(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)
އެތަށް އިރެއް ފާއިތުވެގެން ދިޔައީ މާއިޒް ނޫރީންއަށް ހިތްވަރު ދިނުމުގައެވެ. ނަމަވެސް އެއަކުން މާ ބޮޑު ކަމެއް ނުއެއްވިއެވެ. ހުއްޓުމެއް ނެތި ނޫރީން ރޮމުން ރޮމުން ގޮސް ނިދުނީއެވެ. މާއިޒް އިންގޮތަށް އިނީއެވެ. ސޯފާއިން ބިންމައްޗަށް ފައިބާލާ ނޫރީންއަށް ބަލަން އިނީއެވެ. ބައެއް ފަހަރު ނޫރީންގެ މޫނުގައި ފިރުމާލާ ބޮސްދޭން ހިތަށް އެރި ނަމަވެސް އެކަމަށް ނުކުޅެދޭ ހާލުގައެވެ.
ދުވަހަކަށް ފަހު ދުވަހެއް މާޒީއާއި އެކު ވަމުން ދިޔައެވެ. ހަޔާތުން ފަހަރަކު ދުވަހެއް ފާއިތު ވަމުން ގޮސް ނީލް ސަވާއާއި އެކުގައި އުޅޭތާ ތިން މަސްވީއެވެ. ނޫރީންވެސް ގިނަ ވަގުތު ހޭދަކުރަނީ މާއިޒްއާއި އެކުގައެވެ. މާއިޒް ނޫރީންދެކެ ކިތަންމެ ލޯތްބެއް ވީނަމަވެސް ދެކެމުން އައީ ހަމައެކަނި ވަރަށް ގާތް ރަހުމަތްތެރިއެއްގެ ގޮތުގައެވެ. މާއިޒް މަސައްކަތް ކުރަމުން ދިޔައީ ނޫރީންގެ ހަނދާން ތަކުން ނީލް ފުހެލެވޭތޯއެވެ. ސަބަބަކަށްވީ ސަވާ ނީލްއާއި ކައިވެނި ކުރުމަށް ބޭނުން ވާ ވާހަކަ ދައްކަމުން ދާތީއެވެ.
ނީލްއާއި ނޫރީން އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކައެވެ. އެކަކު އަނެކަކަށް ނޭނގޭނެ ގޮތަށް އެކަކު އަނެކަކުގެ މޫނަށް ބަލާހެދުން ނޫން ކަމެއް އެމީހުންނަށް ނުކުރެވެއެވެ. ގޭތެރޭގައި އުޅޭ އިރުގައި ސަވާ ނީލްއާއި ގާތްވާ މަންޒަރުތަށް ފެނުމުން ނޫރީންގެ ހިތް ކުދިކުދި ވަމުން ދެއެވެ. އަނެއްކޮޅުން ނޫރީންގެ ހާލު އެންމެ ގާތުން ފެންނަމުން ދާތީ މާއިޒްގެ ހިތަށްވެސް ކެތްވާވަރެއް ނުވެއެވެ. ނީލްގެ އުޅުން ބަދަލުކަން ހުދު ސަވާއަށްވެސް އެނގެއެވެ. ބައެއް ފަހަރު އެ ބަދަލުތަކުގެ ސިއްރަކީ ނޫރީންކަމަށް ޝައްކުވީ ނަމަވެސް އެކަން އަދި ސަވާއަށް ވަނީ ޔަގީންވާ ގޮތްނުވެފައެވެ. ނަމަވެސް ނޫރީން އެގެއިން ބޭރުކޮށްލުމަށް ސަވާ އަންނަނީ ރަނގަޅު ދަނޑިވަޅަކަށް ބަލަމުންނެވެ.
ނޫރީން މާ ބުރަކޮށްލައިގެން އުޅުނީ ކައިގެން ސިންކުގައި ބަހައްޓާފައި ހުރި ތަށިތަށް ދޮވުމުގައެވެ. ބަދިގެއާއި ގޭތެރެ ރީތިކޮށް ބޭއްވުމަކީ ނޫރީން ނިކަން ބޭނުންވާ ކަމެކެވެ. ހާއްސަކޮށް އެއީ ނީލްގެ ގެއަށް ވުމުންނެވެ.
"އައްޗި. މިއީ ނޫރީނޮ ދޮވުނު ތަށިތަށް؟" ރީއްޗަށް ދޮވެފައި ހުރި ތަށިތަކުގައި އަތްކާއްތަމުން ސަވާ ފާޑުކިޔަން ފެށިއެވެ.
"ތި ތަށިތަކަށް ކިހިނެއްވީ؟" ނޫރީން މަޑުމަޑުން އަހާލިއެވެ. ސަވާ ދައްކާ ވާހަކައަކަށް ނޫރީން އެހާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ.
"ބަލާބަލަ މީގައި މިހިރީ ހުސް ތެޔޮ. އޯމޯކޮޅެއް ސައިބޯނިކޮޅެއްވެސް ނުލަންތަ؟" ސަވާ އައިސް ނޫރީންގެ ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ.
"ތީގައި ތެޔޮ ހުރި ކަމެއް އަހަންނަކަށް ނޭނގޭ، އަހަރެން ކަންތައް ކުރާ ގޮތަށް ހިތްހަމަ ނުޖެހެންޏާ ސަވާ ތި އެއްޗެހި ދޮވުމަކުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ސަވާ އަހަރެން ކުރާ ކަންތައްތަކަށް ފާޑު ކިޔާނީ އަހަންނަށް ވުރެ ރަނގަޅަށް، ފުރިހަމައަށް އެކަން ކުރަން އެނގޭތީ ކަމަށް އަހަންނަށް ގަބޫލު ކުރެވެނީ" ނޫރީން މަޑުމައިތިރި ކަމާއި އެކުގައި ބުނެލިއެވެ.
"އަހަރެން؟ ތަށިތަށް ދޮންނަންވީ؟ ހަނދާން ނައްތާލާ. ނޫރީންއަށް ހީވަނީ އަހަރެންގެ ނިޔަފަތިތަށް މިހާ ރީތިކޮށް ހުންނަނީ ތަށިތަށް ދޮވެގެން ކަމަށްތަ؟ ނޫރީން ހީކުރަނީ ނީލް އަހަރެންގެ އަތުގައި ހިފާ ވަގުތުގައި އަހަރެންގެ އަތްތިލަ ކުރަކިވެފައި ހުންނަން އަހަރެން ބޭނުންވާނެ ހެންތަ؟ ނޫން. ތަށިތަށް ދޮވެ ސާފުކުރާނީ ނޫރީން ކަހަލަ އެއްވެސް އަގެއް ނެތް ނޯކަރު ފެންވަރުގެ މީހުން. ކިޔަވާ މަތީ ވަނަތަށް ހާސިލްކޮށްގެން އަހަރެން އައީ ބަދިގޭގައި އުޅެން ކަމަށްހެން ނޫރީންއަށް ހީވަންޏާ ތިއީ ކުށްހީއެއް!" ސަވާ ހިތްހަމަ ނުޖެހޭ ގޮތްވިއެވެ.
"ސަވާ! ކީކޭ ތި ކިޔަނީ؟ ނޫރީންއަކީ މިގޭގައި މަސައްކަތް ކުރަން އަހަރެން ބަހައްޓާފައި ހުންނަ ކުއްޖެއް ނޫން. އަހަރެން ބޭނުމެއް ނޫން ދެވަނަ ފަހަރަކަށް ސަވާ ވިޔަސް އަދި އެހެން މީހަކު ވިޔަސް ނޫރީންއާއި ދިމާއަށް ތިފަދަ އިބާރާތުން ވާހަކަ ދައްކާ އަޑު އަހާކަށް." ޑިއުޓީ ނިންމާލާފައި އައިސް ގެއަށް ވަތް ނީލްއަށް އިވުނީ ނީލް އަޑުއަހަން ބޭނުންވި ޖުމްލަތަކެއް ނޫނެވެ. އަޑު ބާރުކޮށް އެހެން ބުނެލަމުން ނީލް މަޑުކުރުމެއް ނެތި ގޮސް ވަނީ ކޮޓަރިއަށެވެ.
"ހީ ނުކުރައްޗޭ ނީލް އެހެން ބުނީމައި މިކަން ނިމުނީ ކަމަށް. އަދި ދެންމެ ކަންތައް ވީ ގޮތުން އަހަރެން ނޫރީން ދެކެ މާ ބޮޑަށް ފޫހިވެއްޖެ." އެހެން ބުނެލަމުން ދުންޖަހާފައި ސަވާ ގޮސް ވަނީ ނީލްގެ ކޮޓަރިއަށެވެ.
"ކީއްވެގެން ނޫރީންއާއި އެއްބައިވީ؟" ސަވާ ޝަކުވާ ކުރިއެވެ.
"އަހަރެން އެއްވެސް މީހަކާ އެއްބައެއް ނުވަން. އަހަރެން ބުނިހާވެސް އެއްޗަކީ ދެވަނަ ފަހަރަށް ނުރީންއާއި ދިމާއަށް އެފަދަ އިބާރާތުން ވާހަކަ ނުދައްކައްޗޭ." ނީލް ހަމަޖެހިލައިގެން އެނދުގައި އިށީނެވެ.
"ނީލް ނުޖެހޭނެ އެހެން ބުނާކަށް. ނީލް ޖެހޭނީ އަހަރެން ދިފާއު ކުރަން. ނޫރީން ބޭނުންވީ އަހަރެން ގޭތެރޭގެ މަސައްކަތް ކުރަން." ސަވާގެ އަޑު ބާރުވަމުން ދިޔައެވެ.
"ގޭތެރޭގެ މަސައްކަތް ކުރުމަކީ ހަޑިހުތުރު ކަމަކީތަ؟ އަހަރެން ދުވަހަކުވެސް ނުބުނަން ނުރީން ގާތުގައެއް މަސައްކަތެއް ކުރާށޭ. އެއީ އޭނަ އަމިއްލައަށް ފެނިގެން ކުރާ މަސައްކަތެއް. އެކަމާއި ދޭތެރޭ ސަވާ ހިތްހަމަ ނުޖެހެންޏާ ސަވާ އެކަންތައް ކުރުމަކުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް." ނީލް ޒުވާބު ކުރާކަށް ބޭނުމެއް ނުވެއެވެ.
"އޭނަ މިގޭގައި ކަންތައް ކުރުމަކުން އަހަންނަކަށް މައްސަލައެއް ނުފެނޭ. އޭނަ މިގޭގައި ހުންނަނީ އެއްވެސް ހަރަދެއް ކޮށްގެނެއް ނޫން. ކެއުމާއި ބުއިމާ، ނުވިތާކަށް ބޭނުންކުރާ ކަރަންޓާއި ލާން ގެންގުޅޭ ހެދުންވެސް ހޯދަނީ ނީލްގެ ހަރަދުގައި. ނީލް ނުޖެހެއޭ ކޮންމެހެން އެހުރިހާ ކަމެއް ކޮށްދޭކަށް. އަދި މިހާރު އެ އަންހެނާއާއި ހުރެ އަހަންނާއިވެސް ތި ދެބަސްވަނީ. އެއީ ނީލްގެ ކާކުތަ ނީލް ތިހާވަރު ވާކަށް" ސަވާ ދޫދޭކަށް ބޭނުމެއް ނުވިއެވެ.
"ސަވާ މިގޭގައި ތި ހުންނަނީ ވަކި ކޮން ހަރަދެއް ކޮށްގެން؟ އަހަރެން ދުވަހަކުވެސް ޝަކުވާ ކުރިންތަ؟ އެހެންވީމަ ތިކަމާ ސަވާ ނުބެހޭ." ނީލް ހިތްހަމަ ނުޖެހޭގޮތް ވިއެވެ.
"އަހަންނާއި އެ އަންހެން ކުއްޖާގަނޑާއި އެއް ހަމައަކަށް ނުގެނެވޭނެ. ނީލްއޭނަ މިގެއިން ނެރެލާ. އަހަރެން ބޭނުމެއް ނޫން އޭނަ މިގޭގައި ހުންނާކަށް." ސަވާ ހަޅޭއްލަވަމުން ކަހަލަ ގޮތަކަށް ބުންޏެވެ.
"ސަވާގެ ކަންތައް މިހާރު ތިދަނީ މާ މައްޗަށް. ނޫރީން މިގެއިން ނެރުމުގެ އެއްވެސް ބާރެއް ސަވާއަކަށް ނޯންނާނެ. އަދި އެހެން މީހަކަށްވެސް އެ ބާރެއް ނޯންނާނެ." ނީލް އެހެން ބުނުމާއި އެކުގައި ސަވާ ފުންމައިގެން ގޮސް ނީލްގެ ގައިގާ ޖެހިއެވެ.
"ސަވާ!" ނީލްއަށް ހަޅޭއްލަވައި ގަނެވުނެވެ.
"ނީލް ތިވަރުވާކަށް އެއީ ކާކު؟ ބަލަން ހުންނާތި. އަހަރެން ހިންދެމިލާނީ އޭނަ މިގެއިން ނެރުމައްފަހުގައި." ސަވާ އަދިވެސް ހަޅޭއްލަވަނީއެވެ.
"ހަބަރުދާރު. ނޫރީންއާއި ގާތްވިޔަސް ނިމުނީ. ސަވާ ތިހާ އެނގެން ބޭނުންވަންޏާ އަހަރެން ބުނެފާނަން. އަހަރެން ލޯބިވަނީ ނޫރީންދެކެ. އަހަރެން ނޫރީން ދެކެ އިންތިހާއަށް ލޯބިވޭ. އެކަމަކު ނޫރީން ލޯބިވަނީ މާއިޒްދެކެ. އަހަރެންގެ ނަސީބުގައި ނޫރީންގެ ލޯބި ނެތަސް ނޫރީން ފެންނަން ހުރުމުންވެސް އަހަންނަށް ހިތްހަމަޖެހުން ލިބިގެންދޭ. ރެއާއި ދުވާލު އަހަންނަށް ވިސްނެނީ ނޫރީންއާއި ދޭތެރޭގައި. ހިތުގައި ކިތަންމެ ވޭނެއް އަޅަމުން ދިޔަ ނަމަވެސް އެ ހުރިހާ ކަމެއް ފޮރުވައިގެން ކެތްތެރިވާން އަހަރެން މަސައްކަތްކުރިން. އަހަރެން ވަރަށް މަސައްކަތް ކުރިން ސަވާއާއި އެކުގައި ދިރިއުޅެން. ސަވާދެކެ ލޯބިވާން. އެކަމަކު އެކަމެއް އަހަންނަކަށް ނުވި." ނީލް އެންމެ ފަހުން ހަގީގަތް ހާމަ ކުރިއެވެ. ނީލް ހީކުރީ ހަގީގަތް ހާމަ ކުރުމުން ސަވާ މައިތިރި ވާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ސަވާ ގާތަށް އައީ އިތުރަށް ރުޅިއެވެ.
"މިވީ ހުރިހާ ދުވަހެއްގައި ނީލް އަހަންނަށް އޮޅުވާލީ. ނީލް ހީކުރަނީ މިއަދު ތި ހުރުހާ ވާހަކައެއް ދެއްކީމައި އަހަރެން ނީލްއަށް މައާފު ކުރާނެ ކަމަށްތަ؟ ނޫން. އަހަންނަކީ ނީލް ހީކުރާ ކަހަލަ "އީޒީ" މީހެއް ނޫން. ދެން ތިވީ ގޮތުން ނޫރީންއަށް ޖެހޭނީ މިގެއިން ދާން. މިގެއިން އެކަންޏެއް ނޫން. މިރަށުންވެސް ދާން. އެނގިދާނެތާ އަހަރެން ހުއްޓުވޭނެ މީހަކު ހުރިއްޔާ" ސަވާ ހިނގައިގަތީ ދޮރު ހުޅުވާފައި ނުކުތުމަށެވެ. ނަމަވެސް ނީލް ސަވާ އަތުގައި ހިފެހެއްޓިއެވެ. ތަނެއް ދޮރެއް ބެލުމެއް ނެތި ސަވާ ނީލްގެ އަތް ފޮޅުވާލަމުން ދިޔައީ ކުރިއަށެވެ.
ދެ ފަޔަށް ބާރުލާފައި ހިނގަމުން ދިޔަ ސަވާ ހުއްޓުން އެރީ އާދަޔާ ހިލާފަށް ގަދަ ވައިރޯޅިއެއް ކޮޓަރިއަށް ވަނުމުންނެވެ. ހުއްޓިލާފައި ބަލާލެވުނީ ކުޑަދޮރަށެވެ. ކުޑަދޮރު ހުރީ ލައްޕާފައެވެ. ދެން ސަވާއަށް ބަލާލެވުނީ ދެތިން ފޫޓު ދުރުގައި ހުރި ނީލްއަށެވެ. ހައިރާންވެފައި ހުރެ އެސްފިޔަ ޖަހާލެވުނީ ކިރިޔާއެވެ. ނީލް ހުރީ ސަވާ ކުރިމަތީގައި ހުއްޓިގެންނެވެ. ނީލްގެ ލޯވަނީ މަޑު ރަތް ކުލައަކަށް ބަދަލުވެފައެވެ. ސަވާ ބިރުގަންނަ ގޮތްވިއެވެ. ފަހަތަށް ދެތިން ފިޔަވަޅު ނެގުނުތަނުން ގޮސް ޖެހުނީ ދޮރުގައެވެ.
"ނޫރީންއާއި ދިމާއަށް ބާރަށް ބަހެއް ބުންޏަސް އަހަރެން ހަނދާން ނައްތާލާނަން ތިއީ އަހަރެންގެ ދުވަސްވީ ރަހުމަތްތެރިއެއް ކަން." ނީލްގެ ހޫނު ނޭވާ ސަވާގެ މޫނަށް އެޅޭ ހިސާބަށް އައިސް ނީލް މަޑުކޮއްލަމުން އިންޒާރު ދިނެވެ.
"ނީލް.. ނީލްގެ ލޯ" ސަވާގެ އަޑު ނިކުންނަނީ ކިރިޔަ ކިރިޔާއެވެ.
"ބިރުގަތީތަ؟ ދެން އަހަރެންދެކެ ލޯބިވާން ކެރޭނެތަ؟ އަހަންނަކީ އިންސާނެއް ނޫންކަން އެނގުނީމަވެސް އަހަރެންދެކެ ލޯބިވާނަންތަ؟" މަޑުމަޑުން އަތްނަގާ ސަވާގެ އަތުގައި ނީލް ހިފާލިއެވެ.
ސިހިފައި ސަވާއަށް އަތް ދަމައިގަނެވުނީ ނީލްގެ އަތް ޖެހުމާއި އެކުގައި ސަވާގެ ގަޔަށް ކަރަންޓު ޖެހުނު ކަމުގެ އިހްސާސް ކުރެވިގެންނެވެ.
ނީލް ކޮއްޕާލުމަށްފަހު ސަވާ ކޮޓަރި ދޮރު ހުޅުވާ ނުކުމެގެން ދިޔައީއެވެ. ގަތް ބިރުންނެވެ. ނީލް އަނބުރާ ގޮސް އެނދުމަތީގައި އިށީނީއެވެ. ވެގެން ދިޔައީ ނީލް ދުވަހަކުވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ. ނީލްއަށް ލޯމަރާލާ ފިއްތާލެވުނެވެ. ހަނދާނަށް އައީ މާޒީއެވެ. ނީލްގެ ބައްޕައަކީ އިންސާނެއް ނޫނެވެ. ނަމަވެސް ނީލްގެ މަންމައަކީ އިންސާނެކެވެ. ނޫރީންގެ މަންމައަށް ދިމާވި ގޮތާއި ހިލާފަށް ނީލްގެ މަންމަ އޭނާގެ ބައްޕައާއި ގުޅުނީ ހުރިހާ ހަގީގަތެއް އެނގި ހުރެއެވެ. ނީލްގެ މަންމަ އާގިލާ ނީލްއަށް ބަލިވެ އިނީވެސް ނިކަން އުފާވެރި ހަޔާތެއްގައި އުޅެނިކޮށެވެ. ނަމަވެސް އުފާވެރި ހަޔާތުގައި ނިމުމިގެ ސިއްކަ ޖެހުނީ ރަށުގެ ރައްޔިތުންނަށް ނީލްގެ ބައްޕަ ސަފީރުގެ ހަގީގަތް އެނގުމުންނެވެ. އެތަށް އަނިޔާއެއްކޮށް ސަފީރު މަރާލީ އާގިލާ ކުރިމަތީގައެވެ. ވިހާތަނުން ދަރިފުޅު މަރާލަން ނިންމައިގެން ތިބި ރައްޔިތުންނަށް ފިލައިގެން އާގިލާ ދިޔައީއެވެ. ވިހައިގެން ތުއްތު ދަރިފުޅު ގޮވައިގެން ފަހަރަކު ރަށެއްގައި އެކަނި ހާލައިގެން ދިރިއުޅުމެއް ބިނާ ކުރެވޭތޯ މަސައްކަތް ކުރަމުންއައެވެ. އެ މަސައްކަތް ކާމިޔާބުވީ އެތަށް ތޫފާނަކާއި ކުރިމަތި ލުމަށްފަހުގައެވެ.
ކުޑަ ދަރިފުޅު ބޮޑުވަމުން އައިއިރު ބާރުގެ ބޭނުން ނުކުރުމަށް އާގިލާ ކިތަންމެ ފަހަރަކު ނަސޭހަތްތެރިވިއެވެ. އިންސާނުންގެ ތެރޭގައި އުޅެވޭނީ އިންސާނުން އުޅޭ ގޮތަށް ކަމަށް އާގިލާ ބުނެ ކިޔާދީހެދިއެވެ. އޭގެއިތުރުން ނަމަނަމަ ހަންޑިއެއް ދެކެ ލޯބި ނުވުމަށް އާގިލާވަނީ އެދިފައެވެ. އާގިލާ އުޅެން ޖެހުނު ހާލުގައި ދަރިފުޅު ވުމަށް ނޭދޭތީއެވެ. މަންމަ ބުނި އެހެން ހުރިހާ ކަމެއް ނީލް ވަނީ ކޮއްފައެވެ. އިންސާނުންގެ ތެރޭގައި އިންސާނުން އުޅޭގޮތަށް އުޅެން ދަސްކުރިއެވެ. އެއްވެސް މީހަކަށް އޭނާގެ އަސްލު އެންގުމެއް ނެތިއެވެ. ނަމަވެސް މިއަދު އޭނާއަށް ލޯބިވެވުނީ ހަންޑިއެއް ދެކެއެވެ. ނޫރީންއަކީ ހަންޑިއެއްކަން އެނގުނު ދުވަހު ބިރުގަތީ އެހެންވެގެންނެވެ. ނަމަވެސް ހިތަށް ބާރު ފޯރުވަން ނީލްވަނީ ނުކުޅެދިފައެވެ.
ނުނިމޭ