(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)
އެންމެން އެއްކޮށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. ނީލްވެސް ހިނިތުންވެލިއެވެ. ސިއްސައިގެން ގޮސް ނީލް ނޫރީން ދުރުކޮއްލީ އޭނާއަށް އިނދެވުނީ ނޫރީން ގައިގާ ބައްދާލައިގެންކަން އެނގުމުން ލަދުންނެވެ.
އިހްސާންމެން ގޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ނީލްއާއި ނޫރީން ގެއަށް ދިޔައީ ރޭގަނޑުވި ފަހުންނެވެ. ގެއަށް ދިޔައިރުވެސް ނޫރީންހުރީ ނީލްގެ އަތުގައި ހިފައިގެންނެވެ.
"ނޫރީން ނިދާނީ ކޮންއިރަކު؟" ނީލް ގެއަށް ވަދެ ދޮރު ތަޅުލަމުން އަހާލިއެވެ.
"ނޭނގޭ. ކަމެއްވީތަ؟ ނިދިއައިމަ ނިދަންވީ. ކޮންއިރަކު ނީލް ނިދާނީ؟" ނޫރީން ގޮސް ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.
"ނިދި އައީމައެއްނު އަހަރެންވެސް ނިދާނީ. އެކަމަކު މާދަން މެންދުރު ފަހު ނަމަވެސް ސްކޫލަށް ޖައްސާލަން ޖެހޭނެ. އާދިއްތަ ދުވަހަށް މާރކްކޮށް ނިންމަން ޖެހޭ ބައެއް ފޮތްތަށް ހުންނާނެ." ނޫރީން ކައިރީ އިށީންނަމުން ނީލް ބުންޏެވެ.
"އެހެންތަ. އެންމެ ރަނގަޅު. އެކަމަކު އޭރުން އަހަރެން އެކަނިތަ ގޭގައި ހުންނާނީ؟ އަހަރެން ފޫހިވާނެއެއްނު؟" ނޫރީން ފަސޭހަ ކަމާއި އެކު ތުންދަމާލިއެވެ.
"ފޫހި ވާން ޖެހޭތަ ކޮންމެހެން. ގޭތެރޭގައި ހުންނައިރު ނިކަން ގޭތެރެ ސާފުކޮއްލާ ހަދާލަބަ. އެހެން ނޫނީ ނޫރީން ކުރާ ހިތްވާ ކަމެއްވެސް ކޮއްލެވިދާނެ އެއްނު؟" ނީލް ހިޔާލް ދިނެވެ.
"އަހަރެން ކުރާ ހިތްވާ ކޮންމެ ކަމެއް އަހަންނަށް ކުރެވޭނެތަ؟ ނީލް މައްސަލައެއް ނުޖައްސާނަން؟" ނޫރީން ޔަގީންކޮއްލިއެވެ.
"އާނ. ނޫރީން ބޭނުންވާ ކޮންމެ ކަމެއް ކުރިޔަސް އެއީ އަހަރެން ޝަކުވާ ކުރަން ޖެހޭނެ ކަމެއް ނޫނެއްނު. ކޮންމެ މީހަކަށްވެސް އެމީހެއްގެ މިނިވަންކަން ލިބިގެންވާނެ އެއްނު" ނީލް ހިނިތުންވެލިއެވެ.
"އެންމެ ރަނގަޅު. އަހަރެން މާދަމާ ނިކަން ކުރާހިތްވާ ކަމެއް ކުރަން ފަށާނަން. ފަހުން މައްސަލަ ނުޖައްސާތި މިހާރު އެއްބަސްވެފައި" ނޫރީން ބުމަ އަރުވާލަމުން ބުނެލިއެވެ.
"އަނހަ އަހަރެން ހަނދާން ނެތުނީއޭ، ސްކޫލް ދެން ހުޅުވޭނީ އީދު ބަންދަށް ފަހު" ނީލް ކުއްލިއަކަށް ހަނދާންވިއެވެ.
"ނީލް އަހަރެން ވާހަކައެއް އަހާލަންތަ؟" ނޫރީން ވަރަށް މަޑުމަޑުން އަހާލިއެވެ.
"އަހާލަބަލަ ނިކަން" ނީލް ނޫރީންއަށް ބަލާލިއެވެ.
"އަހަރެން މިރޭ ނީލް ކޮޓަރީގައި އޮންނަންތަ؟" ނޫރީން އެހެން ބުނަމުން ހިނިތުންވެލިއެވެ.
އިރުކޮޅެއް ވަންދެން ނީލްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"އެއީ ކީއްކުރަން؟ ނޫރީންއަށް އަނެއް ކޮޓަރި އަހަރެން ތައްޔާރުކުރީމޭ ހެނދުނު." ނީލްގެ ހިތް ތެޅެމުންދިޔައެވެ.
"އެކަން އަހަންނަށް އެނގެޔޭ. އެކަމަކު އަހަރެން އެ ކޮޓަރީގައި އޮންނަހިތެއް ނުވެޔޭ. ނީލްގެ ކޮޓަރި މާ އަރާމު." ނޫރީން ބޭނުންވީ ނީލްގެ ކޮޓަރީގައި އޮންނާށެވެ. އެކަނި އޮންނަން ބޭނުން ނުވަނީއެވެ.
"އަރާމަކަސް އަންހެން ކުއްޖަކު ނުވާނެއެއްނު ފިރިހެން ކުއްޖެއްގެ ކޮޓަރީގައި އޮންނާކަށް؟" ނޫރީން ނީލްގެ ކޮޓަރީގައި ނިދަން އޮވެއްޖެނަމަ ނީލްގެ ލޮލަށް ނިދިވެސް ނާންނާނެއެވެ. ބެލޭނީ ނޫރީންއަށެވެ.
"އެއީ ކީއްވެގެން؟ އަހަންނަށް އެގޮތް އެންމެ ރަނގަޅޭ." ނޫރީން ގޮތްދޫކުރާ ގޮތަކަށް ނުވިސްނައެވެ.
"އެއީ ހަމަ އެހެންވެގެން." ނީލް އެހެން ބުނަމުން ސޯފާއިން ތެދުވެގެން ދުވެފައި ކަހަލަގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. ވަދެވުމާއި އެކު ކޮޓަރި ދޮރު ތަޅުވެސްލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނީ ދެނެވެ.
ސޯފާގައި އިށީނދެގެން އިން ނޫރީން ހިނިގަނޑެއް ޖަހާލިއެވެ.
"ދޮރު ލައްޕާ ތަޅުލިޔަސް އަހަންނަށް ބޭނުން ކޮންމެ އިރަކު ވަދެވިދާނެއޭ. މޮޔަ އިންސާނެއް މީވެސް" ނޫރީން ހިތާހިތުން ނީލްއާ ދިމާކޮށްލިއެވެ.
"ނީލްއަށް އެނގޭތަ އެހާ ބާރަށް ދޮރު ލެއްޕީމަ ގެއިން ބޭރުގައި ތިބޭ ޖިންނިންނަށް ހީވާނީ އެމީހުންނަށް ކޮޓަރިއަށް ވަންނަން ދައުވަތު ދެނީހެން. ދެން އެމީހުން ވަންނާނީ އެ ކޮޓަރިއަކަށް. އެކޮޓަރީގައި އޮތް މީހާ އެތަނުން ޖިންނިއަކަށް ކަމުގޮއްސިއްޔާ ދެން ވާނެ ގޮތަކާއި ދޭތެރޭ ނިކަން ވިސްނާލަބަލަ." ނޫރީން ސިޓިންގ ރޫމްގައި އިނދެގެން ތަންކޮޅެއް ބާރަށް ވާހަކަ ދެއްކިއެވެ.
ނީލް ވަށައިގެން ބަލާލިއެވެ. ނޫރީން ދެއްކި ވާހަކައިން ކުޑަކޮށް ނީލްވެސް ބިރުގަންނަ ގޮތްވިއެވެ.
"ނޫރީން ބިރެއް ނުގަނޭތަ ޖިންނިންދެކެއެއް؟" ނީލް ހަމަޖެހޭކަމަށް ހަދަމުން ކޮޓަރިތެރެއިން ވާހަކަ ދެއްކިއެވެ.
"އަހަރެންވެސް ބިރުގަނޭ ޖިންނިންދެކެ" ނޫރީން ހަގީގަތް ހާމަކުރިއެވެ.
"ހަންޑިން ޖިންނިންދެކެ ބިރުގަނޭތަ؟" ނީލް އަނެއްކާވެސް ނޫރީންއާއި ދިމާކުރަން ފެށިއެވެ.
"ހަންޑިން ވިއްޔާ ޖިންނިން ދެކެ ބިރުގަނެގެން ނުވޭ؟ އިންސާނުންނަށް ހަންޑިންދެކެވެސް ބިރުގަނެވޭ. ޖިންނިން ދެކެވެސް ބިރުގަނެވޭ؟ ހާދަ ހެއްވާ ގާނޫނެކޭ ދޯ ތި ގެންގުޅެނީ؟" ނޫރީން ފަސޭހަކަމާއި އެކުގައި ތުންދަމާލިއެވެ.
"ނޭނގޭނެއެއްނު ހަންޑިންވެސް ބިރުގަންނަ ކަމެއް" ނޫރީންގެ ހަގީގަތް ނޭނގިހުރެ ނީލް ދިޔައީ ދިމާކުރަމުންނެވެ.
"އިންސާނުންގެ ތެރޭގައިވެސް ރަނގަޅު މީހުންނާއި ނުބައި މީހުން އުޅޭގޮތަށް ހަނޑިންގެ ތެރޭގައިވެސް އަދި ޖިންނިންގެ ތެރޭގައިވެސް އެކަހަލަ ހަންޑިންނާއި ޖިންނިން އުޅޭނެ." ނޫރީން ވާހަކަ ދެއްކީ ކިރިޔަ ކިރިޔާ ނީލްއަށް އަޑުއިވޭ ވަރަށެވެ.
ނޫރީންގެ އަޑަށް އައި ބަދަލާއިއކު ކަމެއް ވެއްޖެކަމުގެ އިހްސާސް ނީލްއަށް ކުރެވުނެވެ. އެހެންކަމުން ޔަގީން ކޮއްލަން ބޭނުންވިއެވެ.
"އެހެން ނުވާނެ. ނޫރީން ކަހަލަ ހަންޑިއެއް ދެކެ ޖިންނިން ބިރުން ދުވެ ފިލާނީ" ބާރަށް ހިނިގަނޑެއް ޖަހާލަމުން ނީލް ބުނެލިއެވެ.
ނީލްގެ ވާހަކައަށް ނޫރީންގެ ރައްދެއް ނައުމުން މަޑުމަޑުން ނީލް ދޮރު ހުޅުވާ ބޭރަށް ބޯ ދިއްކޮއްލިއެވެ. އޭރު ނޫރީން އިނީ އިސްޖަހައިގެންނެވެ. ކަމަކާ ދެރަވެފައި އިންނަ ފާޑަށެވެ.
"ނޫރީން. ކަމެއްވީތަ؟ އަހަންނަށް ބުނަން ނުވާ ކަހަލަ އެއްޗެއް ބުނެވުނީތަ؟" ނީލް ހާސްވާގޮތްވިއެވެ. މަޑުމަޑުން ގޮސް ނޫރީން ގާތުގައި އިށީނެވެ.
ނީލް އިށީނުމާއި އެކު ނޫރީން ފެށީ ރޯށެވެ.
"ކިހިނެއްވީ؟ އަހަންނަށް ނޫރީން ދެރަވާ ވަރުގެ އެއްޗެކޭ ބުނެވުނީތަ؟ އެހެން ވެއްޖިއްޔާ އަހަންނަށް މައާފްކުރޭ." ނީލް ދެރަވާގޮތްވިއެވެ.
"ނޫން. ނީލްއަށް އެއްވެސް އެއްޗެއް ބުނެވުނީއެއް ނޫން. އެއްޗެއް ހަނދާންވީ. ނީލްއަށް އެނގޭތަ އަހަރެންގެ މަންމަ އުޅުނީ ވަރަށް ހާލުގައި. އަހަންނަކަށްވެސް ވީ ހުރިހާ ކަމެއް ނުއެއް އެނގޭ. އެކަމަކު އެނގޭ މަންމަ އެހާލުގައި ދުނިޔެ ދޫކުރަން ޖެހުނީ ކޮންމެވެސް ޖިންނިއެއްގެ ސަބަބުންކަން. މަންމަ ބުނި ވަގުތު ޖެހުމުން އަހަންނަށް ހުރިހާ އެއްޗެއް އެނގޭނެއޭ. އަހަރެން އިންތިޒާރު މިކުރަނީ އެ ދުވަހަކަށް. ނީލްއަށް އެނގޭތަ އަހަރެން މަންމައާ ވަރަށް ވައްތަރުވާނެ. އެއްވެސް ތަފާތެއް ނުހުންނާނެ." ނޫރީން އަމިއްލަ ލޮލުން ފައިބަމުންދިޔަ ކަރުނަ ތިކިތަށް އަތުގެ ނުފުށުން ފޮހެލިއެވެ.
ނީލްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބުނެވޭ ބަހަކުން ނޫރީންގެ ހިތުގައި ޖެހިދާނެތީ ބިރުންނެވެ.
ދެމީހުންގެ ދޭތެރެއަށް އިރުކޮޅެއް ވަންދެން ވެރިގެން ދިޔައީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަން ކަނޑުވާލާ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ނީލްއެވެ.
"ނޫރީން އީދަށް އެއްވެސް ތަނަކަށް ދާން ބޭނުންތަ؟ އީދުގައި އާއްމުކޮށް އެންމެންވެސް ވަރަށް މަޖާކުރާނެ. އެކަމަކު އަހަރެން އެކަނިވީމަ ގޭގައި ހުންނަނީ. މިފަހަރު ނޫރީން ބޭނުމިއްޔާ މަޖާކޮއްލަން ހިނގާ ކޮންމެވެސް ތަނަކަށްދާން. ވަރަށް ބޮޑު ބަންދެއް ލިބެއެއްނު" ނީލް ބޭނުންވީ ނޫރީން އުފާވާ ކަހަލަ ވާހަކައެއް ދައްކާށެވެ.
"އަސްލުވެސް އަހަރެން ބޭނުން ކޮންމެ ތަނަކަށް ދެވޭނެތަ؟ ނީލް އަހަރެން ގެންގޮސްދޭނަންތަ؟" ނޫރީން އުފަލުން އަހާލިއެވެ.
"ކޮންމެ ކޮންމެ ތާކަށް ނޫން. އަހަންނަށް ގެންދެވޭ ފެންވަރު ހުރި ކޮންމެ ތަނަކަސް އެންމެ ރަނގަޅު" ނީލް ހީލިއެވެ.
"ދެން ގެންގޮސް ނުދެވޭވަރުގެ ތަނެއްގެ ވާހަކައެއް ނުބުނާނެ އެއްނު." ނޫރީން ނީލްއާއި ގާތަށް ޖެހިލިއެވެ.
"ކޮންތާކަށް ނޫރީންދާން ބޭނުމީ ކޮންތާކަށޯ" ނީލް އަހާލިއެވެ.
"އަހަރެން ދާން ބޭނުމީ ރޭގަނޑު ތަރިތައް ބަލާލަން. އެންމެ ރަނގަޅު އަތިރިމައްޗަށް ވިޔަސް. ނޫނީ މިގޭ ގޯތިތެރޭގައި ޖޯއްޔެއް ބަހައްޓައިގެން އަހަންނަށް ރޭގަނޑު އުޑުމަތި ބެލޭގޮތް ހަދާދިނަސް އެންމެ ރަނގަޅު. އޭރުން އަހަރެން ވަރަށް އުފާވާނެ." ނޫރީން ނީލްގެ ކޮނޑުގައި ބޯ އަޅާލަމުން ބުންޏެވެ. ނީލްވެސް ދުރަށް ޖެހޭކަށް މަސައްކަތެއް ނުކުރެއެވެ.
"އަހަރެން ހީކުރީ ނޫރީން ދާން ބޭނުންވާނީ މިރަށް ނޫން އެހެން ރަށެއްގެ އީދު ކުޅިވަރުތައް ބަލާލަން ކަމަށް." ނީލްއަށް ގަބޫލުކުރަން ދަތިވިއެވެ.
"ނޫން. ނީލްއަށް ނޭނގުނަސް އަހަރެން އުފާވާނެ އެންމެ ކުޑަ ކުޑަ ކަންތައްތަކުން. ނީލްއަށް އެނގޭތަ. އަހަރެން ކުރީގައި ވަރަށް ގިނައިން މަންމަ ގޮވައިގެން އަތިރި މައްޗަށްދަން. އެކަމަކު އެއީ މަންމަ ބަލިވުމުގެ ކުރިން. މަންމަ ބަލިވިފަހުން އެއްވެސް ގޮތަކަށް ތަރިތަށް ބަލަން އަތިރި މައްޗަކަށް ނުއެއްދެވޭ. އެހެންވެ ވަރަށް ދާހިތްވޭ" ނޫރީން ނީލްއަށް ކިޔާދެމުން ދިޔައެވެ.
"އަދި ނީލްއަށް އެނގޭތަ. އަހަރެން މިހެން ތަރިތަކަށް ބަލާއިރު އަހަންނަށް ހީވޭ އެކި ތަރިތަށް ހުންނަނީ އެކި ކުލައިގައޭ. ނީލްއަށް އެހެންހީވޭތަ؟ އަހަރެން އުޅޭގޮތުން މަންމަ ބުނާނެ އަހަރެންނަކީ މޮޔައެކޭވެސް. ތަރިތައް ބަލަން ފޯރި ހުންނާތީ. ވިލާތަކުން އެއްޗެހި ސިފަކުރާތީ. ވާރޭވެހެން ފަށާއިރަށް ތެމެން މޮޔަވާތީ" ނޫރީންގެ އަޑު ފަހަރަކަށް ވުރެ ފަހަރަކު މަޑުވަމުން ދިޔައެވެ.
ނީލް މޫނު އަނބުރާ ނޫރީންއަށް ބަލާލީ އަޑެއް ނީވި ވަގުތުކޮޅެއް ވުމުންނެވެ. ނީލްގެ ކޮނޑުގައި ބޯ އަޅާލައިގެން ނޫރީންއަށް އޮތީ ނިދިފައެވެ. ނިދިފައި އޮތް ނޫރީންގެ މައުސޫމްކަން ފެނުމުން ނީލްގެ ހިތް މޭގެ ތެރޭގައި އޮވެގެން ތެޅިލިއެވެ.
"ނޫރީންގެ މަންމަ އެބުނީ ތެދެއް. ތީ ހަމަ މޮޔައެއް. އެކަމަކު ވަރަށް ލޯބި މޮޔައެއް. ތިއީ އަހަރެންގެ މޮޔައެއް" ނޫރީންގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ދުރަށް ޖައްސާލަމުން ނީލް މަޑުމަޑުން ބުންޏެވެ.
ނުނިމޭ
ހިޔާލު
Mifaharu thankolheh laskoh mi story kiyuny ekam ves vr Kiya hithun nathage mi story vr rythi ingey ❤️
ކޮމެންޓް ކުރުން ބަންދު