ފަސްވަނަ "ވޯލްޑް ޓޫރިޒަމް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުއިއްޔާ ޔޫއެންޑަބްލިޔުޓީއޯ އިން ދެއްވި ދައުވަތަކަށް މިނިސްޓަރ އޮފް ޓޫރިޒަމް ޢަީ ވަޙީދު މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.
"ބިޔޯންގ ޓޫރިޒަމް - ބިޔޯންގ އެކްސްޕެކްޓޭޝަން" ގެ ޝިޔާރުގައި ކުއަލަލަމްޕޫރުގައި ކުރިއަށްދާ މި ކޮންފެރެންސް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވަނީ މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުޙައްމަދެވެ.
"ވޯލްޑް ޓޫރިޒަމް ކޮންފަރެންސް" ގެ ފުރަތަމަ ސެޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަތި އައު މިސްރާބަކަށް ގެންދިއުމަށްޓަކައި ކުރައްވާ ތަސައްވުރާއި، މިކަން ހާސިލުކުރެވޭެ ގޮތްތަކާއި ގުޅޭގޮތުން މިނިސްޓަރ ޢަލީ ވަޙީދު ކޮންފެރެންސްގެ ބައިވެރިންނާއި މުޚާޠަބުކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
"މީގެ އިތުރުން މިދަތުރުފުޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، މިނިސްޓަރ ޢަލީ ވަހީދު މެލޭޝިޔާގެ ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމައްދީން ކެޓާޕިއާއިއެކު މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ." ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓަރ ޢަލީ ވަޙީދުގެ މި ދަތުރުފުޅުގައި މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވަރސިޓީގެ ދައުވަތަކަށް، އެ ޔުނިވަރސިޓީގެ ރައީސް އާއި ބައްދަލުކުރައްވައި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްޓަކައި ފުރުޞަތު ފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މެލޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާ ޤައުމުތަކުގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.



