ހިތުގެ އެދުން (8)

(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)

ސައިބޮއި ނިމުމާއި އެކު ނީލް ދިޔައީ ސައިކަލަށް ޕެޓްރޯލްއަޅާށެވެ. ނޫރީން ކޮޓަރިއަށް ވަދެ ތައްޔާރުވެލިއެވެ. ނަމަވެސް ނޫރީންއަށް އުފާވާން ބޭނުންވި ވަރަށް އުފަލެއް ނުވެވުނެވެ. ހިތް ބިރުގަންނަނީއެވެ. ކަމެއް ވާން އުޅޭ ކަމުގެ އިހްސާސް ކުރެވެނީއެވެ. އާޒިމްގެ ވާހަކަ ނީލް ގާތުގައި ނުބުނެވޭތީ ކަމަށް ހީކޮށް އެވާހަކަ އަވަހަށް ނީލް ގާތުގައި ބުނަން ނޫރީން ބޭނުންވެއެވެ. ނީލްއަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް ނޫރީން ބޭނުމެއް ނުވެއެވެ. 

ޖެހެމުން ދާ މަޑުރީތި ވައިރޯޅިތަކުން އުފާހާސިލް ކުރަމުން ނީލްއާއި އިހްސާން ދިޔައީ ދެ އަންހެނުން ގޮވައިގެން ސައިކަލުގައެވެ. ރާއިނާ އިހްސާންގައިގާ ބައްދާލައިގެން އިނުމުން ނޫރީންވެސް އިނީ ނީލްގައިގާ ބައްދާލައިގެންނެވެ. ބަނދަރަށް ދެވުނު އިރު ކުއްޔަށް ނަގާފައިވާ ޑިންގީ ބަނދަރުގައި އޮތެވެ. ދަތުރުގެ ފޯރީގައި އުފަލުން ފޮޅިފައި ހުރި ނޫރީންގެ ހިނިތުންވުން ގެއްލުނީ ޑިންގީ ދުއްވަން ހުރި އާޒިމް ފެނުމުންނެވެ. ނޫރީން ހާސްވާން ފެށިއެވެ. އާޒިމް ފެނުމުން ޖެހިލުންވާ ގޮތްވިއެވެ.

"ނޫރީން ކަމެއްވެފައި ތަ؟ ހިނގާ އަހަރުމެން ދެމީހުން ޑިންގީއަށް އަރަން. ދެ ފިރިހެނުން ހުރިހާ އެއްޗެއް ގެންނާނެ." ރައިނާ ނޫރީންގެ އަތުގައި ހިފައިގެން ހިނގައި ގަންނަމުން ވާހަކަ ދެއްކިއެވެ.

"އެމީހާ ވެސް އަހަރުމެންނާއި އެކު ދާނެތަ؟" ނޫރީން އާޒިމްއާއި ދިމާއަށް ބަލަމުން އަހާލިއެވެ.

"އާޒިމް؟ އާނ. އޭނަ ދާނެ. އެމީހުންގޭ ޑިންގީއެއް އެއީ. އަހަރުމެންނާ ހަވާލެއް ނުކުރާނެއެއްނު. އޭނަ ދިޔަސް އަހަރުމެންނާ ގާތެއް ނުވާނެ. އޭނަ އުޅޭނީ ވަކިން. އަހަރުމެން ކާ ގަޑީގައި އޭނައަށް ކާންދިނީމަ އޯކޭވާނެ." ރައިނާ ހިނިތުންވެލިއެވެ.

"އެއީ ކޮން ކަހަލަ މީހެއް؟" ނޫރީންއަށް އަނެއްކާވެސް ސުވާލުކުރެވުނެވެ.

"އެއީ ދޯ؟ ހިނގާ ބުނަމާ އެއީ ނީލް އަދި އިހްސާން ކަހަލަ މީހެއް ނޫނޭ. ގޮތެއް ފޮތެއް ނެތް ސޮރެކޭ ބުންޏަސް ރަނގަޅުވާނެ. އެ ސޮރަށް އަން ކިޔައިފިއްޔާ ރަނގަޅުވާނެ އަންނާރަކަސް. އެކަހަލަ ސޮރެއް އެއީ. ރަނގަޅު ވާނީ އެއް ގޮތަކަށްވެސް އެސޮރާ އަނގައިން ނުބުނިއްޔާ." ރައިނާ ނޫރީންއަށް ކިޔާލަ ދިނެވެ.

ރައިނާގެ ވާހަކަތަކަށް ފަހު ހެނދުނު އާޒިމްއާއި އަނގައިން ބުނެވުނު މޮޔަހިތަށް އަރާފައި ހުރެގެން ގޮސް ޑިންގީއަށް އެރިއެވެ. ނޫރީން ޑިންގީއަށް އެރިގަޑީގައި އާޒިމް އެއް މިޔަކަނުން ހީލިއެވެ. ނޫރީން އެނގޭކަމަށްވެސް ނުހެދިއެވެ. އެކަމުގެ ސަބަބުން އާޒިމްގާތަށް ރުޅިއަންނަ ގޮތްވިއެވެ. ނަމަވެސް ހަމަޖެހިލީ ރުޅިގަނޑު ދައްކާލަން އެންމެ ރަނގަޅު ތަން ނޫންކަން އެނގުމުންނެވެ. ނީލްއާއި އިހްސާންވެސް ދެ ފޮށިގަނޑު ހިފައިގެން އައިސް ޑިންގީއަށް އެރިއެވެ. އިންތަނުން ތެދުވެގެން ގޮސް ރައިނާ އިށީނީ އިހްސާން ކައިރީގައެވެ. ނީލް ގޮސް އިށީނީ ނޫރީން ކައިރީގައެވެ.

އާޒިމްގެ ބެލުންތަކުން ނޫރީންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. ނަމަވެސް އެވަގުތަކީ ނީލް ގާތުގައި އާޒިމް ހެނދުނު ގެއަށް ދިޔަ ވާހަކަ ބުނަން އެންމެ ރަނގަޅު ވަގުތު ނޫންކަން ނޫރީންއަށް އެނގެއެވެ.

"ހާދަ ގޮތަކަށް ތީނީ؟ ކަމެއް ވީތަ؟" ޑިންގީ ނައްޓާލައިގެން އިރުކޮޅެއް ވީއިރުވެސް ނޫރީން ބަހެއް ނުބުނެ އިންނާތީ ނީލްއަށް މަޑުންނެއް ނީނދެވުނެވެ.

"ކަމެއް ނުވޭ. ކިހިނެއްވީ ތިހެން ތި އެހީ؟" ނޫރީން އިތުރަށް ނީލްއާއި ގާތަށް ޖެހިލަމުން އަހާލިއެވެ.

"މާ މަޑުމަޑުން އިންނާތީ އަހަރެން ހީކުރީ ކަމެއްވެފައި އިނީކަމަށް. އެހެންވެގެން." ނީލް އެހެން ބުނެލާ ވަށައިގެން ފެންނަން ހުރި ރަށްތަށް ނޫރީންއަށް ކިޔާދޭން ފެށިއެވެ.

އެ ގޮތުގައި މާ ގިނައިރުތަކެއް ނުވަނީސް އެންމެންނަށްވެސް އާޒިމް ނޫރީންއަށް ކަޅިއަޅަމުންދިޔަކަން ފާހަގަވިއެވެ. އެކަމާއި ހިތްހަމަ ނުޖެހުނީ ހަމައެކަނި ނީލްއެއް ނޫނެވެ. އިހްސާންއާއި ރައިނާވެސް ހިތްހަމަ ނުޖެހުނެވެ. ރައިނާ އާޒިމްއަށް ލޯ އަޅާލިއެވެ. އާޒިމް މާބޮޑު ކަމަކަށް ނުހަދާ ރައިނާއަށް ޖެއްސުމަށް އެއްލޯ މަރާލިއެވެ. ނީލް ނޫރީންގެ ދިފާއުގައި ކުރިއަށްވުރެވެސް ބޮޑަށް ނޫރީންއާއި ގާތްވެލިއެވެ. ބޭނުންވިހާ މަޖާކޮށް ދަތުރު ނުދާނެކަން އެންމެންނަށް އެހިސާބުން އެނގުނެވެ.

"ނޫރީން ބަލަ މިއޮށް އާދެވުނީ" ބޮލިފުއްޓަށް ޑިންގީ ގާތްކުރަން ފެށުމުން ނީލް ނޫރީންއަށް ބުނެލިއެވެ.
"ހޫމް. ވަރަށް ލޯބި" ނޫރީން ހިނިތުންވެލިއެވެ.

"ދެން ފުންމާލާ. ދެ އަންހެނުން ފަތާފައި ގޮސް އެއްގަމަށް އަރައިފިއްޔާ އަހަރެން މޮޅޭ ބުނާނަން" އިހްސާން ބުނެލި އަޑުއިވުނެވެ.

"ނޫން. އަހަންނެއް ފުންމައެއް ނުލާނަން. އަހަންނަކަށް ފަތާކަށް ނޭނގޭ." ނޫރީން ނީލްގެ އަތުގައި ހިފަހައްޓާލިއެވެ.

"ނޫރީންއަށް ފަތާކަށް ނެނގެޔޭ؟ ފަތާކަށް ނޭނގޭ، ބައިސްކަލު ދުއްވާކަށް ނޭނގޭ. ނޫރީން އުޅެ ބޮޑުވީ އަޅެ ކޮންތާކުތަ؟ ފަރުބަދައިގެ ހޮހޮޅަތަކުގައި އިންސާނުން އުޅުނު ޒަމާނެއް ނޫނޭ މީ. އާއްމުކޮށް އެންމެންނަށްވެސް މިހާރު ބައިސްކަލު ދުއްވަން، ފަތަން އަދިވެސް އެހެން ސަޅި ކަންތައް ކުރަން އެނގޭނެ. އަހަރެން ހަމަ އަޖައިބު އަންތަރީސްވޭ" ނީލް ނޫރީންއާއި ދިމާކުރުމުގެ ނިޔަތުގައި ބުންޏެވެ.

"މަންމަ ދުވަހަކުވެސް އަހަރެން މޫދަކަށް ނުފޮނުވައޭ. ވަރަށް ގިނައިން އަތިރި މައްޗަށް ދާނެ. އަތިރިމަތީގައި މަންމަ އިނދެގެން އަހަންނަށް ވަރަށް ރީތި ވާހަކަތަށް ކިޔާދޭނެ. މިހާރުވެސް ނީލްމެންނަށް ވުރެ ވާހަކަ ކިޔާދޭން އަހަރެން މާ މޮޅުވާނެ." ނޫރީން ފަހުރުވެރިވެލަމުން ބުންޏެވެ.

"އެނގިދާނެތާ ތި ކަނޑާ ފޮންޏެއްވެސް" ނީލް ދިމާކުރުން ހުއްޓާލާކަށް ގަސްތެއް ނުކުރެއެވެ.

ހުރިހާ މަންޒަރެއް ބަލަން ދުރުގައި އާޒިމް ހުއްޓެވެ. ނޫރީންއާއި ނީލް އުޅޭ ގޮތުގެ ސަބަބުން އޭނާ ރުޅިގަދަވަމުން ދިޔައެވެ. އެންމެ ފުރަތަމަ ނޫރީން ފެނިލުމުންވެސް އާޒިމް ނޫރީންއަށް ހިތްކިޔެވެ. ނޫރީންއަކީ އޭނާގެ މީހެއްކަމުގައި ހެދުމަށް އާޒިމްވަނީ އަޒުމް ކަނޑައަޅާފައެވެ.

"މަޑުކޮއްލާ ރީން. އަހަންނަށް އަހަރެންގެ ފުރުސަތު ލިބެންދެން. އަހަރެން ކުރިމަތީގައި ތިޖަހާ ހުރިހާ ސަކަރާތަށް ބަދަލު ހިފާނަން." އާޒިމް ހިތާހިތުން ބުނެލިއެވެ.

އެންމެން އެކުގައި މަސައްކަތްފެށީ މެންދުރަށް ކައްކަން އަލިފާން ރޯކުރުމަށެވެ. ރަށުތެރެއިން ހިކި ފަންތަކާ ނާށިތަށް އެއްކުރުމުގައި ނޫރީންއާއި ރައިނާ ހަރަކާތްތެރިވިއެވެ. އެމީހުން ގެންނަ ތަކެތި ބޭނުންކޮއްގެން އަލިފާން ރޯކުރުމުގައި އިހްސާންއާއި ނީލް އުޅުނެވެ.

"ނޫރީންއަށް އިނގޭތަ މިއީ ކުރިން މީހުން އުޅުނު ރަށެއްކަން. މިބުނީ ވަރަށް ކުރީގައި އިނގޭ. މިރަށުގެ ތެރޭގައި ހުރެޔޯ އަދިވެސް އެމީހުން ދިރިއުޅެން ހެދި ބައެއް ގެތަށް." ރައިނާ ކިޔާދިނެވެ.

"ތިބުނަނީ ކިހާ ކުރިއެއްގެ ވާހަކައެއް؟ ރައިނާ ދުށީންތަ ތިބުނާ ގެތައް؟" ނޫރީން ޝައުގުވެރިވިއެވެ.

"އަހަރެންގެ މަންމަ ކިޔާދިން ގޮތުގައި އެއީ މާމަމެންގެ މާމަވެސް ދުނިޔެއަށްވެސް ނާންނަނީސް ހިނގި ކަމެއް. އެހާކުރީގެ ކަމެއް. އަނެއްކާ މިހާރު އަހަރުމެންނަށް މިފެންނަ ގޮތަށް ސިމެންތިންނެއް ނޫނޭ އޭރު ގެތައް ހަދާފައި ހުންނަނީ. އޭރު ހުންނަނީ ފަނުން ޖިފުޓިގަނޑުތަށް ހަދާފަ. މިހާރު ހުންނާނީ އެ ޖިފުޓިގަނޑުތަށް ހަލާކުވެފައެއްނު؟ ދޯ؟" ރައިނާ ނޫރީންއަށް ދޯ އެއްލިއެވެ.

"ތިއެއް އަހަންނަކަށް ނޭނގޭ. އެކަމަކު އަހަރުމެންނަށް އެނގޭނެ ގޮތެއް އެބައޮތް. ހިނގާބަ ބަލާލަންދާން. ވަރަށް މަޖާވާނެ" ނޫރީން ބޭނުންވީ އެތަންތަން ބަލާލާށެވެ.

"އަހަންނަށް ހަމަ ލާހިކެއް ނޫން. ނޫރީންއަށް އެނގޭތަ ކީއްވެގެންކަން މިރަށް ފަޅުވީ؟" ރައިނާއަށް އަޑުއިވިފައިވާ ވަރަކަށް ނޫރީންއަށް ކިޔާދޭން މަސައްކަތް ކުރިއެވެ.

"އުނހު. ބުނެބަ" ނޫރީންއާއި ރައިނާ ދެ ފިރިހެނުން ފެންނަފަށުގައި އިށީނެވެ.

"ރާއްޖޭގައި ވަރަށް ވަރަށް ކުރިން ފެތެރުނު ބައްޔެއް. ކަށިވިދުރިކިޔާ ބައްޔެއް. އެއީ ގައިންގަޔަށް އަރާ ބައްޔެއް. ވަރަށް ނުރައްކާތެރި ގަދަ ހުމަކާއެކު ގައިން ބިހިތަކެއް ނަގައިފައި ޖެހޭ ބައްޔެކޯ އެއީ. އެ ބިހިތައް ހަފުތާއެއްގެ ފަހުން ދޮސްއަރައިފައި ހުންނަ ފޮޅުތަކަކަށް ބަދަލުވާނެ. ހަތް ދުވަހާ ވިހި ދުވަހާދޭތެރޭ ބަލި ރަނގަޅުވާއިރު ދާއިމީ ގޮތެއްގައި ނުފިލާ ހުންނަ ލަކުނުތަކެއް ގައިގައި ހުންނާނެ. މިހާރު މި ބައްޔަކީ ދުނިޔެއިން ނައްތާލެވިފައިވާ ބައްޔެއް. އެކަމަކު އޭރުގައި ރާއްޖޭގައި މިބަލި ފެތެރުނީ. ދެން މިރަށުގައި އުޅުނު މީހުންނަށްވެސް ބަލި ޖެހެން ފެށީ. ރަށުގެ ބޮޑުން ވާހަކަ ދައްކާފައި ބަލި ނުޖެހިތިބި އެންމެން ރަށުން ފައިބައިގެން ދިޔައީ. ރަށުގައި ބަލިޖެހިފައި ތިބި މީހުން ބައްތިއްބާފަ. އޭރަކީ ބޭސްވެރިކަން އެހާ ކުރިއަރާފައިވާ ޒަމާނެއް ނޫން. އެހެންވީމައި އެބަލީގައި ވަރަށް ގިނަ މީހުން މަރުވެގެން ދިޔަ. ރަނގަޅުވި މީހުން އެހެން ރަށްރަށަށް ދިޔައީ. މީހުން ކިޔާ އަދިވެސް މިރަށުން މީހުންގެ ކުކުރުމުގެ އަޑުއިވެއޭ." ރައިނާ ވަށައިގެން ރަށުތެރެއަށް ބަލަން އިނދެގެން ނޫރީންއަށް ކިޔާދިނެވެ.

"އެހެންވީމައި އެމީހުން މަރުވެގެން ދިޔައީ ވަރަށް ވޭނުގައި އެކަނިވެރިކަމުގައި ދޯ؟ އެމީހުންގެ އާއިލާއަށް އެހެން ދާން ކެރުނުކަންވެސް ދޯ؟" ނޫރީން ދެރަވެގެން އިސްޖަހާލިއެވެ.

"އެއްވެސް މީހަކު ބޭނުންވެގެން ނޫން ކަންނޭގެ އެހެން ނިންމީ. މިސާލަކަށް ވިސްނާލަބަލަ ދެމަފިރިއެއްގެ ކުޑަ ދަރިފުޅަކު އޮވެ އެފަދަ ނުރައްކާތެރި ބައްޔެއް އެކަކަށް ޖެހިއްޖެނަމަ ދެނޯ؟ ދެމީހުންވެސް ފުރަތަމަ ވިސްނާނީ އެ ދަރިފުޅާ ދޭތެރޭ ދޯ؟ އެއީ ކަންނޭނގެ އެވީ ގޮތަކީ" ރައިނާ ނޫރީންގެ ކޮނޑުގައި މަޑުމަޑުން އަތުން ޖަހާލިއެވެ.

"ހިނގާ ދާން އެކޮޅަށް. އެމީހުން އެ އުޅެނީ ކޮންމެވެސް މަހެއް ފިހަން ކަންނޭނގެ. އިހްސާން ފިހާރަޔަށް ދިޔަ މަސްގަންނަން." ރައިނާ ތެދުވެ ހިނގައިގަންނަމުން ބުންޏެވެ.

"ރައިނާ ދޭ. އަހަރެން ދާނަން އިރުކޮޅަކުން." ނޫރީން ނުތެދުވެ އިނީއެވެ.

"އަވަހަށް އަންނާތި" ރައިނާ ހިނިތުންވެލާފައި ހިނގައިގަތެވެ.

އިރުއިރުކޮޅުން ނީލްވެސް ނޫރީންއާއި ދިމާއަށް ބަލާލައެވެ. ބައެއް ފަހަރު އަތުން ހަނާއަޅާލައެވެ. ނޫރީންވެސް އަތުގެ އިޝާރާތުން މަޑުކުރާށޭ ބުނެލައެވެ. ވަގުތުކޮޅެއް އެހެން ދިޔުމަށްފަހު ނޫރީން ތެދުވެ ހިނގައިގަތީ ރަށުގެ ތެރެއަށެވެ. ރައިނާ ބުނި ފަންޖިފުޓިތަށް ހުރި ގޮތް ބަލާލަން ބޭނުންވެގެންނެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން މަޑުމަޑުން ހިނގާފައި ނޫރީން ދިޔަ އިރު ނޫރީންގެ ގައިގާ ކޮންމެވެސް ވަރަކަށް މަދިރި ދަތްއަޅާތީ އެތަންތަން ކެހުމަށް މަޑުކޮއްލައެވެ.

ދެވޭ ނުދެވޭތަނެއް ނޭނގި ނޫރީން ކުރިއަށް ހިނގަމުން ދިޔައިރު ބައެއް ގަސްތަކުން ފެންނަ މާތަށް ނައްޓާ ތަރުތީބެއް ނެތި ބޮލަށް ޖަހަމުން ގެންދިޔައެވެ. ނީލް ނޫރީން ގެއްލިގެން ހޯދާނެކަން ނޫރީން ކުޑަކޮށްވެސް ހަނދާނުގައި ނެތީއެވެ.

"ފުން ލޯބި މިހިތުގެ ނުއެނގުނަސް..." މަޑުމަޑުން ލަވަކިޔަމުން ދިޔަ ނޫރީން ލަވަ ހުއްޓާލީ ކުރިމަތިން ބިމާ ހަމަވެފައިވާ ފަންޖިފުޓިތަކެއް ފެނުމުންނެވެ. ކުރިއަށް ޖެހިލާ ނޫރީން މުޅި ސަރަހައްދައް ބަލާލިއެވެ. އެއް ޖިފުޓިއާއި ޖެހި އަނެއް ޖިފުޓިއެވެ. މަދުން ނަމަވެސް ވަޅުތަކެއް ފެންނަން ހުއްޓެވެ.

"މިވަރަށް ހަލާކުވެފައި ހުރި ތަނެއް ބަލަން އަހަރެން މިއައީ." ނިއްކުރީގައި އަތުން މަޑުމަޑުން ނޫރީން ޖަހާލާ ހިނިތުންވެލިއެވެ.

"ދެންވެސް އަވަހަށް އެމީހުން ކައިރިއަށް ދާންވީ" ކުއްލިއަކަށް ނީލްމެން މަތިން ނޫރީން ހަނދާންވިއެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން ހިނގައިގަތް ނޫރީން މަޑުޖެހުނީ މީހަކު އުޅޭކަމުގެ އިހްސާސްކުރެވުމުންނެވެ.

"ކާކު" ނޫރީން ގޮވާލިއެވެ. އެއްވެސް މީހެއްގެ ޖަވާބެއް ނުއެއް ލިބެއެވެ. އިވެނީ މީހެއްގެ ގިސްލުމުގެ އަޑެވެ. ނޫރީން ބިރުގަތެވެ. ކުރިއަށްވުރެ ބާރަށް ހިނގައިގަތެވެ. ދެންވެސް މީހަކު ފަހަތުން އަންނަ އިހްސާސްކުރެވޭތީ ގައިގަ ހުރި ބާރެއްލާފައި ދުއްވައިގަތެވެ.

ވިނަބޯ ވަލުތެރެއިން އެޔެއް މިޔެއް ނުބަލާ ދުވާތީ ބައެއްފަހަރު ވެއްޓެންވެސް އުޅެއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި ރަށުތެރެ ގުގުމާލީ ނޫރީންގެ ހަޅޭކުގެ އަޑުންނެވެ.

ނުނިމޭ

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
1

ހިޔާލު

  1. Saaji

    Adhi kiriya mibai kiyalevey varu mi vy…dhen nooryn ah vane gotheh visneny..vr rythi

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް