ރޭ އިރާކޮޅު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މުޅި ރަށުން ކަރަންޓު ކެނޑި އަނދިރިކަމުގައި އޮތް ލ.ދަނބިދޫއަށް ނުވަ ގަޑިއިރު ތެރޭގައި އަލުން ކަރަންޓް ދީފިއެވެ.
ރޭ އިރާކޮޅު 08:40 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި ތިންވަނަ ޖަނަރޭޓަރަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، ދަނބިދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަށުން ރޭ އިރާކޮޅު ކަރަންޓު ކެނޑުމާއި ގުޅިގެން ކުރަންފެށި މަސައްކަތުން މިއަދޔ ފަތިހު 05:45 ހާއިރު އަލުން މުޅި ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.
L. Dhan’bidhoo powerhouse gai hin’gi alifaanuge haadhisaage sababun mulhi rashun reyge iraakolhu karantu ken’dumaai gulhigen kuranfeshi masakkathun miadhu 5:45 haairu vanee mulhi rashah karantu dhevifa. #TeamFenaka #dhanbidhoo
— Fenaka Corporation Ltd (@TeamFenaka) August 10, 2019
ފެނަކަ ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ، ދަނބިދޫއަށް ކަރަންޓު ދޭން ފެށުމާއެކު، އެރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު ޖަނަރޭޓަރ ސެޓެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ކަރަންޓު ފުރިހަމަޔަށް ބެހެއްޓުމަށްޓަކައި ފޮނުވާ ޖެނެރޭޓަރ ސެޓްވެސް މިހާރު ލޯޑުކޮށް އެރަށަށް ފުރުވާލެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ. އަލަށް ފޮނުވާ ޖަނަރޭޓަރ ސެޓް ހިފައިގެން އެރަށަށް ދަތުރުކުރާ ދޯންޏަށް ދަނބިދޫއަށް މިރޭގެ ވަގުތެއްގައި ފޯރާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.
ދިމާވި ދަތި ވަގުތުތަކުގައި ދަނބިދޫގެ ރައްޔިތުން އިސްކުރެއްވި ކެތްތެރިކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވަނީ ޝުކުރު ދަންނަވާފައެވެ.