ހިތުގެ އެދުން (7)

(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)

"ނޫރީންގެ މަންމަ އެބުނީ ތެދެއް. ތީ ހަމަ މޮޔައެއް. އެކަމަކު ވަރަށް ލޯބި މޮޔައެއް. ތިއީ އަހަރެންގެ މޮޔައެއް" ނޫރީންގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ދުރަށް ޖައްސާލަމުން ނީލް މަޑުމަޑުން ބުންޏެވެ.

އާދުވަހަކަށް ދުނިޔެ މަރުހަބާ ކިޔަނީއެވެ. އުޑުމަތި ކުޑަކޮށް ބަނައެވެ. ޖެހެމުންދަނީ ރީތި ހިތްގައިމު ވައިރޯޅިތަކެވެ. ނޫރީން އުޅުނީ ހެނދުނަށް ސައި ތައްޔާރު ކުރެވޭތޯއެވެ. ނަމަވެސް ސައިތައްޔާރުކޮށް ނިމުނު އިރު ނީލް ސައި ތައްޔާރު ކުރުމުން ލާ ރަހައެއް ނުލައެވެ. އެކަމާ މާޔޫސްވެގެން ނިކުމެވުނީ ގޯތިތެރެއަށެވެ. ގޭގައި ހުރި ތަކެތި އިސްރާފުކޮއްލެވުނު ކަމުގެ އިހްސާސް ކުރެވޭތީއެވެ.

އަރާމު ނިންޖެއްގައި އޮތް ނީލްއަށް ހޭލެވުނީ ފޯނު އެލާރމް ވާ އަޑަށެވެ. ފޯނުން އެލާރމް ކަނޑާލުމަށްފަހު އަނެއްފަރާތަށް އެނބުރި އަނެއްކާވެސް ނިދޭތޯ ދެލޯ މަރާލިއެވެ. ނަމަވެސް އެކަން ވީ ބޭކާރެވެ.

"އަހަންނަށް ނިދުނީ ނޫރީން ކައިރީ އިންދާ ކަންނޭނގެ. ކިހިނެއްބާ ކޮޓަރިއަށް އާދެވުނީ... ހޫމް. ވާނީ ނިދީގައި އާދެވުނީކަމަށް." ލޯ މަރައިގެން އޮވެ ނީލް ވިސްނާލިއެވެ. ވާނީވެސް އެހެންނެވެ. އަންހެން ކުއްޖަކަށް ފިރިހެނަކު އުފުއްލައިގެން އެއްތަނުން އަނެއްތަނަށް ގެންދެވިދާނެ ކަމަށް ގަބޫލުކުރަން ދަތިވާނެއެވެ.

ނިދޭތޯ ބަލާލުމަށް ނީލް އިރުކޮޅަކު އެނދުން ނުތެދުވެ ދެލޯ މަރާ ބާރުކޮއްލައިގެން އޮތެވެ. ނަމަވެސް ނިދޭގޮތެއް ނުވުމުން ތެދުވީއެވެ.

ގޯތިތެރޭގައި ހައްދާފައި ހުރި މާގަސްތަށް ކައިރީގައި ނޫރީން ހުއްޓިލައިގެން ހުރީ ހިނިތުންވެފައެވެ. ނޫރީން އަބަދުވެސް މާގަސްތައް ހެއްދުމަށް ލޯބިކުރެއެވެ. ނޫރީން ސިއްސައިގެންގޮސް ފަހަތަށް ބަލާލެވުނީ މީހަކު ކަރުކެހިލި އަޑަށެވެ.

"ކާކު ތީ؟ ކާކު ހޯދަނީ؟" ނޫރީން އެ ޒުވާނާއަށް ބަލަން ހުރެފައި ސުވާލުކުރިއެވެ.

"އަހަރެން މި ހޯދަނީ ތިކުއްޖާ. އިއްޔެގައި މަގުމަތިން ފެނުނީ. އަނެއްކާ މިހެން ދަނިކޮށް ފެނުނީމަ ހިތަށް އެރީ ގޮވާލާނީއޭ. އަނެއްކާ މައްސަލައެއްތަ؟" އެ ޒުވާނާ ވާހަކަ ދެއްކިއެވެ.

ނޫރީން ވަރަށް ރަނގަޅަށް އެޒުވާނާއަށް ބަލާލިއެވެ. ހަމުގެ ކުލަ އަލި ފިރިހެންވަންތަ ރީތި ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ކޮންމެވެސް ވަރަކަށް ދިގުކޮށް ކުލަޖައްސާފައެވެ. ލޮލުގައި އަވި އައިނެއް އަޅާފައިވެއެވެ. އަތްކުރު ޓީޝާޓާ ގަޔަށް ބާރު ޖިންސުން އެ ހަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭކަމަށް ނޫރީންއަށް ހީވިއެވެ.

"ނޫން އެއްވެސް މައްސަލައެއް ނޫން. ކޮން ނަމެއް ކިޔަނީ؟" ނޫރީން ހިނިތުންވެލީ އެއީ ނޫރީން ބޭނުންވާ ކަހަލަ ފިރިހެނަކަށް ވެދާނެތީއެވެ.

"އަހަންނަކީ އާޒިމް. އަހަރުމެންގެ މިހުރީ މިގެއާ ޖެހިފަ ކަހަލަ ގޮތަކަށް. ފޫހިވަންޏާ ޖައްސާލާތި އިނގޭ. ހަމަ ރައްޓެއްސެއް ކަމަށް ދެކިލާ." އާޒިމް ވާހަކަ ދައްކަމުން ނޫރީންއާއި ދިމާއަށް ހިނގައިގަތެވެ.

"އޭ މަޑުކޮށްބަލަ. އަދި އެތެރެއަށް އަންނާކަށް ނުބުނަމެއްނު؟ މީހުންގެ ގޭގެއަށް ހުއްދަނެތި ވަނުމަކީ ވަރަށް ގޯސްކަމެއް" ނޫރީން އާޒިމް ހުއްޓުވިއެވެ.

"މަންޖެ އުޅެނީ މިގޭގައެއް ނޫންތަ؟" އާޒިމް ހުއްޓެމުން އަހާލިއެވެ.

"ފުރަތަމަ ކަމަކަށް އަހަންނަށް ކިޔަނީ މަންޖެއެއް ނޫން. އަހަންނަށް ކިޔަނީ ނޫރީން. ދެން އަހަރެން އުޅެނީ މިގޭގައި. އެކަމަކު މިއީ އަހަރެންގެ ގެއެއް ނޫން. އެހެން ވީމަ އަދި ތަނަކުން އަންނަހާ މީހެއް އަހަންނަށް މިގެއަކަށް ނުއެއް ވެއްދޭނެ." ނޫރީން އަޑަށް ބާރުލަމުން ބުނެލިއެވެ.

"އަސްތާ މަންޖެ ރުޅިއައީތަ؟ މަންޖެ ރުޅިއައިމަ ހާދަ ލޯތްބޭ. މަންޖެހާ މަންޖެގެ ނަންވެސް ރީތި. އެންމެ ރަނގަޅު. ރީން އަހަންނާއި އެއްކޮށް ބޭރަށް ދާންވީއެއްނު؟ އޭރުން މިގެއަށް އަހަރެން ނުވަނަސް ވާނެއެއްނު؟" އާޒިމް ނުލަފާ ޒާތަކަށް ނޫރީންއަށް ބަލާލިއެވެ.

"ރީންއޭ؟ ބަލަ ދެންމެ އެއްނު ބުނީ އަހަރެންހާ އަހަރެންގެ ނަންވެސް ރީއްޗޭ. ދެން ކީއްކުރަން އަހަރެންގެ ނަން ބަދަލު ކުރަން ތިއުޅެނީ؟ އަނެއްކާ އަހަރެން ކީއްވެ އާޒިމްއާއި އެކު ބޭރަށް ދާންވީ؟" ބަލާލަން އާޒިމް ކަމުދިނަމަވެސް ނޫރީން ހިތްކިޔާ ގޮތެއް ނުވިއެވެ.

"އަހަރެން ރީން ކީ ވަރަށް ލޯބިންނޭ. އަހަރެން އެހެން ކީމަ ހިތްހަމަ ނުޖެހުނީތަ؟ ދެން އަނެއްސުވާލުގެ ޖަވާބަށް އަހަންނާއި އެކުގައި ބޭރަށް ދިޔައިމަ ދޯ އަހަރެންގެ ގޮތްވެސް އެނގޭނީ؟ އެކަކު އަނެކަކު ދަސްވާނީވެސް." އާޒިމް މަޑުމަޑުން ކުރިއަށް ހިނގައިތެވެ.

"ލޯބިންނޭ؟ އަހަރެންނަށް ބުނެވިއްޖެތަ އަހަންނަށް ލޯބިން ނަމެއް ކިޔާށޭ؟ އަހަންނަކަށް ނޭނގޭ ބުނެވުނު ކަމެއް. އެހެން ނޫނަސް އަހަންނަކަށް ހިއެއް ނުވޭ އަހަރެން ބޭނުންހެނެއް އަދި އާޒިމްއާއި ބައްދަލުކުރާކަށް. އަވަހަށް ފެއްސެން އުޅޭ މިތަނުން. އެހެން ނޫނީ އަހަރެން ނީލްއަށް ގޮވާފާނަން. އޭރުން މާ ރަނގަޅެއް ނުވާނެ." ނޫރީންއަށް އެއްގޮތަކަށްވެސް އާޒިމް ކަމަކު ނުދިޔައެވެ.

"ނީލްއަށް ކުރެވޭނީ ވަކި ކޮން ކަމެއް؟ އަހަރެން މިތަނުން ދާނީ ރީން އަހަންނާއި ބައްދަލުކުރަން އެއްބަސް ވި އިރަކުން." އާޒިމް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

"ނޫރީން. ކޮންތާކުތަ ތިހުރީ؟" ނީލް ގޮވާ އަޑު އިވުނެވެ.

"އާނ އެންމެ ރަނގަޅު. ދެން ދޭ. ނީލް އައުމުގެ ކުރިން މިތަނުން ދޭ." ނޫރީން ބޭނުންވީ އެތަނުން އާޒިމް ފޮނުވާލާށެވެ.

"މިރޭ އަށެއް ޖަހާއިރު މިގޭ ފުރަގަހުގައި، އަތިރި މަތީ އަހަރެން ހުންނާނަން." އާޒިމް އެއްމިޔަކަނުން ހިނިތުންވެލަމުން އެހެން ބުނުމައްފަހު އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

"އަނ. މިތާ ދޯ ތިހުރީ. އަހަރެން ނުކުތްއިރު ހުރީ ސައިތައްޔާރު ކޮށްފައި. އެހެންވެ ނޫރީން ކުރިކަމެއްކަން އެނގޭތީ މި ހޯދަނީ. ހިނގާބަލަ ސައިބޯންދާން." ނީލް ނުކުމެ ނޫރީންގެ އަތުގައި ހިފާލަމުން ބުންޏެވެ.

"އެކަމަކު އެ އެއްޗެހި އެހާ މީރެއް ނޫނޭ. އަހަރެން ވަރަށް މަސައްކަތްކުރިން އެކަމަކުވެސް އިއްޔެ ނީލް ސައިހެދި އިރު އެއްޗެހީގައި ލާ ރަހައެއް ނުލާ" ނޫރީން އިސްޖަހާލިއެވެ. އެ މަންޒަރު ނީލްއަށްވެސް ފެނުނެވެ.

"ދެން ހިނގާބަލަ" ނޫރީންގެ އަތުގައި ހިފަހައްޓައިގެން ނީލް ބަދިގެއަށް ވަނެވެ.

"ހިނގާބަލަ ބަލަން ކޮން ރަހައެއްތޯ މަޑީ ނޫނީ ކޮން ރަހައެއްތޯ ގަދައީ" ނީލް މަސްހުނިއެތިން ރަހަ ބަލާލިއެވެ.

"ނޫރީން މިއަށް ލޮނު އެޅިންތަ؟ މޮޔަގަނޑު. މީގައި ލޮނު ރަހައޭ ނުލަނީ. އެހެރަ ލޮނު އެތި ދިއްކޮލަބަ އަހަރެންގެ އަތަށް" ނީލް ލޮނު އެއްޗަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. ނޫރީން ނީލް ބުނިގޮތަށް ލޮނު އެތި ދިއްކޮއްލިއެވެ.
"މިހާރު ހަމަ ބަރާބަރު." އަނގަޔަށް މަސްހުނިކޮޅެއް ލަމުން ނީލް ބުނެލިއެވެ. ގާތުގައި ހުރި ނޫރީން ނީލްއަތުގައި ހިފާ އަމިއްލަ އަނގައަށް އެ އަތުގައި ބާކީ އޮތް މަސްހުނި ކޮޅު ލައްވާލިއެވެ.

"އަސްލުވެސް މިހާރު ވަރަށ މީރު ދޯ. އަވަހަށް ހިނގާ ސައިބޯން." ނޫރީން އުފަލުން ފޮޅުނެވެ. ނީލްއަށް ހުރެވުނީއެވެ. ލަދުންނެވެ.

"ކިހިނެއްވެފަތަ ގާވެފައި ތި ހުރީ؟" ނޫރީން ހިނިގަނޑެއް ޖަހާލިއެވެ.

"ކަމެއް ނުވެޔޭ." ނީލް ބޯ ތަޅުވާލަމުން ބުންޏެވެ.

"މިއަދު ކޮން ކަމެއް އޮތީ؟" ނޫރީން އެހެން އަހާލީ ސައިބޯން އިނދެފައެވެ.

"އަނެއްހެން ނެތްކަމެއް. ނޫރީން ބޭނުމިއްޔާ ހިނގާ ދަތުރު ގޮސްލަން. އިހްސާންމެންވެސް މިއަދު ދަތުރު ދާ ވާހަކަ ބުނެފައި އޮތީ. މާ ދުރަކަށް ނޫންދާނީ. މިތާ ކައިރީ ފަޅުރަށަކަށް ދާނީ" ނީލް އަނގަ ހުސްކޮއްލަމުން ވާހަކަދެއްކިއެވެ.

"އަޅެ ހިނގާބަ ދާން. އަހަރެން ވަރަށް ބޭނުން ދަތުރުދާން. ރައިނާ ދަންޏާ އަދި މާ މަޖާވާނެ." ކުޑަ ކުއްޖެއް ފަދައިން ނޫރީން އުފަލުން ފޮޅުނެވެ.

"ރައިނާ ނުދަންޏާ މަޖައެއް ނުވާނެއޭތަ ތި ބުނީ؟" ނީލް ހިނިގަނޑު ހިންދާލަމުން ސީރިއަސް ވާކަމަށް ހެދިއެވެ.

"އުނހު އެހެނެއް ނޫން މިބުނީއެއް. މި ބުނީ އިތުރަށް މަޖާ ވާނެއޭ" ނޫރީން ހިނިގަނޑެއް ޖަހާލުމުން ނީލްއަށްވެސް ހިނިގަނޑެއް ޖަހާލެވުނެވެ.

"އެންމެ ރަނގަޅު. އަހަރެން ބުނާނަން ރައިނާ ގާތުގައި ރައިނާގެ ބައިސްކަލު ގެނެސްދޭށޭ ނޫރީން ދުއްވަން. ބަނދަރަށް ހިނގާފައި ދާން ތަންކޮޅެއް ދުރުވާނެ. ސައިކަލަށް ޕެޓްލޯލް ނާޅާ ހުރީމަ." ނީލް ހީކުރީ ނޫރީންއަށް ބައިސްކަލު ދުއްވަން އެނގޭނެ ކަމަށެވެ. ނަމަވެސް ކަންތައް ދިމާވީ އެހެނެއް ނޫނެވެ.

"ބައިސްކަލޭ. އަހަންނަކަށް ނޭނގޭ ދުއްވާކަށް." ނޫރީން ތުން އަނބުރާލިއެވެ.

"ނޭނގެއޭ؟ ހަމަ ތެދަށް؟" ނީލްއަށް ގަބޫލުކުރަން ދަތިވިއެވެ. ރަށްފުށުގައި އުޅޭ ހުރިހާ ކުދިންނަށްވެސް ބައިސްކަލު ދުއްވަން އެނގޭނެއެވެ.

"އާނ ނޭނގޭ. އަހަރުމެންގެ ގޭގައި ނުހުރެޔޭ ބައިސްކަލެއް" ނޫރީން ނީލްއަށް ބަލާލާ ލޯ އަޅާލިއެވެ.
ނީލްއަށް ވިސްނާލެވުނީ ދެނެވެ. ނީލް ދެކޭ ގޮތުގައި ނޫރީންއަކީ ވަރަށް ނިކަމެތި އާއިލާއަކުން އައިސްފާވާ ކުއްޖެކެވެ.

"ސޮރީ. ދެންވެސް ސައިބޮއިގެން ތައްޔާރުވާން ދޭބަލަ. އަހަރެން އަންނާނަން ސައިކަލަށް ޕެޓްރޯލް އަޅައިގެން." ނީލް ފޯނުން ގަޑި ބަލާލަމުން ބުންޏެވެ.

"ނީލް އަހަރެން ވާހަކައެއް ވެސް ބުނަންވެފައި އެބައޮތް" ނޫރީން ބޭނުންވީ އާޒިމްގެ ވާހަކަ ކިޔާދޭށެވެ.
"މިގަޑީގަތަ؟ ފަހުން ވެއްޖިއްޔާ ލަސްވާނެތަ؟" ނީލް ބޭނުންވީ އަވަހަށް ސައިކަލަށް ޕެޓްރޯލް އަޅަން ދާށެވެ.

"އެންމެ ރަނގަޅު، ފަހުން" ނޫރީން އެއްބަސްވިއެވެ.

ސައިބޮއި ނިމުމާއި އެކު ނީލް ދިޔައީ ސައިކަލަށް ޕެޓްރޯލްއަޅާށެވެ. ނޫރީން ކޮޓަރިއަށް ވަދެ ތައްޔާރުވެލިއެވެ. ނަމަވެސް ނޫރީންއަށް އުފާވާން ބޭނުންވި ވަރަށް އުފަލެއް ނުވެވުނެވެ. ހިތް ބިރުގަންނަނީއެވެ. ކަމެއް ވާން އުޅޭ ކަމުގެ އިހްސާސް ކުރެވެނީއެވެ. އާޒިމްގެ ވާހަކަ ނީލް ގާތުގައި ނުބުނެވޭތީ ކަމަށް ހީކޮށް އެވާހަކަ އަވަހަށް ނީލް ގާތުގައި ބުނަން ނޫރީން ބޭނުންވެއެވެ. ނީލްއަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް ނޫރީން ބޭނުމެއް ނުވެއެވެ. 

ނުނިމޭ

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Saaji

    Vr rythi nooreen vr salhi nuvane dhw Hama myhun ge geygeyah huhdhanethi vannan ehennunas e myha eulheny rangalhu kamaku nun

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ