އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބާއްވަނީ

އަދާލަތު ޕާޓީގެ ހިނގަމުންދާ ދައުރުގެ މުއްދަތު ހަމަވަމުން ދާތީ، ކޮންގްރްސް ބާއްވާ، ޕާޓީގެ އަސާސީ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތީން ދައުރު ބަދަލުވުމާއި ގުޅޭ އެންމެހައި ކަންކަން ކުރުމަށް އެޕާޓީގެ މަޝްވަރާ މަޖިލިހުން ވަނީ ނިންމާފައެވެ.

އަދާލަތު ޕާޓީން ވިދާޅުވީ، ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ ކުރިން ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ހުޅުވާލެވިގެންދާނެއެވެ. އެގޮތުން ދާއިރާ ރައީސުންގެ އިންތިޚާބާއި، ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވޭނެ ކަމަށް އެޕާޓީން ވިދާޅުވިއެވެ.

"އިންތިޚާބީ ދާއިރާއެއްގައި ޕާޓީގެ 150 މެމްބަރުން ހަމަވާނަމަ، ޕާޓީގެ މެމްބަރުންގެ ތެރެއިން މި މަޤާމަށް ޝަރުތު ހަމަވާ ކޮންމެ މެމްބަރަކަށް އެ ދާއިރާއެއްގެ ދާއިރާ ރައީސްކަމަށް ކުރިމަތިލެވޭނެ. ދާއިރާ ރައީސުންނަކީ ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅޭނެ ބަޔެއް." އަދާލަތު ޕާޓީން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިޚާބު ބާއްވާނެ ތަންތަނާއި، ގޮފިތަކުގެ އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅިގެންދަނީ އެ ތަނެއްގައި ޕާޓީގެ މެމްބަރުން ތިބި ނިސްބަތަކުންނެވެ.

"އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުމުގެ މަޤްސަދަށްޓަކައި، އިންތިޚާބު ބާއްވާ ތަންތަން ކަނޑައެޅިގެންދާނީ 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 2:00 އަށް ޕާޓީގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ޢަދަދުތަކަށްކަމަށް ޕާޓީގެ އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ފަރާތުން ވަނީ ނިންމާފައި." އަދާލަތު ޕާޓީން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެޕާޓީން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ