވާ މީހެއް. އިސްވެ އަންހެން ކުއްޖަކާ އަނގައިންވެސް ބުނާ މީހެއް ނޫން. މިފަހަރު ކިހިނެތްވީ އަނެއްކާ" އިހްސާންއަށް ގަބޫލުކުރަން ދަތިވިއެވެ.
"އަހަންނަށްވެސް ތިއެއްނު ނޭނގިގެން މިއުޅެނީ. އެންމެ ފުރަތަމަ ފެނިލުމުންވެސް ނޫރީން އަހަރެންގެ ހިތް ގެންގޮއްސި. އަހަންނަށް މުޅިންވެސް ވިސްނެނީ ނޫރީންއާ ދޭތެރޭ. އޭނަ އުޅޭ ގޮތާއި ދޭތެރޭ. ކުރާ މޮޔަ ކަންތައްތަކާ ދޭތެރޭ. އެ ހިނިތުންވުމުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވާދޭ. އަހަރެން އެބަ ވަރަށް މަސައްކަތްކުރަން އަހަރެންގެ ހިތް މައިތިރި ކުރެވޭތޯ. ފެނިގެން އަދި ސައުވީސް ގަޑިއިރު ނުވާ އަންހެން ކުއްޖަކާއި ހުރެ މި ވަރަށް މި ހިތް ތެޅެން ހެޔޮ ވާނެތަ؟ ހަނދާންވޭތަ އެއްދުވަހެއްގަ އިހްސާން ބުނީމެއްނު އަހަންނަށްވެސް އެއްދުވަހަކުން އަންހެން ކުއްޖަކު ފެންނާނެއޭ. އެ އަންހެން ކުއްޖާގެ އެންމެ ހިނިތުންވުމަކަށް ޖާނު ގުރުބާން ކުރަންވެސް އެދުވަހުން ފަހެއް ނުޖެހޭނެއޭ. އަހަންނަށް ހީވަނީ ނޫރީންއަކީ އެދުވަހު އިހްސާން ބުނި ކުއްޖާހެން. އަހަންނަށް ފުރަތަމަ ފަހަރު ނޫރީންގެ ލޮލުން ކަރުނަ ފެނުމުން ހިތްކުދިކުދި ވެގެން ދިޔަ ކަހަލަ. ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް އެ ކަރުނަތަށް އެ ލޮލުން ނުފައިބާނެ ގޮތެއް ހަދަން. ދެވަނަ ވިސްނުމެއްނެތި ނޫރީން ގެއަށް ގެންދެވުނީވެސް އެހެންވެގެން." ނީލް ބަދިގޭގައި ހުރި ނޫރީންއަށް ބަލަމުން އޭނާއަށް ކުރެވެން ދިޔަ އިހްސާސްތަށް ކިޔާދިނެވެ.
"އަހަންނެއް ނުބުނާނަން ނޫރީންއަކީ ގޯސް ކުއްޖެކޭ. އެކަމަކު ރަނގަޅު ކުއްޖެކޭ ބުނަންވެސް އަދި މާ އަވަސް. އެކަމަކު އެ މަންޖެ އުޅޭލެއް މައުސޫމްކަން ފެނުނީމަ ހިތެއް ނުބުނޭ ގޯސް ކުއްޖަކަށް ވެދާނެއެކޭވެސް. އަހަންނަށް ހީވަނީ ހިތް ހިބަކޮށް ދޭން އަދި ތަންކޮޅެއް އަވަސްހެން. އަހަރެން އެދެނީ ނީލްއަށް ނީލް ލޯބިވާ އަދި ނީލްދެކެ ލޯބިވާ ކުއްޖަކު ލިބުމަށް. އަހަރެންގެ އުއްމީދަކީ އެ ކުއްޖާއަކީ ނޫރީންއަށް ވުމަށް. ރައިނާއަށްވެސް ނޫރީން ވަރަށް ކަމުދާހެން ހީވަނީ. އަހަންނަށްވެސް ތަންކޮޅެއް ފަސޭހަވާނެ އެއްނު. އަބަދު އަބަދު އޭނަ ގޮވައިން ދެން ބޭރަށް ދާކަށް ނުޖެހޭނެއެއްނު. ނޫރީން ހުންނާނެ އެއްނު" އިހްސާން ހިނިގަނޑެއް ޖަހާލިއެވެ.
ކެއްކުމަށްފަހު އެންމެން އެއްކޮށް ކާން ނުކުތީ ސިޓިންގ ރޫމަށެވެ. ޓީވީގައި ފިލްމެއް އަޅުވައިގެންނެވެ. އެންމެން ކަމުންދިޔައިރު ނޫރީން އިނީ ޓީވީއަށް ގެއްލިފައެވެ. މިހަށިން ފުރާނަ ދަންދެން އެއީ ރައިނާއަށް އެންމެ ރީތި އެއް ފިލްމެވެ. އަނގައިން ނުބުނެ ނޫރީން އިނުމުން ނޫރީންއަށްވެސް ފިލްމު ކަމުދާކަން އެންމެންނަށް ޔަގީންވިއެވެ.
"ނޫރީން ކީއްވެގެން ތި ރޮނީ؟" ނީލް ސިއްސައިގެންދިޔައީ ނޫރީންއަށް ބަލާލެވުނު ވަގުތުގައެވެ.
ނީލް އެހެން ބުނުމާއިއެކު މަޑުމަޑުން ރޮއިރޮއި އިން ނޫރީންގެ ބަޑި ފަޅައިގެންގޮސް ކޯތާފަތްމައްޗަށް ކަރުނަތަށް ފައިބަންފެށިއެވެ. ނީލް އޯގާތެރިކަމާއިއެކު ނޫޑުލްސްތަށި އިހްސާންއަތަށް ދިނުމަށްފަހު ގާތްވެލީ ނޫރީންއަށް މިރުސްކޮޅެއް ކެވިގެން ކުޅިވެގެން ރޮވެނީކަމަށް ހީކޮއްފައެވެ. ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. ނޫރީންއަތުގައި އިން ނޫޑުލްސްތަށި ނޫރީން ސޯފާގައި ބައިންދާލިއެވެ.
"ނޫރީން ކިހި.." ނީލްއަށް ބުނެވުނީ އެހާ ހިސާބަށެވެ. ނޫރީން ނީލްގައިގާ ބައްދައިގަތެވެ. އަޑުން އަޑުނަގާ ނޫރީން ރޯންފެށިއެވެ. ތިންމީހުން ވަރުވަރުން ސުވާލުތަށް ކުރަމުން ދިޔައެވެ. އެކަކުގެވެސް ސުވާލަކަށް ނޫރީން ޖަވާބެއް ނުދެއެވެ.
"އެ އަންހެން ކުއްޖާ އެހެން ހަދަންވާނެތަ؟ އޭނަ ފިރިމީހާ ކިހާ ރަނގަޅުތަ." ނޫރީން ގިސްލަމުން އެހެން ބުނީ ނީލްގެ ގައިގާ ބައްދައިގަނެގެން އިންނަތާ އެތަށް އިރެއް ފަހުންނެވެ.
އެންމެން އެއްކޮށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. ނީލްވެސް ހިނިތުންވެލިއެވެ. ސިއްސައިގެން ގޮސް ނީލް ނޫރީން ދުރުކޮއްލީ އޭނާއަށް އިނދެވުނީ ނޫރީން ގައިގާ ބައްދާލައިގެން ކަން އެނގުމުން ލަދުންނެވެ.
ނުނިމޭ





ހިޔާލު
Reethi mibaives natha vr molhu ingey ❤️