ކަޝްމީރުގެ މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންނާއި ބަދަލުކުރި ހަމަލާ ތަކެއްގައި އިންޑިއާ ސިފައިންގެ ހަތަރު މީހަކު މަރުވެއްޖެއެވެ.
މި ހަމަލާތައް ބަދަލު ކުރެވިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަޝްމީރުގައި އިންޑިއާ ސިފައިން ދަތުރު ކުރަމުންދިޔަ ވެހިކަލަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައި އިންޑިއާ ސިފައިންގެ 40 މީހުން މަރާލި ހަމަލާދިން ހަނގުރާމަވެރިން ހޯދުމަށް އިންޑިއާ ސިފައިން ހިނގި އޮޕަރޭޝަނެއްގައެވެ.
16 ގަޑިއިރަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި ހަނގުރާމަވެރިންގެ ތެރެއިންވެސް ތިން މީހުން މަރާލެވިފައި ވާކަމަށް އިންޑިއާ ސިފައިން މައުލޫމާތު ދެއެވެ.
ކަޝްމީރަކީ، އެތަނެއްގެ މިލްކުވެރިކަމަށް އިންޑިއާ އަދި ޕާކިސްތާނުން ދައުވާކުރާ ސަރަހައްދެކެވެ. ކަޝްމީރުގެ މެޖޯރިޓީ ހިއްސާކުރަނީ މުސްލިމުންނެވެ.