(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)
މަންމަ ބުނި އެހެން ހުރިހާ ކަމެއް ނީލް ވަނީ ކޮއްފައެވެ. އިންސާނުންގެ ތެރޭގައި އިންސާނުން އުޅޭގޮތަށް އުޅެން ދަސްކުރިއެވެ. އެއްވެސް މީހަކަށް އޭނާގެ އަސްލު އެންގުމެއް ނެތިއެވެ. ނަމަވެސް މިއަދު އޭނާއަށް ލޯބިވެވުނީ ހަންޑިއެއް ދެކެއެވެ. ނޫރީންއަކީ ހަންޑިއެއްކަން އެނގުނު ދުވަހު ބިރުގަތީ އެހެންވެގެންނެވެ. ނަމަވެސް ހިތަށް ބާރު ފޯރުވަން ނީލްވަނީ ނުކުޅެދިފައެވެ.
ސަވާ ނުކުމެގެން ދިޔަ މަންޒަރު ނޫރީންއަށް ފެނުނު ނަމަވެސް ވެގެން އުޅޭ ގޮތެއް ނޫރީންއަކަށް ނޭނގެއެވެ. ސަވާގާތުން އަހާކަށްވެސް ބޭނުން ނުވީއެވެ. ނުވަތަ ނީލް ގާތުން އަހާ އޮޅުން ފިލުވުމަށްވެސް ބޭނުން ނުވަނީއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ނޫރީންއަށް އެނގުނެވެ. ނަމަވެސް ސަވާއަކީވެސް ސިނގު ރުޅި އަންނަ ކުއްޖެއް ކަމުން އިރުކޮޅަކުން އެ ރުޅިގަނޑު މައިތިރި ވުމުން ގެއަށް އަންނާނެ ކަމަށް ނޫރީން ގަބޫލު ކުރިއެވެ.
ނީލްގެ ހަގީގަތް އެނގުމުން ސަވާ އިންތިހާއަށް ބިރުގަތެވެ. ދެން ދުވަހަކުވެސް ނީލް ހުރި ހިސާބަކަށް ދާންވެސް ސަވާއަކަށް ނުއެއް ކެރޭނެއެވެ. މިހާރު ސަވާގެ ހިތުގައި ނީލްއަކީ ފުރޭތައެކެވެ. އިންސާނަކަށް އެފަދަ މީހެއްގެ ފަރާތުން އެއްވެސް ރައްކާތެރި ކަމެއް ނޯންނާނެއެވެ. އެއީ ސަވާ ދެކޭ ގޮތެވެ. މަސްދަތުރެއްގައި ކަނޑުމަތީގައި ހުރި މާއިޒްއަށް ސަވާ ގުޅީ އަވަހަށް ރަށަށް އައުމަށް ބުނުމަށެވެ. އެކަނި ހުންނަން ބޭނުން ނުވާތީއެވެ. އެފަދަ ވަގުތެއްގައި އެންމެ ބޮޑު ރައްކާތެރި ކަމެއް ލިބޭނީ ބޭބެގެ ފަރާތުން ކަމަށް ސަވާ ދެކުނެވެ.
"ނޫރީން" ނީލް ނޫރީންއަށް ގޮވާލިއެވެ.
ސިޓިންގ ރޫމްގައި ޓީވީ ހުޅުވައިގެން އިން ނޫރީންއަށް އެ އަޑެއް ނީވުނެވެ. ދެތިން ފަހަރަކު ނީލް ގޮވާލުމުންވެސް މެއެވެ. އެހެން ކަމުން ނީލް ނުކުމެގެން އައީ ނޫރީންއަށް ވީ ގޮތެއް ނޭނގުމުންނެވެ. ހަމަޖެހިލާފައި ޓީވީ ބަލަން އިން ނޫރީން ފެނުމުން ނީލްގާތަށް ހިނިވެސް އައެވެ. އުނދަގުލެއް ކޮށްލުމުގެ ގޮތުން ނީލްގޮސް ޓީވީ ރިމޯޓް ނަގާ ޓީވީ ނިއްވާލިއެވެ.
"ނީލް. ކީއްވެ ޓީވީ ނިއްވާލީތި؟" ނޫރީން ސިއްސައިގެން ގޮސް ނީލްއަށް ބަލާލިއެވެ.
"ކަމެއް ނުވޭ. ހަމަ ނިއްވާލާ ހިތްވީ" ރިމޯޓްއަތަށް ލައިގެން ގޮސް ނޫރީން ގާތުގައި ނީލް އިށީނީއެވެ. އެހާ ދުވަހަށް ފަހު ނީލް ނޫރީންއާއި ވާހަކަ ދެއްކުމުން ނޫރީން އިނީ ކޮންމެވެސް ވަރަކަށް ހައިރާންވެސް ވެފައެވެ.
"ދެން އެހެން ވިއްޔާ ޓީވީ ހުޅުވަބަލަ. ވަރަށް ރީތި ފިލްމެކޭ އެ އަންނަނީ." ނޫރީން އެދުނެވެ.
"ކޮން ފިލްމެއް އަންނަނީ؟" ނީލް ކޮށްލީ ސުވާލެކެވެ.
"ނޭނގޭ ނަމެއް. ފެށިގެން އުޅެނިކޮށް ހުޅުވުނީ" ނޫރީން ބުނެލިއެވެ.
"ދެނޯ" ނީލް އަހާލިއެވެ.
"ނިމެން އުޅެނިކޮށް ބެލުނަސް ފިލްމު ރީތި ވެދާނެއެއްނު؟" ނޫރީން ހިނިތުންވެލިއެވެ.
"ފިލްމެއް ނޫރީންއަށް ރީތި ވަނީ ކީއްވެ؟" ނީލް ޝައުގުވެރިކަން ފާޅު ކުރިއެވެ.
"ލޯބިވާ ދެމީހުން ގުޅުނީމަ ވަރަށް ރީތި." ނޫރީން ނީލްއަށް ބަލާލަމުން ބުންޏެވެ.
"ދެން އެހެން ވިއްޔާ ދިރިއުޅުމުގަ ކިހިނެއްވީމަ ކަމުދާނީ؟" ނީލް ނޫރީންގެ ލޮލަށް ބަލާލަމުން އަހާލިއެވެ.
"ދިރިއުޅުމަގައި ބޭނުންވާހާ ހުރިހާ ކަމެއް ނުއެއް ވާނެ އެއްނު؟ ހުރިހާ ކަމަކަށް އަހަރުމެންގެ ބާރެއް ނުފޯރާނެއެއްނު." ނޫރީން ބުނެލީ ހަގީގަތަށެވެ.
"ނޫރީން މާއިޒްދެކެ ވަރަށް ލޯބިވޭތަ؟" ނީލް އަހާލި ސުވާލަކުން ނޫރީން ހައިރާންވިއެވެ.
"ކީއްވެ ތިހެން ތި އެހީ؟" ނޫރީންއަށްވެސް ކޮށްލެވުނީ ސުވާލެކެވެ.
"ދެން ބުނެބަލަ" ނީލް އެދުނެވެ.
"އަހަރެން އެދުނިން މާއިޒް ގާތުން އަހަންނަށް ފުރުސަތެއް ދިނުމަށް. އެކަމަކު މާއިޒް އަހަންނަކަށް އެ ފުރުސަތެއް ނުއެއްދިން." ހިނިގަނޑެއް ޖަހާލަމުން ނޫރީން ބުންޏެވެ.
"ތީގެ މާނައަކީ ނޫރީންއާއި މާއިޒް.. ތި ދެމީހުން އުޅެނީ އެއްކޮށެއް ނޫނޭތަ؟" ނޫރީން ބޯ ޖަހާލުމާއި އެކުގައި ނީލްއަށް ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ދަތިވިއެވެ.
"އާރގް. މިއޮށް ހުރިހާ ދުވަހަކު އަހަރެން ހީކުރީ ނޫރީން މާއިޒްދެކެ ލޯބިވަނީ ކަމަށް. އަދި އަހަރެން ހީކުރީ ތި ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް." ނީލް އަޑު ބާރު ހިނިގަނޑެއް ޖަހާލިއެވެ.
"ކީއްވެގެން ނީލް އެހެން ހީކުރީ. އެހެން ނޫނަސް އަހަރެން މީހަކާއި ގުޅިގެން ނީލްކޮން ދެރައެއް ވާނީ. ނީލް ލޯބިވަނީ ސަވާދެކެ ވިއްޔާ" ނޫރީން އިސްޖަހާލިއެވެ.
"މޮޔަ ގަނޑާ. އަހަރެން ސަވާ ދެކެ ދުވަހަކުވެސް ތިޔަ ބުނާ ގޮތަކަށް ލޯތްބެއް ނުވޭ. އަހަރެން އަބަދުވެސް ސަވާ ދެކުނީ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި. ސަވާއަށް އަހަރެން ފުރުސަތެއް ދިނީ.. އެއީ އަހަރެން ހީކުރީ ނޫރީންއާއި މާއިޒް ކަމެއް ކަމަށް. އެހެންވެގެން." ނީލް ހަގީގަތް ހާމަ ކުރިއެވެ.
"މިސާލަކަށް އަހަރެން އަދި މާއިޒްއާއި ގުޅުނޭ ކިޔާފައި ނީލް ޖެހޭތަ ސަވާއަށް ފުރުސަތު ދޭން" ނޫރީން އެއްމިޔަކަނުން ހީލިއެވެ.
"އާނ. ވާނީ އެހެން ދޯ؟ އަހަރެން ބޭނުންވީ ނޫރީން މަތިން ހަނދާން ނައްތާލަން." ނީލްއަށް ބުނެލެވުނެވެ.
"ކީއްވެގެން އަހަރެން މަތިން ހަނދާން ނައްތާލަންވީ؟ އަހަންނަށް ކީއްކުރެވުނީ؟" ނޫރީން ހާސްވާގޮތްވިއެވެ.
"ނޫރީން ކަމެއް ކުރީއެއް ނޫނޭ. އަހަންނަށޭ ކަމެއް ވީ." ނީލް ހިނިތުންވެލިއެވެ.
"ނީލްއަށް ކޮން ކަމެއް ވީ؟" ނޫރީންއަށް ކުރެވެނީ ގިނައިން ސުވާލެވެ.
"އަހަންނަށް ކޮން ކަމެއްހޭ ވީ؟" ނީލް މަޑުމަޑުން ނޫރީންއާއި ގާތްވެލިއެވެ. ނޫރީންގެ ލޮލަށް ބެލުމުގައި ވަގުތުކޮޅެއް ހެދަކޮއްލުމަށްފަހު ނޫރީންގެ ނިއްކުރިއަށް ބޮސްދިނެވެ.
"އަހަންނަށް ހަންޑިއެއްދެކެ ލޯބިވެވުނީ." ނީލް ހިނިތުންވެލަމުން ބުންޏެވެ. ނޫރީންގެ ހިތް އުފަލުން ނަށަން ފެށިކަހަލައެވެ. އެތަށް ދުވަހަކަށް ފަހުގައި އުފާވެރިކަން ނޫރީންގެ ހަޔާތަށް އަނބުރާ އައިފަދައެވެ.
"ހަންޑިއެއްދެކެ ލޯބިވާކަށް ބިރެއް ނުގަނޭ؟" ނޫރީން އަހާލިއެވެ.
"ލޯބި ވެވެނީ ހުރިހާ ކަމެއް ހޯދާ ބަލާފަތަ؟ އެހެން ނޫނަސް އަހަރެން ނޫރީން ގާތުގައި ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން." ނީލް ބޭނުންވީ ނޫރީންއަށް ހުރިހާ ކަމެއް ކިޔާދޭށެވެ.
ނީލްގެ ހުރިހާ ހަގީގަތެއް ނޫރީންއަށް ކިޔާދިނެވެ. ނުރީން ގުޅެން ބޭނުންވަނީ އިންސާނަކާ ކަން އެނގޭ ހާލުގައެވެ. ނޫރީން ނިންމާ ކޮންމެ ނިންމުމަކަށް ނީލް ތާއީދު ކުރަން ހުރީ ތައްޔާރަށެވެ.
"އަހަރެން ކަހަލަ ހަންޑިއަކާއި އެކުގައި ނޫރީން މުޅި އުމުރު ވޭތު ކޮށްފާނަންތަ؟ އަހަންނަށް އެނގޭ ނޫރީން ބޭނުންވަނީ އިންސާނެއްކަން، އެކަމަކުވެސް އަހަރެން ނޫރީން ދެކެ ވަރަށް ލޯބިވޭ. އަހަންނާއި އެކުގައި އުމުރު ހުސްވަންދެން ނޫރީންއަށް އުޅެން ކެރިދާނެތަ." ނީލްއަހާލިއެވެ.
"ލޯބި ވެވުނީ ހަމައެކަނި ނީލްއަށްތަ؟ އާނ. އަހަރެން ބޭނުން އުމުރު ހުސްވަންދެން ނީލްއާއި އެއްކޮށް އުޅެން. ނީލްއަކީ އިންސާނަކަށް ވިޔަސް ނުވިޔަސް އަހަންނަށް ނީލްދެކެ ވަރަށް ލޯބި ވެވިއްޖެ. އެކަމަކު އަހަރެންގެ އޮތީ އެންމެ އެދުމެއް. އަހަރެންގެ ހިތުގެ އެދުމަކީ ދުވަހަކުވެސް ނީލް އަހަރެން ދޫކޮށްލާފައި ނުދިޔުން. ހަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައި އަހަންނާއި އެކުގައި އަބަދު ނީލްވުން." ނޫރީން ނީލްގައިގާ ބައްދާލިއެވެ.
ކުޑަދޮރުން ބޭރުގައި ހުރި މާއިޒް ހިނިތުންވެލިއެވެ. ނޫރީންއާއި ނީލް ދައްކަމުން ދިޔަ ވާހަކައެއް ނޭނގުނަސް ދެމީހުންގެ ހަރަކާތް ހުރި ގޮތުން ނޫރީންއަށް ނީލް ލިބުނީކަން މާއިޒްއަށް ޔަގީންވިއެވެ. މާއިޒް ގެއަށް އައީ ސަވާ މާލެދާން ކުއްލިގޮތަކަށް ނިންމުމުން ނޫރީން ގާތުގައި އެވާހަކަ ބުނާށެވެ. ނަމަވެސް އެވަގުތަކީ ނޫރީންއަށް ކިހާ މުހިއްމު ވަގުތެއްކަން ފެނި މާއިޒް ފަސްއެނބުރި ހިނގައި ގަތީއެވެ.
ލޯބިން ނޫރީންއާއި ނީލް ނަށަނީއެވެ. ދެމިހުންގެ ހިތްވެސް އުފަލުން ފޮޅެނީއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދެމީހުންނަށް ދުނިޔެއިން ހުރިހާ އުފަލެއް ލިބުނު ފަދައެވެ. ދެމީހުންގެ އުފަލުގައި ބައިވެރިވުމަށް އިހްސާންއާއި ރައިނާއަށްވެސް ގުޅައިގެން އެގެއަށް ގެނައެވެ. ނީލްގެ ހަޔާތަށް ނޫރީން ކަހަލަ ކުއްޖަކު އައުމުން އެކުވެރިންވެސް ތިބީ ނިކަން އުފަލުންނެވެ.
"އަހަރެން އުމުރަށްވެސް ނޫރީންދެކެ ލޯބިވާނަން. ލޯބިން އެހެން ކުއްޖަކަށް ބަލާވެސް ނުލާނަން." ނޫރީންގެ މޫނުމަތީގައި ފިރުމާލަމުން ނީލް ބުންޏެވެ.
"އެއީ ދޮގެއް ނޫރީން. އެހެން ހަދާ ދޮގު ގަބޫލު ނުކުރާތި. މިއަދު އެހެން ބުންޏަސް މާދަމާ އެހެން އަންހެން ކުއްޖަކު ފެންނައިރަށް އެދިމާއަށް ދާނެ." ލާނެތް ހިނިގަނޑެއް ޖަހާލަމުން އިހްސާން ބުންޏެވެ.
"އެހެންތަ؟ ކިތައް އަންހެން ކުދިންނަށް ބެލިން މިއަދާ ހަމައަށް؟ އަދި ކިރިޔާ މި އެނގުނީ." ރައިނާ އިހްސާން ގައިގާ ޖަހާލިއެވެ.
"އަހަރެންގެ ނީލް އެހެނެއް ނުވާނެ." ނޫރީން ފަހުރުވެރި ވެލިއެވެ.
ނިމުނީ