ހުޅުމާލެ ބީޗް ކެފޭތައް - ފޮޓޯ: ޓްވިޓަރ

ބީޗް ކެފޭތަކުގެ މައްސަލައިގައި އެޗްޑީސީން ހަނު!

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުރި ހަޓްތަކާއި ކެފޭތަކުގެ ވާހަކަ ސޯޝަލް މީޑިޔާގައި ހަލުވިކަމާއި އެކު ފެތުރި، އެ ތަންތަނަކީ ގަވާއިދާއި ޚިލާފަށް ހިންގާ ތަންތަންކަމަށް އެޗްޑީސީން އެއްބަސްވެ، އެތަންތަން ނެގުމަށް މިދިޔަ އަހަރު ފަހުކޮޅު އަމުރުކުރިއެވެ.

އެޗްޑީސީން އޭރު ނެރުނު ބަޔާނުގައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެތަންތަން ނެގުމަށާއި، އޭގެ ފަހުން އެ ހަޓްތަކާއި ކެފޭތައް ހުރިނަމަ ލިބޭ ގެއްލުމަކަށް ނުބަލައި ރޫޅާލާނެކަމުގެ އިންޒާރު ދީފައެވެ.

މި އިންޒާރަށް ތަބާވެ ބައެއް ތަންތަނުގެ ވިޔަފާރި ހުއްޓާލިކަމުގައިވިޔަސް، ގިނަ ފަރާތްތަކުން އަދިވެސް އެކަން ކުރަމުންދާކަމުގެ ޝަކުވާ އާންމުން ވަނީ އުފުލާފައެވެ.

މިފަދަ ތަންތަނުގެ ވިޔަފާރި ހުއްޓުވާލެވިފައި ނުވަނީ އެޗްޑީސީގެ ތެރެއަށް ތަނުގެ ސީނިއާ މުވަޒަފުންގެ ނުފޫޒުގެ ސަބަބުން ގިނަ ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އެޗްޑީސީގެ ސީނިއާރ ބައެއް މުވަޒަފުންގެ މަސްލަހަތު އޮންނަ ކެފޭ ތައް ބީޗްގައި އަންނަނީ ހިންގަމުންކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މިކަމާއި ގުޅިގެން އެޗްޑީސީގެ ބަހެއް ހޯދާލުމަށް މިނޫހުން ތަކުރާރުކޮށް މަސައްކަތްކުރުމުންވެސް، އެޗްޑީސީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިހާތަނަށް ބީޗް ކެފޭ ހިންގުމުގެ އުސޫލް ކަނޑަނޭޅިއޮތުމާ ބެހޭގޮތުން އެޗްޑީސީން ވިދާޅުވެފައިވަނީ ތަނުގެ ވެރިން އަދި އެކަމަށް ގޮތް ނުނިންމާކަމަށެވެ.

ނަންހާމަނުކުރުމަށް ޝަރުތުކޮށް މިނޫހަށް މައުލޫމާތުދިން އެޗްޑީސީގެ މުވައްޒަފަކު ބުނީ ނުނެގިފައިވާ ހަޓްތަކާއި ކެފޭތަކަކީ އެޗްޑީސީގެ އިސްވެރިންގެ މަސްލަހަތު ހުރި ތަންތަންކަމަށާއި، ހަޓްތައް ނަގަން އުޅުނަސް އެތެރޭގެ ނުފޫޒުން އެކަން ހުއްޓުވަމުންދާކަމަށެވެ.

މަދު ފަރާތްތަކެއްގެ ހަޓްތައް ރޫޅާލެވިފައިވީނަމަވެސް ބައެއް ފަރާތްތަކުގެ ވިޔަފާރި އާންމު އުސޫލުން ކުރިއަށްދާ މައްސަލައިގައި ހުޅުމާލޭގެ ގިނަ ފަރާތްތަކުންނާއި ބީޗް ފްރަންޓްގެ ގެސްޓްހައުސް އޮޕަރޭޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ