5 ރަށެއްގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އެ ރަށްރަށަށް ޖަނެރޭޓަރު ސެޓު ފޮނުވަން ފެނަކައިން މަސައްކަތް ފަށައިފިއެވެ.
ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ގއ. ވިލިނގިއްޔާއި، ގދ. ތިނަދުއާއި، ލ. ފޮނަދުއާއި، ލ. ގަމާއި، ތ. ގުރައިދުއަށެވެ. މީގެތެރެއިން ގއ.ވިލިނގިއްޔާއި، ގދ.ތިނަދުއާއި، ލ.ފޮނަދުއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 1 މެގަވޮޓްގެ ޖަނަރެޓަރ ސެޓެވެ. އަދި ލ. ގަމާއި ތ. ގުރައިދުއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 800 ކިލޯވޮޓްގެ ޖަަނަރޭޓަރ ސެޓެވެ.
ފެނަކައިން ބުނެފައިވަނީ މި ރަށްރަށަށް ފޮނުވާ، ޖަނަރޭޓަރ ސެޓްތައް އެރަށްރަށަށް ގެންދިއުމަށްޓަކައި ލޯޑް ކޮށް މިހާރު ވަނީ ފުރުމަށް ތައްޔާރުވެފައެވެ. މޫސުން ގޯސްވުމާއި ގުޅިގެން އިންޖީނުތައް ފޮނުވުން މަޑުޖައްސާލިނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިންޖީނުތައް ރަށްރަށަށް ފޮނުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ފެނަކައިން ދަނީ 149 ރަށަކަށް ކަރަންޓުގެ ޚިދުމަތްދެމުންނެވެ. ފެނަކައިން ބުނެފައިވަނީ އާ ޖަރޭޓަރުތައް ފޮނުވަނީ އާބާދީ އިތުރުވަމުން އަންނަ، އަދި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ރަށްތައް ބަލައިގެންކަމަށެވެ. އެގޮތުން މި 5 ރަށަށް އިންޖީނުތައް ގެންދެވުމާއެކު ވީހާވެސް އަވަހަށް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މި އަހަރުގެ މޭ މަހުގެ ނިޔަލަށް ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ފެނަކައިންވަނީ 153 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ފެނަކައިން މިހާރުވެސްދަނީ 13 ރަށެއްގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން 56 ރަށެއްގެ އިންޖީނުތައް އަޕްގްރޭޑްކޮށް، އާންމުންނަށް އުނދަގޫވާ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.
ކަރަންޓްގެ މައްސަލަތަކަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.