މަސައްކަތްތެރިންގެ ޙައްޤުގައި ދިއްދޫ ޒުވާނުން ޞުލްޙަވެރި މުޒާހަރާއެއް ކޮށްފި

މަސައްކަތްތެރިންގެ ޙައްޤުގައި ހއ.ދިއްދޫ ޒުވާނުން ޞުލްޙަވެރި މުޒާހަރާއެއް މިއަދު ކޮށްފިއެވެ.

މިއަދު ހަވީރު 04:45 ގައި ފެށުނު މިޞުލްޙަވެރި މުޒާހަރާގައި އެރަށުގެ ޒުވާނުންނާއި ރަށު ކައިރީ ރިޒޯޓްތަކުގައި މަސައްކަތް ކުރަމުންދާ ޒުވާނުންނާއެކު، ގާތްގަނޑަކަށް 100 އެއްހާ ރިޒޯޓް މުވައްޒަފުން ބައިވެރިވެފައިވާކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.

ދިއްދޫގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގެ މައިގަނޑު ބޭނުމަކީ "މިނިމަމް ވޭޖް"ގެ ބިލް އަވަސްކުރުންކަމަށް މުޒާހަރާގެ ބައިވެރިންވަނީ ބުނެފައެވެ.

"ޞުލްޙަވެރި މިމުޒާހަރާއަކީ މަސައްކަތްތެރިންގެ ޙައްޤުގައި މިނިމަމް ވޭޖް ގެ ބިލް އަވަސް ކުރުމަށް ހއ. އަތޮޅުގައި ތިބި ހުރިހާ މަޖިލީހުގެ މެންބަރުންނަށް ގޮވާލާ ގޮވާލުމެއް" މުޒާހަރާގެ ބައިވެރިން ބުންޏެވެ.

މުޒާހަރާގެ ބައިވެރިން އެމީހުންގެ ޝުޢޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކާއެކު ކުރިއަށްދިޔަ މިއަދުގެ މުޒާހަރާގައި އެމީހުންނަކީ ވިޔަފާވެރިންގެ ޕަޕެޓުން ނޫންކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ރިޒޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ނިސްބަތް އިތުރުކޮށްދިނުމަށް ގޮވާލާފައިވާއިރު، އެޖެންޑާ 19 ގައިވާ ގޮތުގެ މަތިން މަސައްކަތްތެރިންގެ ބިލް އަވަސްކުރުމަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައެވެ.

މިމުޒާހަރާގައި ޓުއަރިޒަމް އެމްލޯޔީސް އެސޯސިއޭޝަނުންގެ މެންބަރުންވެސްވަނީ ބައިވެރިވެފައެވެ.

ދިވެހިންނަށް ވަޒީފާ ނުލިބޭ މައްސަލައިގެ ޙައްލަކީ މިނިމަމް ވޭޖު ކަނޑައެޅުންކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާއިރު، އެބިލް މިއަހަރުތެރޭ މަޖިލީހަށް ވާއްދާނެކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށް ލަފާދޭނެ ''އެޑްވައިޒަރީ ބޯޑެއް" ރައީސް މިހާރުވަނީ އުފައްދަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ