މިއަދުގެ އިސްލާމީ އުއްމަތް ވަނީ އިސްލާމް ދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް ބޭނުންވެފައިވާ ކަމަށް މިއަދުގެ ޢީދުބާގައި ވިދާޅުވެއްޖެއެވެ.
މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކަނލާނގެ އެންގެވިމަގުން ކުރިއަށް ވަޑައިގަތުމުގައި ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން މިއަދު މުސްލިމު އުއްމަތް ޢިބްރަތް ޙާސިލްކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
މާތްﷲ އެކަލާނގެ ޚަލީލު އިބްރާހީމް عليه السلام އިމްތިޙާނު ކުރެއްވީ އެކަލޭގެ ފާނުގެ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމަށްޓަކައެވެ. އެކަލޭގެފާނުގެ ޤަދަރު މަތިވެރި ކުރުމަށްޓަކައެވެ. މާތްﷲ އެކަލޭގެ ފާނާއި ކުރިމަތިކުރެއްވީ ކޮންފަދަ ބޮޑު އިމްތިޙާނެއްތޯއެވެ؟ އެއީ ދުނިޔެމަތީގައި މީހަކާ ކުރިމަތިލާން ނުޖެހޭފަދަ ބޮޑު މިސީބާތެކެވެ.
އެކަލޭގެފާނު އުމުރުން ދުވަސްވެ، މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގެންނެވި ލޮބުވެތި ދަރިކަލުން ﷲ އަށްޓަކައި ޤުރުބާން ކުރެއްވުމަށް އަންގަވައި ކުރިމަތި ކުރެއްވި އިމްތިޙާނުގެ ވާހަކަ ވަނީ ޚުތުބާގައި ގެނެސްދީފައެވެ.
އިބްރާޙީމްގެ ފާނު މި އިމްތިހާނުން ފާސްވެވަޑައިގަތުމުން މާތްﷲ އެކަލޭގެފާނަށް މަތިވެރި ނިޢުމަތްތަކެއް ދެއްވިއެވެ. އޭގެ ތެރޭގައި އިސްމާޢީލުގެފާނުގެ ބަދަލުގައި ޤުރުބާން ކުރައްވާނެ ކަންބަޅިބަކަރިއެއް ފޮނުއްވުމާއި، އެކަލޭގެ ފާނުގެ މައްޗަށް ސަލާމް ލެއްވުމާއި، އެކަލޭގެ ފާނުގެ ޛިކުރާ އާޚިރަތާއި ޖެހެންދެން ދެމެހެއްޓުމާއި، އެކަލޭގޭ ފާނަށް އިތުރު ބޭފުޅުން ދެއްވުން ހިމެނެއެވެ.
އިބްރާހީމްގެފާނުގެ މި އިމްތިޙާނުގައި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުވެސް ބޮޑުދައުރެއް އަދާކުރައްވާފައިވެއެވެ. މާތް ﷲއަށް ޓަކައި އެކަލޭގެ ފާނުގެ ބައްޕާފުޅަށް ކިޔަމަންވެ ބޯލެނބިލެނބުމަކީ މިއަދުގެ ޒުވާނުންނަށް ލިބޭ ވަރުގަދަ ފިލާވަޅެއްކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި އަގުހުރި ފިލާވަޅުން މިއަދުގެ ޒުވާނުންގެ ޙަޔާތް އުޖާލާކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
މިހާރަކަށް އައިސް އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށާއި ކީރިތި މާތްރަސޫލާއަށް ފުރައްސާކޮށް ބައެއްމީހުން ހިންގާ ޢަމަލުތަކުގެ މަންޒަރުތައް ފެންނަމުންދާކަމާއި، މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައިގަނެ އެތަންތަން ފޭރިގަންނަމުންދާކަމަށް ވިދާޅުވެފައިވެއެވެ. އަދި އިސްލާމީ ވެރިންގެ އަބުރަށް އަރައިގަނެ، އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް އެކިކަހަލަ ފިއްތުންތައް ކުރިމަތި ކުރުވަމުންދާކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން، ލިބިފައިވާ ވަގުތުންނާއި މުދަލުންނާއި އުފައްދާ އެކިއެކި އީޖާދުތަކުން އިސްލާމްދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް، މިއަދު ބޭނުންވެފައިވަކަން ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިން މިއަދު ބޭނުންވާކަމަށްވެސް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.