(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)
އިވެނީ މީހެއްގެ ގިސްލުމުގެ އަޑެވެ. ނޫރީން ބިރުގަތެވެ. ކުރިއަށްވުރެ ބާރަށް ހިނގައިގަތެވެ. ދެންވެސް މީހަކު ފަހަތުން އަންނަ ކަމުގެ އިހްސާސްކުރެވޭތީ ގައިގަ ހުރި ބާރެއްލާފައި ދުއްވައިގަތެވެ. ވިނަބޯ ވަލުތެރެއިން އެޔެއް މިޔެއް ނުބަލާ ދުވާތީ ބައެއްފަހަރު ވެއްޓެންވެސް އުޅެއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި ރަށުތެރެ ގުގުމާލީ ނޫރީންގެ ހަޅޭކުގެ އަޑުންނެވެ.
"ހަޅޭއްނުލަވަބަލަ ނޫރީން" ނޫރީންގެ އަތުގައި ކުއްލިޔަކަށް ހިފައި ދަމައިގަތް ނީލް ހެމުން ބުންޏެވެ.
"ހަޅޭއް ނުލަވާށޭ، ނީލް ބަލާބަލަ އަހަރެންގެ ހިތްތެޅޭ ވަރު." ނީލްގެ ގައިގާ ތަޅައިގަންނަމުން ނޫރީން ބާރަށް ބުންޏެވެ.
"ހަހަހަ ސޮރީ. ކުއްލިއަކަށް ނޫރީން ފެންނަން ނެތުނީމަ ހޯދަން އާދެވުނީ. އަހަންނަށް އާދެވުނު އިރު ނޫރީން ކަމަކާ ބިރުން އުޅޭހެން ހީވީމަ އިތުރަށް ބިރު ގަންނަވާލީ." އަދިވެސް ނީލް ހެނީއެވެ.
"ނީލްއަށް އަޑެއް ނީވޭތަ މީހަކު ގިސްލާއަޑެއް؟" ނޫރީން ހައިރާންވިއެވެ.
"ކާކު ދެން މިތާނގަ ރޮއި ގިސްލާ ހަދާނީ. ރައިނާ ވާހަކައެއް ކިޔާދިން އިރަށް ނޫރީން ތި ހުރީ މާ ބޮޑަށް އެއަށް ވަދެ ހުސްވެފައި. އަޑުއަޑު އެކަންޏެއް ނޫން. ތިވަރު ވީމަ މީހުންވެސް، ހަންޑިންވެސް، ޖިންނިންވެސް، ދެޔޯވެސް، ނަމެއް އޮތިއްޔާ އޮތްހާ އެއްޗެއް ފެންނާނެ. ދެންވެސް ހިނގާދާން. އެމީހުން އުޅޭނެ މިހާރު ކައްކަން." ނޫރީންގެ އަތުގައި ހިފައިން ހިނގައި ގަންނަމުން ނީލް ވާހަކަ ދެއްކިއެވެ.
ދިއްގާ ގަހެއްގެ ބިއްދޮށަށް ވަދެ ފިލައި އާޒިމް ހުރީ އެ މަންޒަރު ބަލާށެވެ. ކުރި މަސައްކަތް ފެނަށް ދިޔުމުން އެކަމާއި މެދު ހިތްހަމަ ނުޖެހޭ ގޮތްވެފައެވެ. ރައިނާ ނޫރީންއަށް އެރަށުގެ ހަގީގަތް ކިޔާދިން ވަގުތު އަޑުއަހަން ހުރެފައި އާޒިމް މޮޅު ރޭވުމެއް ރާވާލިއެވެ. މާގިނަ ވަގުތު އިންތިޒާރު ކުރަން ނުޖެހުނީ ނޫރީން އެކަނި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައިމައެވެ. ފިލާ ހުރެގެން ގިސްލުމުގެ އަޑުތަށް ނޫރިންއަށް އިއްވީ ނޫރީން ބިރުގަތުމުން ނޫރީން ގާތަށް ދިޔުމަށެވެ. ނޫރީންއަށް އާޒިމްއާއިއެކު ރައްކާތެރިކަން އިހްސާސްކޮށް ދިނުމަށެވެ. އަދި އެކަމުގެ ސަބަބުން ނޫރީން އާޒިމްއާއި ގާތްވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އާޒިމް ހީކުރި ގޮތަކަށް ނޫނެވެ. ނީލްގެ ސަބަބުން އޭނާގެ މޮޅު ރޭވުން ބޭކާރުވީއެވެ. ނުވިތާކަށް ނީލްއާއި ނޫރީން އަތުގައި ހިފައިގެން ދިޔަ މަންޒަރު ފެނުމުން އިތުރަށް އެ ހިތުގެ ތެރޭގައި ނަފްރަތުގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ.
ނީލްމެންނަށް އަތިރި މައްޗަށް ދެވުނު އިރު ވިއްސާރަ ވިލާތަކުން މުޅި ދުނިޔެ މަތި ބައްދަނީއެވެ. ޖެހެމުން ދިޔަ މަޑުމަޑުވައިރޯޅިތަށް ވަރުގަދަވާން ފަށައިފިއެވެ. ޖެހެމުން ދިޔަ ވައިގައި ޖަހަން މަސައްކަތްކުރި އަލިފާންގަނޑު ނިވޭތީ އިހްސާންއާއި ރައިނާއުޅުނެވެ.
"މިވައިގަ ކެއްކޭނެހެން ހީވޭތަ؟" ނީލް އަރާ ހަމަކޮއްލަމުން އަހާލިއެވެ.
"ނުކައްކާ ދެން ކިހިނެއް ކަނީ؟"ރައިނާވެސް ކޮއްލީ ސުވާލެކެވެ.
"ހާސް ނުވޭ. ނުކެއްކުނަސް ކެވިދާނެއްނު؟ އަހަރެން ގެނައި ދަބަހުގައި ހުންނާނެ ކޭކާ ބިސްކޯދު ކަހަލަ އެއްޗެހި. ރައިނާ ގެނައިމެއްނު ޖޫސް. އެ ހަމަޖެހުނީނު؟ އަނެއްކާ މިހިރަ ރުއްތަކުން ކުރުނބާ އެޅީމަ ވީއެއްނު" ނޫރީން ހަމަޖެހިލިއެވެ.
ނޫރީންގެ ނިންމުމަށް އެންމެން އެއްބަސް ކިޔާ ކައްކާ ހިޔާލު ދޫކޮއްލިއެވެ.
މޫސުމަށް ކިތަންމެ ބަދަލެއް އައި ނަމަވެސް ނޫރީންއާއި ރައިނާ އަނބުރާ ރަށަށް ދިޔުމަކަށް ބޭނުމެއް ނުވެއެވެ. އެހެން ކަމުން އެންމެން އިށީނދެގެން ތިބީ އަތިރިމަތީ ހުރި ދިއްގާ ގަހެއްގެ މޫތަކުގެ މަތީގައެވެ. ވެހެމުން ދިޔަ ހިމަފޮދުވާރޭ ފަހަރަކަށް ވުރެ ފަހަރަކު ބޯވަމުން ދިޔައެވެ. ހަމަޖެހިލައިގެން ނޫރީން ހިނިތުންވެފައި އިނީ އެ މަންޒަރު ބަލާށެވެ.
"އެނގޭތަ. އަހަރެން އެންމެ ކުޑައިރުއްސުރެވެސް ވާރެއާ ތެމޭ ހިތްވޭ. ވިއްސާރަ ވެހޭ ވަގުތު ފެންތިކިތަށް ފަތްތަކުގައި ޖެހުމުން އެ އިވޭ މަޑު އަޑުތައް. އަނެއްކާ ވިއްސާރަ ވެހެން ފެށީމަ އަހަންނަށް ރަށުތެރެއިން ވަރަށް މީރުވަސް ދުވާ. މަންމަ ބުނީ އެއީ ހަމައެކަނި ހިރަފުސް ވަހޯ. ވިއްސާރަ މޫސުމުގައި އަހަންނަށް ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް އިހްސާސް ކުރެވޭ. ކުރީގައި މަންމަ ބަލި ނުވާއިރު އަހަރެން މަންމައާއި އެއްކޮށް ވަރަށް ގިނައިން ވާރެއާއި ތެމެން. މިއަދު މަންމަ މަތިން ވަރަށް ހަނދާންވޭ އެބަ." ނޫރީން އިސްޖަހާލިއެވެ.
"މަންމަ ނެތަސް ތެމެވިދާނެ އެއްނު ދޯ ނީލް" ރައިނާ ނީލްއަށް ދޯދެމުން ތެދުވެ އިހްސާންގެ އަތުގައި ހިފައިގެން ގަހުގެ ހިޔަލުން ބޭރަށް ނުކުތެވެ. ނޫރީންވެސް އެދެމީހުންގެ ފަހަތުން ނުކުމެ އަތިރިމަތީގައި ދުވަން ފެށިއެވެ. ކުޑަކުއްޖަކަށް އަލަށް ބޭރަށް ނުކުމެވިގެން އުޅޭ ފަދައިންނެވެ. ނީލް އިން ގޮތަށް އިނީއެވެ. ނޫރީން އުޅޭގޮތްބަލާށެވެ. އެ މޫނުމަތިން ފެންނަ ހިނިތުންވުން ދެކޭށެވެ.
"ނީލްއާދެބަލަ" ނޫރީން ދުރުގައި ހުރެފައި ގޮވާލިއެވެ. ނޫނެކޭ ބުނާފަދައިން ނީލް އަތްހޫރުވާލިއެވެ. ނަމަވެސް ގޮތް ދޫކުރަން ބޭނުން ނުވާ ނޫރީން ދުވެފައި އައިސް ނީލްގެ އަތުގައި ހިފާ ދަމަން ފެށިއެވެ. އެންމެ ފަހުން ނީލްވެސް ވާރެއާއި ތެމެން އެއްބަސްވިއެވެ.
"މަޑުކޮއްލާ. މިއަންނަނީ ގަމީސް ބާލާފަ. އަހަންނެއް ބޭނުމެއް ނޫން ތެމިގެން ރަށަށް ދެވެންދެން ތުރުތުރު އަޅައަޅާ ހުންނާކަށް." ހުދު ގަމީސް ބޭލުމައްފަހު ނީލް ގޮފިގަނޑެއްގައި އަޅުވާލިއެވެ. އެއަށްފަހު ނޫރީންއާއި އެއްކޮއް ތެމެން ނުކުތެވެ.
ތަނެއްދޮރެއް ބެލުމެއް ނެތި ހަތަރުމީހުން ސަކަރާތްޖަހާ ހީ މަޖާކުރަމުން ދިޔައިރު އެ އުފާވެރިކަމަށް ހުއްޓުމެއްނެތި އާޒިމް ދިޔައީ ކަޅިއަޅަމުންނެވެ. ނީލްގެ ބަދަލުގައި އެތަނުގައި ނޫރީން ގާތުގައި ހުންނަން ޖެހޭނީ އޭނަކަމަށް އާޒިމް ގަބޫލުކުރެއެވެ. ވާނީވެސް އެހެންނެވެ. ބޭނުންވާ ކޮންމެ ކަމެއް ވަމުން އަންނަ ކަމައްވަންޏާ އަބަދުވެސް އެހެން ވާނެ ކަމަކަށް ގަބޫލުކުރެވޭނެއެވެ.
"ބަލަ ޖޭމުގަހެއް" ނޫރީން ޖޭމުގަހެއްގެ ދަށުގައި ހުއްޓިލަމުން ބުންޏެވެ. ރައިނާވެސް ނޫރީންގާތުގައި މަޑުކޮއްލިއެވެ. ޖޭމު ބިންނާށެވެ. އޭރު އިހްސާންއާއި ނީލް އުޅުނީ ތަންކޮޅެއް ދުރުގައެވެ.
"އެބަ އަންނަން އެމީހުން ގޮވައިން. އޭރަށް މަތީގައި އެހެރަ ޖޭމުތަށް ބިނދެވޭނީ" ރައިނާ އަތުގައި ހުރި ޖޭމުތަށް ފަތެއްގެ މަތީގައި ބަހައްޓަމުން ބުނެލިއެވެ. ނޫރީންވެސް މާ ބޮޑު ކަމަކަށް ނުހަދާ ޖޭމު ކަމުން ،ޖޭމު ބިންނަމުން ދިޔައެވެ.
"އަނހަ. ހާދަ އަވަހަކަށް ތިއައީ. ނީލް ބަލާބަ އެއޮއް ބޮޑު ޖޭމެއް. އަހަރެންގެ އަތެއް ނުފޯރާ. ނީލްގެ އަތެއްވެސް ނުފޯރާނެ. ނީލް އަހަރެން އުފުއްލާލަބަލަ އަހަރެން އޭތި ބިނދެލަން." ތަންކޮޅެއް މަތީގައި އިން ޖޭމެއް ބިންނަން މަސައްކަތްކުރަމުން ނޫރީން އެދުނެވެ. ނީލްކަމަށް ހީކޮއް ނޫރީންއަށް ވާހަކަ ދެއްކުނީ ނޫރީން ކައިރިއަށް އައިސް ހުއްޓުނު އާޒިމްއާއެވެ. ފުރުސަތުގެ ބޭނުން ހިފަމުން އާޒިމް ނޫރީންގެ އުނަގަނޑުގައި ދެއަތުން ބާރަށް ހިފާ ހިއްލާލިއެވެ. ނޫރީންވެސް ބެލުމެއް ނެތި އެ ޖޭމު ބިނދެފިއެވެ.
"ދެން ތިރިކޮއްބަލަ، ބިނދެވިއްޖެޔޭ" ނޫރީން އެދުނެވެ. ނަމަވެސް އާޒިމްއަށް އެ އަޑު އިވޭހެން ހިއެއް ނުވެއެވެ.
"ނީލް އަހަރެން ތިރިކޮއްބަލަ" ނޫރީން އަނެއްކާވެސް ބުންޏެވެ.
"ކޮން ނީލްއެއް؟" ހިނިގަނޑެއް ޖަހާލަމުން އާޒިމް އަހާލިއެވެ.
"އާ..އާޒިމް.. އާޒިމް އަހަރެން ތިރިކުރޭ. ހަމަ މިހާރު ތިރިކުރޭ." ނޫރީން ރުޅިއައެވެ. އިރުކޮޅެއް ވަންދެން އާޒިމް އެގޮތުގައި މަޑުކޮއްލައިގެން ހުއްޓެވެ. ނަމަވެސް ނޫރީން ގަދަ ދައްކަން ފެށުމުން މަޑުމަޑުން ތިރިކުރިއެވެ.
"ހާދަ ރުޅިއެއް؟ ބަލަ އަހަރެންވެސް މިކޮއްދިނީ މަންޖެ ބޭނުންވި ކަންތަކެއްނު؟ ބޭނުމިއްޔާ މަންޖެ އުފުއްލާލައިން މުޅި މިރަށުގައިވެސް ހިނގާފާނަން." އާޒިމް ނުލަފާ ޒާތަކަށް ހިނިގަނޑެއް ޖަހާލަމުން ނޫރީންއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.
ނޫރީން ލާފައި ހުރި ހުދު ޓީޝާޓް އޮތީ ގައިގާ ތަތްވެފައެވެ. އާޒިމްގެ ބެލުން ހުރި ގޮތުން ޖެހިލުންވެ ނޫރީން މޭމަތީގައި ދެއަތް އަޅާ ފޮރުވާލަން މަސައްކަތްކުރިއެވެ.
"އަހަންނަށް ފޮރުވަން ނޫޅޭ. ތިއީ އަހަރެންގެ މީހެކޭ. އެހެން ނޫނަސް ތިހާ ރީތި ހަށިގަނޑެއް ފޮރުވުމުގެ ބޭނުމަކީ ކޮބާ؟" ނޫރީންގެ އަތުގައި ހިފާ ތިރިކުރަން މަސައްކަތް ކުރަމުން އާޒިމް ވާހަކަދެއްކިއެވެ.
"އަހަރެން އަތުން ދޫކޮއްލާ. އަހަރެން ރުޅިނާރުވާ. އޭރުން އާޒިމްއަށް ރަނގަޅެއް ނުވާނެ. އަދި ނުވިތާކަށް އަހަރެން މިއީ އާޒިމްގެ މީހެއްވެސް ނޫން." ނޫރީން ހިތްހަމަ ނުޖެހުނެވެ.
"އެހެންތަ؟ މަންޖެއަށް އަހަންނަށް ކީއްކުރެވޭނީ؟ ކުރެވޭކަމެއް ނިކަން އަހަންނަށް ދައްކާލަބަލަ" އާޒިމްގެ މޫނު ނޫރީންގެ މޫނާ ގާތްކޮއްލަމުން ބުނެލިއެވެ.
"އަހަރެންނަކީ ކާކު ކަމެއް އަދި އާޒިމްއަށް ނޭނގެއެއްނު؟ އެނގޭނަމަ އަހަރެންނާއި ތިގޮތަށް ގާތެއް ނުވާނެ. ފަހު ފަހަރަށް މި ބުނަނީ . ހަމަ މިހާރު މިތަނުން ދުރަށްދޭ" ނޫރީން އިންޒާރުދިނެވެ. ނަމަވެސް އާޒިމް ކަހާތަން ހިރުވާވެސް ނުލާ ނޫރީންއާއި ގާތްވަމުން ދިޔައެވެ.
ބަލާކަށް ނުހުރެ ނޫރީން މޫނު ދުރަށް ޖައްސާލުމައްފަހު އާޒިމްގެ ދެލޮލަށް ކުއްލިއަކަށް ކުޅު ޖެހިއެވެ.
"ދެން ނިކަން އަހަންނާއި ގާތްވެބަލަ" ނޫރީން އެހެން ބުނި އިރު ދުވެފައި ނީލްމެންވެސް އަންނަނީއެވެ. އާޒިމް ދެލޮލުގައި އަތްއަޅައިން ރޮނީއެވެ.
"އާޒިމްއަށް ކިހިނެއްވީ؟" އިހްސާން އަހާލިއެވެ.
"މީހުންގެ ހުއްދައެއް ނެތި މީހުންގެ ގައިގަ އަތްލާ،މީހުންނާ ގާތްވާން އުޅެންޏާ ވާނެގޮތް އެވީ." ނޫރީން ހިނިތުންވެލަމުން ބުންޏެވެ.
"އާޒިމް ނޫރީން ގައިގަ އަތްލީތަ؟" ނީލް ނޫރީންއާއި ގާތްވެލަމުން އަހާލިއެވެ.
"ހޫމް. އޭނައަށް އަހަރެންގެ ހަށިގަނޑު މާކަމުދަނީޔޯލަ. ދެން ހުންނާނެ ކަމުދާ ހަށިގަނޑުތަށް ފެނިފަ. ނަސީބެއްނު އަދި އަހަންނަށް ޖެހުނީ ކުޅެއްކަން. ޝުކުރު ކުރޭ އަހަރެން އޭނަގެ ދެލޮލަށް އިނގިލި ކޮއްޕާނުލިކަން." ދެލޮލުގައި އަތްއަޅައިގެން އިނދެ ރޮއިހޭރެމުން ދިޔަ އާޒިމް ފަސްދީ ހިނގައިގަންނަމުން ނޫރީން ބުންޏެވެ. އިހްސާންއާއި ރައިނާ އާޒިމްގާތުގައި ބައިތިއްބާފައި ނީލް ނޫރީންގެ ފަހަތުން ހިނގައިގަތެވެ.
"ނޫރީން މަޑުކޮއްބަލަ" ލައިގެން ހުރި ގަމީސް ބާލަމުން ނީލް އެދުނެވެ.
ނޫރީން ހުރި ފިޔަވަޅު މައްޗަށް މަޑުވެލިއެވެ. ނީލްގޮސް ނޫރީއަތަށް ގަމީސް ދިއްކޮއްލިއެވެ.
"ޓީޝާޓް މަތިން ތި ލާ" ދުރަށް ބަލަން ހުރެގެން ނީލް އެދުނެވެ.
"ނީލްގެ ލޮލަށް އަހަރެން ކުޅެއް ނުޖަހަނާމޭ." ނޫރީން ދިމާކޮއްލިއެވެ.
"އަސްލުވެސް ބުނެބަލަ ކިހިނެއްތަ އޭނަގެ ލޮލައް ހެދީ؟ ހަމައެކަނި ކުޅެއް ޖަހައިން ބޮޑު ފިރިހެނަކު އެވަރަށް ރޯނެތަ؟" ނީލް ހައިރާންވިއެވެ.
"އެއީ އާދައިގެ ކުޅެއްތަ؟ ނީލް އަޑެއް ނާހަންތަ ހަންޑިއެއް، މީހެއްގެ ލޮލަށް ކުޅު ޖަހައިފިއްޔާ އެ ލޯ އަނދިރިވާ ވާހަކައެއް؟" ނޫރީން ނީލްގެ ލޮލަށް ބަލަން ހުރެގެން ސުވާލު ކޮއްލިއެވެ.
ނުނިމޭ




ހިޔާލު
Rythi rythi vr ves rythi…