މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ހިންގުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ވަގުތީ ގޮތުން ހަވާލުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތު ހިންގެވުމަށް ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ހަވާލު ކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދަށް ހަވާލުކުރީ، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވަޒީފާގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށްފައި ހުންނެވުމުންނެވެ.
އެމްއެމްޕީއާރްސީ ހިޔާތުގެ މައްސަލައިގައި އޭސީސީގެ ރިޕޯޓުތަކުން ދައްކާގޮތުގައި ފައިސާތައް ބަހާލި އެސްއޯއެފްގެ އެކައުންޓުން ޔޫތު މިނިސްޓަރު މަހުލޫފްގެ އެކައުންޓަށް 33 ހާސް ޑޮލަރު ވަދެފައިވާ ކަމަށް ދެއްކުމާ ގުޅިގެން، މަހުލޫފު ގޭގައި މަޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އަންގަވާފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ރިޕޯޓު އާންމު ކުރުމާއި ގުޅިގެން މަހްލޫފު ވަނީ އޭނާ ކުރި މުއާމަލާތުގެ ތަފްސީލާއި ވިޔަފާރީގެ ރަސީދުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވައި، އެކަން ހިނގައި ދިޔަގޮތް ހިއްސާކުރައްވާފައެވެ.
އަމިއްލަ ދިފާއުގައި މިނިސްޓަރު މަހުލޫފު ވަނީ މިއަދުވެސް މީސް މީޑިއާގައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، ޔާމީނުގެ ފޮޓޯޖެހި ޑޮލަރު މޭމަތީގައި ޖަހައިގެން، ދޫވެހި ކައިރިއަށް ފޭކު ޑޮލަރު އުކާ، ޔާމިނުގެ މައްސަލަ ޕޮލިހަށް ހުށައަޅާ ހެއްދެވީ ވައްކަމެއް ކޮށްފައި ނޯންނާނެތީ ކަމަށެވެ.