ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބޮޑު އަގުގައި ދަތުރުކުރި ޓެކްސީތަކެއްގެ ޑްރައިވަރުން ޖޫރިމަނާކޮށްފިއެވެ.
މިމަހުގެ ހަތްވަނަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެފައިވަނީ، އެ އޮތޯރިޓީން ހަމަޖައްސާފައިވާ އަގާއި ޙިލާފުވެ ބޮޑު އަގު ނަގާ ފަރާތްތައް “އެއްގަމު ދަތުރުފަތުރުގެ ޤާނޫނު” 5/2009 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން 750 ރުރިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށެވެ.
ފުލުހުން ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާމެދު ފިޔަވަޅު އެޅުމަށް 7 އޮގަސްޓް 2019 ވަނަ ދުވަހު ފުލުހުން ފެށި އޮޕަރޭޝަނުގައި އިއްޔެގެ ނިޔަލަށް ، "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 5/2009 ގެ 5 ވަނަ މާއްދާގެ (ރ) އާއި ޚިލާފުވެގެން 6 ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ނަގާނެ ރޭޓުތައް ޓްރާންސްޕޯޓް އޮތީރިޓީން މިމަހުގެ 1 ވަނަ ދުވަހު ކަނޑައަޅާފައިވާއިރު، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް ނަގާނީ މިހާރު ވެސް ނަގާ 25 ރުފިޔާއެވެ.
މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް:
- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށް ވެސް އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމުގައި މިނިސްޓްރީ އިން ވަނީ ކަނޑައަޅައިފަ އެވެ.